18 އެޕްރީލް 2021 - 23:36

ނަޔޯން (18 އޭޕްރީލް) - ޔޫރަޕުގެ ފުޓުބޯޅައިގެ ނުފޫޒު ގަދަ ކުލަބުތަކުން އިސްވެ އިއުލާން ކުރަން މަސައްކަތް ކުރާ، ޔޫރަޕިއަން ސުޕަ ލީގާ ދެކޮޅަށް ޔޫރަޕުގެ ފުޓުބޯޅަ އިދާރާތަކުން ނުކުމެއްޖެ އެވެ.
ޔޫރަޕުގެ ވަރުގަދަ 11 ކުލަބެއް ގުޅިގެން އިއުލާން ކުރަން މަސައްކަތް ކުރާ ސުޕަ ލީގަކީ، ހަ ބިލިއަން ޑޮލަރުގެ އަގުބޮޑު މުބާރާތެކެވެ. ކުލަބުތަކުން މަސައްކަތް ކުރަނީ 2023-2024 ގެ ސީޒަންގައި އެ މުބާރާތް ފެށުމަށެވެ. އެކަން ކާމިޔާބު ވެއްޖެ ނަމަ، މިހާރު އޮތް ޔޫއެފާ ޗެމްޕިއަންސް ލީގަށް ބޮޑު ގެއްލުމެއް ކުރިމަތި ވާނެ އެވެ.
ދަ ޓައިމްސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އިނގިރޭސި ޕްރިމިއާ ލީގުން އެ ހުށަހެޅުމަށް ތާއީދު ކުރި ކުލަބުތަކަކީ މެންޗެސްޓާ ޔުނައިޓެޑް، ލިވަޕޫލް، އާސެނަލް، ޗެލްސީ އަދި ޓޮޓެންހަމް އެވެ. އެ ޕްރަޕޯޒަލަށް ދެން ތާއީދުކޮށްފައި ވަނީ ސްޕެއިން އަދި އިޓަލީގެ ބައެއް ކުލަބުތަކުންނެވެ.
ސުޕަ ލީގުގެ ޕްރަޕޯޒަލްގައިވާ ގޮތުން 20 ޓީމު އެ މުބާރާތުގައި ކުޅޭނެ އެވެ. އޭގެ ތެރޭގައި 15 ކުލަބަކީ ރެލިގޭޓް ނުވާ ގޮތަށް އޮތް ޕާމަނެންޓް ކުލަބުތަކެވެ. ދާއިމީ ކުލަބުތަކުގެ ގޮތުގައި ޕްރިމިއާ ލީގުން ހަ ކުލަބް، ލަ ލީގާއިން ތިން ކުލަބު އިޓާލިއަން ލީގުން ތިން ކުލަބް، ބުންޑެސް ލީގާ އިން ދެ ކުލަބް އަދި ފްރެންޗް ލީގުން އެއް ކުލަބު ހިމެނޭނެ އެވެ.
އެ ޕްރަޕޯޒަލްގައި ޖަރުމަނާއި ފްރާންސްގެ އެއްވެސް ކުލަބަކުން ސޮއިކޮށްފައި ނުވުމުން، ޔޫއެފާ އިން ވަނީ އެކަން ޝުކުރުވެރިކަމާ އެކު ފާހަގަކޮށްފަ އެވެ. ޕްރިމިއާ ލީގުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، ޔޫރަޕިއަން ސުޕަ ލީގުގެ ހިޔާލަށް އެ ލީގުން ތާއިދު ނުކުރާނެ ކަމަށެވެ. ލަ ލީގާ އާއި އިޓާލިއަން ލީގުން ވެސް ވަނީ އެކަމާ ދެކޮޅަށް ބަޔާން ނެރެފަ އެވެ.
"ވަކި ކުލަބުތަކެއްގެ މަސްލަހަތު ހިމެނޭ ގޮތަށް އިއުލާން ކުރަން މަސައްކަތް ކުރާ މުބާރާތާ ދެކޮޅަށް ކުރެވެން ހުރި ހުރިހާ ކަމެއް އަހަރެމެން ކުރާނަން،" ޔޫއެފާ އާއި އިންގްލެންޑާއި ސުޕެއިން އަދި އިޓަލީގެ ފުޓްބޯޅަ ފެޑްރޭޝަން ގުޅިގެން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން، ސުޕަ ލީގަށް ބޭނުންވާ ފައިސާ، ލޯނެއްގެ ގޮތުގައި ފޯރުކޮށް ދިނުމަށް ނިއު ޔޯކުގެ ޖޭޕީ މޯގަން އިންވެސްޓްމެންޓް ބޭންކުން ވަނީ ގެރެންޓީ ދީފަ އެވެ.
މިހާރު މިއޮތް ޔޫއެފާ ޗެމްޕިއަންސް ލީގާ އެންމެ ދެކޮޅު ބޭފުޅަކީ، ރެއާލް މެޑްރިޑްގެ ރައީސް ޕެރޭޒް އެވެ. ސުޕަ ލީގު އިއުލާން ކުރުމަށް އެންމެ އިސްކޮށް މަސައްކަތް ކުރަނީ ރެއާލް މެޑްރިޑުންނެވެ.