19 އެޕްރީލް 2021 - 09:56

މެޑްރިޑް (19 އޭޕްރީލް) - އެއިބާގެ މައްޗަށް 5-0 ގެ ނަތީޖާއަކުން މޮޅުވެ، ލަ ލީގާގެ ތާވަލުގެ އެއްވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑް ލީޑް ފުޅާކޮށްފި އެވެ.
ވާދަވެރި ރެއާލް މެޑްރިޑް ގެޓާފޭ އަތުން އެއްވަރުވުމުން، އެތުލެޓިކޯ އާ ފަރަގު ކުޑަކުރަން ލިބުނު ފުރުސަތު ވަނީ ގެއްލިފަ އެވެ. އެތުލެޓީކޯ އާއި ރެއާލް މެޑްރިޑާ ދެމެދު މިހާރު ތިން ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ.
އަމިއްލަ ދަނޑުގައި، އެއިބާއާ ދެކޮޅަށް، ޓީމުގެ އެންމެ މުހިންމު ދެ ފޯވަޑުން ކަމަށްވާ، ލުއިސް ސުއަރޭޒް އާއި ޔޯއާ ފެލިކްސް ނެތި ކުޅުނު މެޗުގައި އެތުލެޓިކޯއަށް ތަފާތު ގެނެސްދިނީ އޭންޖެލް ކޮރެއާ އާއި މާކޯސް ޔޮރެންޓޭ އެވެ. އެ ދެ ކުޅުންތެރިންގެ ތެރެއިން ކޮންމެ ކުޅުންތެރިޔަކު ވަނީ ދެ ލަނޑު ޖަހައިފަ އެވެ.
ފުރަތަމަ ހާފުގައި ކޮރެއާ ވަނީ ފުރަތަމަ ދެ ލަނޑު ކާމިޔާބު ކޮށްފަ އެވެ. ދެ ވަނަ ހާފު ފެށިގެން ހަތަރު ވަނަ މިނެޓްގައި ޔަނިކް ކަރެސްކޯ އެ ޓީމަށް ނަތީޖާ ފުޅާ ކޮށްދިނެވެ. އަނެއްކާ އޭގެ ހަތަރު މިނެޓް ފަހުން ޔޮރެންޓޭ އެތުލެޓިކޯގެ ހަތަރު ވަނަ ލަނޑު ކާމިޔާބު ކޮށްދިނެވެ. ފަސް ވަނަ ލަނޑު އޭނާ ކާމިޔާބު ކުރީ 68 ވަނަ މިނެޓްގަ އެވެ.
"މި މެޗުން މޮޅުވީމާ އަހަރެމެންނަށް ވަރަށް ބޮޑު ހިތްހަމަ ޖހުމެއް ލިބިއްޖެ،" މެޗަށް ފަހު ވާހަކަ ދައްކަމުން އާޖެންޓީނާގެ ފޯވަޑް ކޮރެއާ ބުންޏެވެ. "ފުރަތަމަ ގޯލް ޖެހުމާ ހަމައަށް މެޗު ދިޔައީ ވަރަށް އުނދަގޫކޮށް. ނަމަވެސް އޭގެ ފަހުން މެޗު އިތުރަށް ހުޅުވިގެން ދިޔަ."
އެތުލެޓިކޯ ވަނީ 31 މެޗުން 70 ޕޮއިންޓް ހޯދާފަ އެވެ. ތާވަލުގެ ފުލުގައި އެއިބާ އޮތީ 23 ޕޮއިންޓާ އެކު އެވެ.
ގެޓާފޭ އާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ރެއާލްއިން ލީޑް ނެގުނު ކަމަށް ހީކުރެވުނެވެ. މަރިއާނޯ ޑިއަޒް ގޯލް ޖަހައި އުފާފާޅު ކުރި އެވެ. އެހެންނަމަވެސް ވީއޭއާރުން ބެލުމަށް ފަހު ރެފްރީ ނިންމީ އޮފްސައިޑް ކަމަށެވެ. އަނިޔާ އާއި ސަސްޕެންޝަން އަދި ކޯވިޑް-19 ސަބަބުން މެޑްރިޑް މެޗަށް ނުކުތީ އެ ޓީމުގެ މުހިންމު ގިނަ ކުޅުންތެރިން އެކަހެރި ކުރުމަށް ފަހު އެވެ.