16 ނޮވެމްބަރ 2016 - 11:46

ރާއްޖޭގެ ބޭންކިން އަދި މާލީ ދާއިރާ ދަތުރުކުރަމުން އަންނަނީ ރަނގަޅު މިސްރާބަކަށް ކަމަށާއި ރާއްޖޭގައި ވިޔަފާރި އަށް ފަހި މާހައުލެއް އެބަ އޮތް ކަމަށް ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވެއްޖެ އެވެ.
މިދިޔަ ހަފުތާގައި ބޭއްވި އޭޝިއަން ބޭންކާޒް އެސޯސިއޭޝަންގެ (އޭބީއޭ)ގެ އަހަރީ އާއްމު ޖަލްސާގައި އެ ޖަމިއްޔާގެ ބޯޑަށް ދެ ވަނަ ދައުރަކަށް އިންތިހާބުވެވަޑައިގަތުމަށް ފަހު، އެންޑްރޫ ވިދާޅުވީ ތަރައްގީވަމުން އަންނަ ކޮންމެ ގައުމަކަށް ވެސް ހަރަކާތްތެރި، ވާދަވެރި ބޭންކިން ދާއިރާއެއް މުހިއްމު ކަމަށެވެ. އެ ގޮތުން، ރާއްޖޭގެ މާލީ ދާއިރާގައި ވާދަވެރިކަން އިތުރުވެ، ހިއްސާގެ ބާޒާރު ކުރިއަރައި އަދި ދާދި ފަހުން ސޮވަރިން ކްރެޑިޓް ރޭޓިންއެއް ލިބުމަކީ ރާއްޖެ އަށް ލިބިފައިވާ ބޮޑެތި ކުރިއެރުންތަކެއްކަން އޭނާ ފާހަގަ ކުރެއްވި އެވެ.
"ރާއްޖެ އަކީ ވިޔަފާރި އަށް މީހުން ޝައުގުވެރިވާ ފަދަ ތަނެއް. ޓެކްސް އަދި ޝަރުއީ ގޮތުން ވިޔަފާރި އަށް ފަހި މާހައުލެއް ރާއްޖޭގައި އެބައޮތް،" ވިއެޓްނާމްގައި ބޭއްވި ޖަލްސާގައި އެންޑްރޫ ވިދާޅުވި އެވެ.
ބީއެމްއެލް އިން އަންނަނީ، އެންޑްރޫ ފާހަގަ ކުރެއްވި ގޮތުގައި، ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމުގައި ފަހުރުވެރިކަމާ އެކު އިސް ދައުރެއް އަދާ ކުރަމުންނެވެ. ބޭންކުގެ ހިދުމަތް ފުޅާކޮށް ރައްޔިތުންގެ ދިރިއުޅުން ކުރިއެރުވުމަށް މިދިޔަ ދެ އަހަރުގެ ތެރޭގައި އަހަރަކު 10 މިލިއަން ޑޮލަރު (154 މިލިއަން ރުފިޔާ) އިންވެސްޓް ކޮށްފައިވާ ކަމަށާއި ކުރިމަގުގައި އެ އަށް ވުރެ ވެސް އިތުރަށް އިންވެސްޓް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ބޭންކުގެ ފައިނޭންޝަލް، ކްރެޑިޓް އަދި ކެޕިޓަލް ރޭޝިއޯ އަށް ބަލާއިރު އޭޝިއާގެ އެހެން ބޭންކުތަކާ އަޅައި ކިޔާއިރު އަޅުގަނޑުމެންގެ ބޭންކު ރަނގަޅު،" އެންޑްރޫ ވިދާޅުވި އެވެ.
ބީއެމްއެލް އަށް މި އަހަރުގެ މިހާތަނަށް ލިބުނު ސާފު ފައިދާ ދެ ގުނަ އަށް ވުރެ ވަނީ އިތުރުވެފަ އެވެ. އެއާ އެކު، ރާއްޖޭގެ މައި ބޭންކުން ވަނީ ހިދުމަތްތައް ފުޅާކުރަން ހޭދަކުރާ މިންވަރު ޖުމްލަ 300 މިލިއަން ރުފިޔާ އަށް އިތުރު ކުރާނެކަން އިއުލާންކޮށްފަ އެވެ.
އެ މަސައްކަތުގެ ދަށުން، އަންނަ އަހަރުގެ ތެރޭގައި، 22 ރަށަކަށް ހިދުމަތް ފުޅާ ކުރުމަށް ރަށްރަށުގައި އާ ހަތް ބްރާންޗާއި ހަތަރު ވިޔަފާރި މަރުކަޒާއި މާލޭގައި ކަސްޓަމާ ސާވިސް ސެންޓަރެއް އަދި އައްޑޫގައި ކޯލް ސެންޓަރެއް ގާއިމްކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިތުރު 20 އޭޓީއެމް ބަހައްޓަން ވަނީ ނިންމައިފަ އެވެ. އަދި 150 އާ ވަޒީފާ އުފައްދައި ބީއެމްއެލްގެ މުވައްޒަފުންގެ އަދަދު 850 އިން 1،000 އަށް އިތުރު ކުރަން ވެސް ވަނީ ހަމަޖައްސައިފަ އެވެ. އާ ވަޒީފާތަކުގެ ތެރެއިން ދެ ބައިކުޅަ އެއް ބައި (75 ވަޒީފާ) ރަށްރަށަށް ހާއްސަކޮށްފައި ވާއިރު، ބާކީ ބައި ހުޅުވާލަނީ މާލެ އާއި ވިލިމާލެ އަދި ހުޅުމާލެ ހިމެނޭ ގޮތަށް މާލެ ސަރަހައްދަށެވެ.
މީގެ އިތުރުން، އިޖުތިމާއީ ޒިންމާގެ ދަށުން، ކުރިއަށް އޮތް އަހަރުދުވަހުގެ ތެރޭގައި އާ 10 ސީއެސްއާރު ޕްރޮގްރާމް ހިންގަން ވެސް ބީއެމްއެލް އިން ރާވާފައިވެ އެވެ.
ޖެނުއަރީ 2014 ގައި ބީއެމްއެލްއާ ގުޅިވަޑައިގަތް އެންޑްރޫ އޭބީއޭގެ ބޯޑަށް ފުރަތަމަ ފަހަރަށް އިންތިހާބުވެވަޑައިގަތީ އެ އަހަރުގެ ނޮވެމްބަރުގަ އެވެ. އޭޝިއާ ސަރަހައްދުގެ ބޭންކުތައް ތަމްސީލުކުރާ އެ ޖަމިއްޔާގެ ބޯޑުގައި ރާއްޖެ ތަމްސީލު ކުރައްވާ ހަމައެކަނި ފަރާތަކީ އެންޑްރޫ އެވެ.