18 އެޕްރީލް 2021 - 15:24

ކުރިއާގެ ހިދުމަތް މެދުވެރިކޮށް، ރާއްޖެ އެތެރެކުރި 4.7 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސް އިން އިއްޔެ އަތުލައިގެންފި އެވެ.
އެ މަސްތުވާތަކެތީގެ ބަރުދަނުގައި 1،579 ގްރާމް ހުރިއިރު އެ ތަކެތީގެ މަގުމަތީ އަގު 4.73 މިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ކަސްޓަމްސް އިން މިއަދު ބުންޏެވެ
އެ އިދާރާ އިން ބުނިގޮތުގައި، ކުރިއާ މަގުން ދެ ފަހަރެއްގެ މަތިން ރާއްޖެ އެތެރެކޮށްފައިވާ މި މަސްތުވާތަކެތި ފެނިފައި ވަނީ ޕާރުސަލްތައް ބަލައި ފާސްކުރުމުގެ ތެރޭގަ އެވެ.
އެ ދެ ޕާރުސަލްގައި ވެސް ހުރީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިން އެވެ. އެތަނުން އެއް ޕާރުސަލްގައި 1،032 ގްރާމުގެ ކޮކެއިން ހުއްޓެވެ. އަނެއް ޕާރުސަލުގައި ހުރީ 547 ގްރާމުގެ ކޮކެއިންނެވެ.
މަސްތުވާތަކެތި އެތެރެކޮށްފައި ވަނީ ނައިޖީރިއާ އާއި ޖެމައިކާ އިން ކަމަށް ކަސްޓަމްސް އިން ބުނެ އެވެ.
ކަސްޓަމްސް އިން ބުނީ މި މަސްތުވާތަކެތި މިހާރު ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ.