19 އެޕްރީލް 2021 - 10:55

ރާއްޖެއަށް އަންނަ ޓޫރިސްޓުންނަށް އެއް އަހަރުގެ އޮންއެރައިވަލް ވިސާއެއް ލިބޭނެ އިންތިޒާމެއް ހަމަޖައްސަން މަސައްކަތްކުރަމުން އަންނަ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމު ވިދާޅުވެއްޖެ އެވެ.
ޓޫރިޒަމް މިނިސްޓަރު މައުސޫމް "މިހާރު" އަށް ވިދާޅުވީ އެ މަސައްކަތް އިމިގްރޭޝަނާ ގުޅިގެން ކުރަމުން އަންނަ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ މި ބަދަލު ގެނެސްފި ނަމަ ޓޫރިސްޓުން ރާއްޖޭގައި ހޭދަކުރާ މުއްދަތު އިތުރުވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
ނަމަވެސް މިގޮތަށް ދިގު މުއްދަތުގެ ވިސާ ލިބޭނެ ގޮތަކާ ބެހޭ ތަފްސީލެއް މިނިސްޓަރު ނުދެއްވަ އެވެ.
އާންމުކޮށް ރާއްޖެއަށް އަންނަ ޓޫރިސްޓުންނަށް އޮން އެރައިވަލް ވިސާ ލިބެނީ 30 ދުވަހަށެވެ. ނަމަވެސް ރަޝިއާ އާއި އިންޑިއާ އާއި ޕާކިސްތާނާއި ބަންގްލަދޭޝް މީހުންނަށް އޮންއެރައިވަލް ވިސާގެ ގޮތުގައި 90 ދުވަސް ލިބޭނެ އެވެ. ސްރީ ލަންކާ މީހުންނަށް ވެސް އޮން އެރައިވަލް ވިސާގެ ގޮތުގައި 30 ދުވަސް ލިބުނަސް މުއްދަތު އިތުރުކުރަން ބޭނުންވެއްޖެ ހާލަތެއްގައި 60 ދުވަސް އިތުރުކުރުމުގެ ފުރުސަތު ލިބެ އެވެ.
ރާއްޖޭގައި މިހާރު އެވްރެޖުކޮށް ޓޫރިސްޓުން ރާއްޖޭގައި ހޭދަކުރަނީ އަށް ދުވަހު އެވެ. ސަރުކާރުން ފަށާ ވިޒިޓް، ވެކްސިނޭޝަން، ވެކޭޝަން (3ވީ) ޕްރޮގްރާމުގައި، ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމަށް ފަހު ދެވަނަ ޑޯޒަށް އިތުރު ހަތަރު ހަފުތާވަރު ތިބެން ޖެހޭނެ އެވެ. ޓޫރިސްޓު ވިސާގެ މުއްދަތު އިތުރުކޮށްގެން މި ޕްރޮގްރާމު ކުރިއަށް ގެންދަން ވެސް ވަރަށް ބޮޑަށް ފަސޭހަވާނެ އެވެ.
ރާއްޖޭގައި 3ވީ ޕްރޮގްރާމު ފަށަން ސަރުކާރުން ނިންމާފައިވަނީ ރާއްޖޭގައި ވެކްސިން ޖެހޭ އާބާދީއަށް ވެކްސިން ފުރިހަމަ ކުރުމަށް ފަހު އެވެ.