ނަޝީދަށް ބޮޑުވަޒީރުކަން، ރައީސަށް ކެރިވަޑައިގަންނަވާނެބާ؟
ނަޝީދަށް ބޮޑުވަޒީރުކަން، ރައީސަށް ކެރިވަޑައިގަންނަވާނެބާ؟

ކުރީގެ ރައީސް މުހައްމަދު ނަޝީދު ބޮޑުވަޒީރުކަން ބޭނުންފުޅުވެގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ރޭ މެސެޖެއް ފޮނުއްވިޔަސް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ބައެއް އަރިސް ބޭފުޅުންނަށް މާ ބޮޑު ޝޮކެއް ލިބިވަޑައެއް ނުގަންނަވަ އެވެ. ސަބަބަކީ، މި މަހުގެ 10 ގައި ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ 48 ގަޑިއިރުގެ ތެރޭގައި އެ ވާހަކަ ވީހާ ތިލަކޮށް މީޑީއާ އަށް ނުކުންނާނެކަން "އެތެރޭގެ ބައެއް މަންޒަރުތަކުން" ސާފުވެފައިވާތީ އެވެ. ކުރިއާލައި ރޭވިގެން، ނަޝީދު ހުންނެވީ ލޯކަލް އިންތިހާބަށް ފަހު، އެކަމާއިގެން އަމަލީ ގޮތުން ކުރިއަަށް ވަޑައިގަންނަވަން ނިންމަވައިގެންނެވެ.

ނަޝީދަށް ބޮޑުވަޒީރުކަން، ރައީސަށް ކެރިވަޑައިގަންނަވާނެބާ؟
ނަޝީދަށް ބޮޑުވަޒީރުކަން، ރައީސަށް ކެރިވަޑައިގަންނަވާނެބާ؟

ރާއްޖޭގެ ވެރިކަން ބަރުލަމާނީ ނިޒާމަށް ފުރޮޅާލަން ނަޝީދު ބޭނުންފުޅުވާތާ ކިތަންމެ ދުވަހެކެވެ. ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކުރިން އެކަން ކޮޅެއްގައި ޖައްސަވާނެ ކަން ކަށަވަރެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް، ނަޝީދު ރޭ ފޮނުއްވި މެސެޖުން އެކަން ޔަގީނެވެ. އެމްޑީޕީގެ ފަލްސަފާއަކީ ބަރުލަމާނީ ނިޒާމަކުން ވެރިކަން ކުރުން ކަމަށްވާއިރު، ސިޔާސީ ގޮތުން ބާރުވެރިކަން އޮތް މި ދުވަސްވަރު އެ ނަތީޖާ ނެރުއްވަން އެ މަނިކުފާނު އުޅުއްވާނެ އެވެ.

ނަޝީދަށް ބޮޑުވަޒީރުކަން، ރައީސަށް ކެރިވަޑައިގަންނަވާނެބާ؟
ނަޝީދަށް ބޮޑުވަޒީރުކަން، ރައީސަށް ކެރިވަޑައިގަންނަވާނެބާ؟

ދެން އޮތީ ރައީސް ހައްދަވާނެ ގޮތެވެ. ނަޝީދުގެ މެސެޖަށް ބަލާއިރު، 2023 ގައި ރިޔާސީ އިންތިހާބު ބާއްވަން ވެސް އެ މަނިކުފާނު ބޭނުންފުޅެއް ނޫނެވެ. ރައީސަކު ކަނޑައަޅަން ނަޝީދު ބޭނުންފުޅު ވަނީ މިހާރު އޮތް ރައްޔިތުންގެ މަޖިލީހުންނެވެ. މާނައަކީ ކުރިއަށް އޮތް ދުވަސްތަކުގައި މަޖިލީހުގެ ބާރުވެރިކަމާއި ތާއީދަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދަށް އެންމެ މުހިންމު ކަންތައް ކަަމެވެ.

ބަރުލަމާނީ ނިޒާމު ގެނައުމާ ގުޅޭ ގޮތުން މިހާތަނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސާފުކޮށް އެއްވެސް ވާހަކަފުޅެއް ވިދާޅެއް ނުވެ އެވެ. ދައްކަވާފައިވާ ވާހަކަފުޅެއް ނަމަ ދައްކަވާފައި ވަނީ ވަރަށް ޑިޕްލޮމެޓިކް ކޮށެވެ. ނަމަވެސް ނަޝީދުގެ މެސެޖާ އެކު، މިއީ ރައީސްގެ ވެރިކަމުގައި މިހާތަނަށް ސިޔާސީ ގޮތުން ކުރިމަތިވެ ވަޑައިގަންނަވާ އެންމެ ބޮޑު އިމްތިހާނު ކަމަށް ވާނެ އެވެ.

ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށް ވުރެ ބޮޑަށް މިހާރު ބޭނުންވަނީ ރައްޔިތުންނަށް އެ މަނިކުފާނު ވެވަޑައިގެންފައިވާ ވައުދު ފުއްދެވުން ކަމަށާއި އިސްކަން ދެއްވަނީ އެކަމަށް ކަމަށް ވިދާޅުވެފައި ވެ އެވެ. އެއް ފަހަރު ވިދާޅުވެފައި ވަނީ މައްސަލައަކީ ވެރިކަމުގެ ނިޒާމު ނޫން ކަމަށާއި ވެރިކަން ކުރަން ތިބޭ ބައެއްގެ ތެދުވެރިކަން ކަމަށެވެ. މިއީ ބަރުލަމާނީ ނިޒާމާ ގުޅޭ ގޮތުން ނަޝީދު ދައްކަވާ ވާހަކަފުޅުތަކަށް ރިއާޔަތްކޮށް، ސުވާލެއް ކޮށްފި ނަމަ ރައީސްގެ ފަރާތުން އަންނަ ޖަވާބުތަކެވެ.

ނަޝީދުގެ މެސެޖު މިހާ ޝައުގުވެރިވަނީ ވެސް ރައީސް ހުންނެވި ގޮތެއް ނޭނގޭތީ އެވެ. މި މައްސަލައިގައި ކޮޅެއް ނުނަންގަވާތީ އެވެ.

އެކަމަކު، ނަޝީދު މިވަނީ ސީދާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންނަށާއި ނަޝީދަށް ވެސް ސީދާ، ސާފު ޖަވާބެއް ދެއްވުމަށް މަޖުބޫރު ކުރައްވައިފަ އެވެ. ކޮންމެވެސް ގޮތަކަށް އެ މަނިކުފާނު މި ފަހަރު ނިންމަވަން ޖެހިވަޑައިގަންނަވަ އެވެ.

ސުވާލަކީ ފާޅުގައި ނަޝީދަށް "ނޫނެކޭ" ވިދާޅުވުމުގެ ހިތްވަރު ރައީސްގެ ކިބައިގައި އެބަހުރި ހެއްޔެވެ؟ ބަރުލަމާނީ ނިޒާމު ގެނައުމާ މެދު ގޮތެއް ނިންމަވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމަށް ނަޝީދު ކުރިން ވިދާޅުވެފައި ވިޔަސް، ސިޔާސީ ގޮތުން އެ މަނިކުފާނު ބޭނުންފުޅު ގޮތަކަށް ނިންމަވަން ރައީސަށް އޮތީ ކިހާ މިނިވަން ސިކުނޑިއެއް ބާވަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަަށް ވަޑައިގަތީ ނަޝީދުގެ އެހީތެރިކަމާއެކު އެވެ. އެންމެ ފަހުގެ ރިޔާސީ އިންތިހާބުގައި ކޮންމެ ކަމަކާ ދިމާވެގެން ވިޔަސް އެ ފުރުސަތު ނަޝީދަށް ބަންދުވެ، ގޮތް ހުސްވެގެންނެވެ. ދެ ބޭފުޅުންނަކީ ކުޑައިރުއްސުރެ އެންމެ ގާތް ދެ އެކުވެރިންނެވެ.

ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެން، ފެންނަ މަންޒަރުތަކަށް ބަލާއިރު ނަޝީދު ނިންމަވާ ނިންމެވުންތަކާއި ސަރުކާރަށް އަމާޒު ކުރައްވާ ވާހަކަތަކާއި ވަޒީރުން "ކަތިލާން" ނަޝީދު އިސްވެ ކުރައްވާ ކަންކަމާ ދެކޮޅަށް ރައީސްގެ ފަރާތްޕުޅުން ފެންނަނީ "ފިނޑި" ކަމެވެ. ނަޝީދުގެ ފަރާތްޕުޅުން ސަރުކާރަށް ކުރިމަތިވާ "ޑެމޭޖު"ތަކަށް ރައްދު ދެއްވައި، ސަރުކާރު ދިފާއު ކުރެއްވުން ވަރަށް ދަށެވެ. މިއީ ކަންކަން ބަލަން ދުރުގައި ތިބި މީހުންނަށް ފެންނަ މަންޒަރެވެ. ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ އެހާ ކުރިން "ކޯޅުމަކަށް" ވަޑައިގަންނަވަން ރައީސް ބޭނުންފުޅު ނުވަނީ ކަމަށް ވެސް ވެދާނެ އެވެ. ނުވަތަ ރައީސްގެ ހުންނަ މަޑުމައިތިރިކަމާއި ގައުމީ މަސްލަހަތަށް ބައްލަވާތީ ދަނޑިވަަޅަށް މަޑުކުރައްވަނީ ކަމަށް ވެސް ވެދާނެ އެވެ.

ނަޝީދަށް ވަރަށް ބޮޑަށް ތާއީދު ކުރައްވާ ބައެއް ބޭފުޅުންގެ ވިސްނުމުގައި މައިގަނޑު އެއް މައްސަލައަކީ ސަރުކާރު ނުހިނގުމެވެ. ރައްޔިތުން ނިކަމެތިވެ، ބޯހިޔާވަހިކަމަށް ފުރުސަތު ހޯދައި ނުދެވުމެވެ. މި ފަހަރުގެ ލޯކަލް އިންތިހާބުގައި މާލޭ ސިޓީ ކައުންސިލްގެ އަޣުލަބިއްޔަތު އެމްޑީޕީ އަށް ގެއްލުމަކީ އޭގެ ހެކި ކަމަށް އެ ބޭފުޅުން ދެކެވަޑައިގަންނަވަ އެވެ.

"އެހެންވެ، ރައީސް ނަޝީދު ބޭނުންފުޅުވަނީ އެ މަނިކުފާނުގެ ބައިވެރިވުމާއެކު ކަންކަން ރަނގަޅު ކުރަން. ރައީސް ނަޝީދަކަށް ކެތެއް ނުކުރެވޭނެ ރައްޔިތުން އެހާ ހާލުގައި ބައިތިއްބާކަށް. މި ސަރުކާރަކަށް މިހާތަނަށް އެ ނަތީޖާއެއް ނުދެއްކުނު،" ނަޝީދުގެ ސިޔާސަތުތަކަށް އަބަދުވެސް ތާއީދު ކުރައްވާ، މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވި އެވެ.

އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި، މިހާރު ކަންކަން ގޮސްފައިވާ ހިސާބަށް ބަލާއިރު ރައީސާއި ނަޝީދު ގޮތެއް ނިންމަވަން ޖެހެ އެވެ.

"ރައީސް ނަޝީދަކީ ރައްޔިތުންގެ ބޮޑު ޕަސެންޓެއްގެ ތާއީދު އޮތް ބޭފުޅެއް. އެއީ އެމްޑީޕީގެ ރައީސް. ރައްޔިތުންގެ މަޖިލީހުގެ ރައީސް. އެކަމަކު، އެ ބޭފުޅާ ވަކި މީހަކަށް އިތުބާރެއް ނެތޭ ވިދާޅުވީމާ އަނެއްކޮޅުން ރައީސް ނުކުމެވަޑައިގެން މި ވިދާޅުވަނީ ތިމަންނަގެ ފުރިހަމަ އިތުބާރު އެބައޮތޭ. ރައީސް ނަޝީދު އެބަވިދާޅުވޭ، އެ ބޭފުޅަކު މިވެނި ކަންތައްތަކެއް އެބަކުރެއޭ. އެހެންވީމާ އިތުބާރެއް ނެތޭ،" ބޮންޑޭ ވިދާޅުވި އެވެ.

"ސަރުކާރެއް ނުހިނގާ. ރައްޔިތުންގެ އުންމީދުތަކެއް ހާސިލު ކޮށެއް ނުދެވޭ. އެހެންވީމާ ރައީސް ނަޝީދު ބޭނުންފުޅުވަނީ އެ މަނިކުފާނުގެ ހިއްސާ އޮވެގެން ކަންކަން ރަނގަޅު ކުރަން."

ބަރުލަމާނީ ނިޒާމާ ގުޅޭ ގޮތުން މީގެ ކުރިން ނަޝީދު ދައްކަވާފައިވާ ވާހަކަފުޅުތަކަށް ބަލާއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުއްވި މެސެޖުގެ ފަހަތުގައި ކޮންމެވެސް "އެހެން" ކަންތައްތަކެއް ހުރުން ގާތް ކަމަށް ބެލެވެ އެވެ. އެއީ ނަޝީދުގެ ކުރީގެ ވާހަކަފުޅުތަކާ ހިލާފު މެސެޖަކަށް ވާތީ އެވެ.

ނަޝީދު ކުރިން ވިދާޅުވެފައިވާ ގޮތުން ބޮޑަށް ދޭހަވަނީ ބަރުލަމާނީ ނިޒާމު ގެނަޔަސް އެކަން ކުރައްވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފުރިހަމަ ބައިވެރިވުމާ އެކު ކަމެވެ. އެ މަނިކުފާނަށް ދަތިފުޅުވާ ކަމެއް ނަޝީދުގެ ފަރާތްޕުޅުން ނުކުރައްވާނެ ކަމަށް އޭޕްރީލް 2019 ގައި ވިދާޅުވެފައި ވެ އެވެ. އެ ވާހަކަތައް އިސްވެ ދައްކަވަން ޖެހިވަޑައިގަންނަވާނީ ވެސް އޭރު ނަޝީދު ވިދާޅުވިގޮތުން ނަމަ ރައީސެވެ. ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭ އެއްވެސް މަސައްކަތެއް ފަށައިގަންނަންވާނީ ވެސް ނަޝީދު އޭރު ވިދާޅުވެފައިވާ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރުހުމާއި އިޒުނަ އަދި ހިތް ވެސް އެކަމުގައި އޮވެގެންނެވެ.

އެކަމަކު، ހާލަތު ބަދަލުވެ މިއަދު އެކަމުގައި ފާޅުގައި އިސް ނެންގެވީ ބެލެވޭ ގޮތުގައި، 2023 ގެ ރިޔާސީ އިންތިހާބު ކައިރިވަމުން ދާއިރު ވެސް ރައީސް ހިމޭނުން ހުންނަވާތީ އެވެ. ނުވަތަ ރިޔާސީ ނިޒާމެއްގައި ރައްޔިތުންގެ ވޯޓަކަށް ހިނގައްޖެ ނަމަ މިހާރުގެ ހާލަތަށް ބަލާއިރު އެމްޑީޕީ އަށް އެކަނި އެ ވަރަށް ވޯޓު ހަމަނުވެދާނެތީ އެވެ.

މިހާތަނަށް ހުރިހާ އިންތިހާބެއްގައި ވެސް އެމްޑީޕީ ވެރިކަމަށް އައީ ކޯލިޝަން ޕާޓީތަކުގެ އެހީތެރިކަމާއެކު އެވެ. ނަމަވެސް އެމްޑީޕީގެ ބައެއް ލީޑަރުންގެ ވިސްނުމުގައި ކޯލިޝަން ސަރުކާރުގެ ތަޖުރިބާ ވަރަށް ގޯހެވެ. އެހެންވެ، ވެރިކަމަށް އަންނަން ކޯލިޝަން ހެދުން ދޫކޮށްލައި، އެ ނޫން ގޮތަކަށް ނިޒާމު ބައްޓަން ކުރަންޖެހެ އެވެ. އެކަމަކު، ސުވާލަކީ އެމްޑީޕީ އަށް އެކަނި އެކަން ކުރެވޭނެ ގާބިލްކަން އެބަހުރި ހެއްޔެވެ؟ ޖަވާބަކީ ނޫން ނަމަ ދެން އޮންނާނީ ރައްޔިތުންގެ ވޯޓަކަށް ނުގޮސް ބަރުލަމާނީ ނިޒާމަށް ވެރިކަން ފުރޮޅައިލުމެވެ.

ނަޝީދު ވެސް މި ވާހަކަތައް ވަރަށް ސާފުކޮށް ވިދާޅުވެފައި ވެ އެވެ. އެ މަނިކުފާނު ކުރިން ވިދާޅުވެފައި ވަނީ ކުރިއަށް އޮތް 10 އަހަރަށް ވެސް އެމްޑީޕީ އަށް ވެރިކަން ކުރެވޭނީ ބަރުލަމާނީ ނިޒާމެއްގެ ތެރެއިން ކަމަށެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެވަނަ ދައުރެއް ކަށަވަރުވާނީ ވެސް އެ މަގުން ކަަމަށް ނަޝީދު ވިދާޅުވެފައި ވެ އެވެ.

ރާއްޖޭގެ ސިޔާސީ ހަގީގަތަކީ ވެރިކަމަށް އާދެވޭ ވަރަށް އެއްވެސް ޕާޓީއަކަށް ވޯޓު ހަމަނުވުމެވެ. އެހެންވެ، ސަރުކާރާއި ރައްޔިތުންގެ މަޖިލީހާއި އެހެން ހުރިހާ ބާރުތަކެއް ލިބިފައި އޮތް މި ދަނޑިވަޅުގެ ބޭނުން 2023ގެ ކުރިން ހިއްޕަވަން ނަޝީދު ބޭނުންފުޅުވަނީ އެވެ.

ވެރިކަމުގެ ނިޒާމު ކަނޑައަޅާފައި ވަނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ވާއިރު، އެ ނިޒާމު އެހެން ގޮތަކަށް ބަދަލުކުރަން ވެސް ރައްޔިތުންގެ ގާތު އަހަން ޖެހޭނެ ކަމަށް ގާނޫނީ ބައެއް ބޭފުޅުން ދެކެވަޑައިގަންނަވަ އެވެ. އަދި އާންމު ވިސްނުމަކީ ވެސް އެއީ އެވެ، ނަމަވެސް ނަޝީދު، ރައީސަށް ފޮނުއްވި މެސެޖުގައިވާ ގޮތުން ނަމަ ރިޔާސީ އިންތިހާބު ނުބާއްވައި ރައީސަކު ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުންނެވެ.

މި ބަހުސް މިހާރު ވެސް ވަނީ ފެށިފަ އެވެ.

މަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ޝަރީފު ވިދާޅުވީ، ރައްޔިތުން ކަނޑައަޅާ ނިޒާމެއް ބަދަލު ކުރެވޭނީ އަނެއްކާ ވެސް ރައްޔިތުންގެ ވޯޓަކުންނެވެ. ރައްޔިތުންގެ ވޯޓަކުން ނިންމާފައިވާ ކަމެއް "ދެ ތިން މީހަކު ހަމަ ތިބެލާފައި ބަދަލެއް ނުކުރެވޭނެ" ކަމަށް އޭނާ ވިދާޅުވި އެވެ.

"ރައްޔިތުން ވެރިކަމުގެ ނިޒާމު ބަދަލުކުރީ އެކަކަށް ދައުލަތުގެ އެތައް ވަޒީފާއެއް އޮތުން ރަނގަޅު ކަމެއް ކަމަށް ނުފެނިގެން. މިސާލަކަށް ރައީސުލްޖުމްހޫރިއްޔާ ކަމާއި އެމްއެމްއޭގެ ގަވަރުނަރު ކަމާއި ފިނޭންސް މިނިސްޓަރު، ޑިފެންސް މިނިސްޓަރު ކަން އެއް ބޭފުޅަކަށް އޮތުން ރަނގަޅު ނުވެގެން. މަޖިލީހުގެ މެމްބަރު ކަމާއި ޓްރޭޑް މިނިސްޓަރު ކަމާއި އެސްޓީއޯގެ އެމްޑީ ކަން އެއް ބޭފުޅެއް ހުންނެވުމުން ކަމުނުގޮސްގެން،" ބަރުލަމާނީ ނިޒާމެއްގައި މަޖިލީހުގެ މެމްބަރުންނަށް މިނިސްޓަރު ކަމަށް ވަޑައިގެންނެވޭނެތީ އެކަމަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި އޮންނަން ފެންނަނީ ވެރިކަމުގެ ކޮން ކަހަލަ ނިޒާމެއްތޯ ބެލުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ގޮސް، އޯގަސްޓް 18، 2007 ގައި ނެގި ވޯޓުގެ 62 ޕަސެންޓުން ނިންމީ ރިޔާސީ ނިޒާމެއް ކަމަށެވެ.

ރައްޔިތުންގެ ވޯޓަށް ނުގޮސް މިކަން އަނބުރާލާ ނަމަ ދެން އޮންނާނީ ގާނޫނުއަސާސީ އިސްލާހު ކޮށްގެން އެކަން ކުރުމެވެ. އޭރުން ރައްޔިތުން ނިންމި ނިންމުމުގައި "ކޮޅުފައިން" ޖެހީ ނޫން ކަަމަކަށް ނުވާނެ އެވެ.