ވެކްސިންގެ ކާމިޔާބީއާ އެކު އިޒްރޭލުން މާސްކް އެޅުން ދޫކޮށްލައިފި
ވެކްސިންގެ ކާމިޔާބީއާ އެކު އިޒްރޭލުން މާސްކް އެޅުން ދޫކޮށްލައިފި

ތެލް އަވީވް (އެޕްރީލް 19) - އިޒްރޭލުގައި ވެކްސިން ދިނުމުގެ ޕްރޮގްރާމް ކާމިޔާބުވުމާ އެކު އެ ގައުމުގައި އިއްޔެ އިން ފެށިގެން މާސްކް ނާޅައި މީހުން ބޭރަށް ނުކުތުމުގެ ހުއްދަ ދީފި އެވެ.

އަހަރެއްހާ ދުވަހު ތެރޭ ފުރަތަމަ ފަހަރަށް މާސްކްއާ ނުލައި ބޭރުގައި އުޅެން ލިބުމުން އެތައް ބަޔަކަށް ވަނީ އުފާވެރިކަން ލިބިފަ އެވެ.

ދުނިޔޭގެ އެންމެ ބާރަށް ވެކްސިންގެ ޕްރޮގްރާމް ކުރިއަށް ގެންދިޔަ އިޒްރޭލުގެ ބޮޑެތި މީހުންގެ އާބާދީގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މީހުންނަށް މިހާރު ވަނީ ކޮރޯނާވައިރަހުގެ ދެ ޑޯޒް ވެކްސިން ދީފަ އެވެ. އެހެންވެ ހެލްތު މިނިސްޓްރީން މިހާރު ނިންމާފައި ވަނީ ބޭރުތެރޭގައި އުޅޭއިރު ކޮންމެހެން މާސްކް އެޅުން މަޖްބޫރު ނޫން ކަމަށެވެ.

އިޒްރޭލުގައި ގާތްގަނޑަކަށް ފަސް މިލިއަނެއްހާ މީހުންނަށް ވެކްސިން ދިނުމުގެ ނަތީޖާ އަކީ ޖެނުއަރީ މަހު މެދެއްހާ ހިސާބުގައި ދުވާލަކު އެވްރެޖްކޮށް ޕޮޒިޓިވްވަމުން ދިޔަ 10،000 މީހުންގެ އަދަދު މިހާރު ދުވާލަކު 200 އަށް ދަށްވުމެވެ. ކޭސްލޯޑް ދަށްވުމާ އެކު އިޒްރޭލުގެ ސްކޫލްތަކާއި ބާތައް އަދި ރެސްޓޯރެންޓްތައް ހުޅުވައި އިންޑޯ އެއްވުންތައް ބޭއްވުމުގެ ހުއްދަ ވަނީ ދީފަ އެވެ. އިންޑޯ ހަރަކާތްތަކުގައި އަދިވެސް މާސްކް އަޅަން ޖެހެ އެވެ.

މީގެ މަސްތަކެއް ކުރިން އިޒްރޭލަކީ ދުނިޔޭގައި އިންފެކްޝަން ރޭޓް އެންމެ މަތީ ގައުމެވެ. އިޒްރޭލުން މިހާތަނަށް 837,047 މީހުން ޕޮޒިޓިވްވެ 6,335 މީހުން މަރުވެފައިވެ އެވެ. ނަމަވެސް ފައިޒާ ވެކްސިން ޖަހަން ފެށި ފަހުން އެ ގައުމުގައި ދުވާލަކު ޕޮޒިޓިވް ރޭޓް ދަށަށް ގޮސް އެންމެ ފަހުން އިއްޔެ ޕޮޒިޓިވްވެފައި ވަނީ 165 މީހުންނެވެ.

ޑިސެމްބަރު މަހުގެ ފަހުން، އިޒްރޭލުގެ 9.3 މިލިއަން މީހުންގެ އާބާދީގެ ތެރޭން 53 ޕަސެންޓް މީހުންނަށް މިހާރު ވަނީ ދެ ވަނަ ޑޯޒް ޖަހައިފަ އެވެ.