18 އެޕްރީލް 2021 - 15:40

ހުޅުމާލޭގައި އަމިއްލަ ބައެއްގެ ހަރަދުގައި އެންމެ ހަތަރު މަސް ދުވަހުގެ ތެރޭގައި ހެދި ތިން ބުރީގެ މިސްކިތް ހުޅުވައިފި އެވެ.

ހުޅުމާލޭގެ އެމްޕީއެލް ބަނދަރު ކުރިމަތީގައި އިމާރާތް ކޮށްފައިވާ މި މިސްކިތުގައި 4،900 އަކަފޫޓު ހުންނައިރު އެއްފަހަރާ 2،600 މީހުންނަށް ނަމާދު ކުރެވޭނެ އެވެ.

މި މިސްކިތް އިމާރާތްކުރުމުގެ މަސައްކަތް ފުރަތަމަ ފެށީ މިދިޔަ އަހަރުގެ ރޯދަ މަހާ ދިމާކޮށެވެ. ނަމަވެސް ކޮވިޑް-19 އާ ގުޅިގެން އެ މަސައްކަތް އޮތީ ހުއްޓިފަ އެވެ. މި މަސައްކަތް އަލުން ފަށާފައިވަނީ މި އަހަރުގެ ޖެނުއަރީ މަހުގަ އެވެ.
އެ މިސްކިތް އާއްމުންނަށް ހުޅުވައިލި ނަމަވެސް މިސްކިތުގެ ބައެއް ތަންތަން އަދިވެސް އެއްކޮށް ނުނިމެ އެވެ. މި ތަންތަން ވަރަށް އަވަހަށް ހަދައި ނިމޭނެ ކަމަށް ވެ އެވެ.
މިދިޔަ އަހަރުގެ ރޯދަ މަހު ކޮވިޑް-19އާ ގުޅިގެން މާލެ ސަރަހައްދުގެ މިސްކިތްތައް ހުރީ ބަންދުކޮށްފަ އެވެ. ނަމަވެސް މިހާރު ރާއްޖޭގައި ކޮވިޑް ވެކްސިން ދޭން ފެށުމުން ޖަމާއަތުގައި ނަމާދު ކުރުމުގެ ހުއްދަ ވަނީ ދީފަ އެވެ. އަދި ރޯދަމަހު ތަރީވީސް ނަމާދު ކުރުމާއި ދަމު ނަމާދު ކުރުމުގެ ހުއްދަ ވެސް ވަނީ ދީފަ އެވެ.