18 އެޕްރީލް 2021 - 11:37

އިންސާނުންނަށް ތެދުމަގު ދެއްކެވުމަށް އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް މާތް ﷲ ނަބީންނާއި ރަސޫލުން ފޮނުއްވަމުން ގެންދެވި އެވެ. ޒަމާނާއި ތަނާ ގުޅޭގޮތުން ތެދުމަގުގެ ރިސާލަތުތަކުގެ ސިލްސިލާއެއް ކުރިއަށް ގޮސް، މާތް ނަބިއްޔާ މުޙައްމަދު ﷺ އާ ހަމައިން މި ސިލްސިލާގައި ސިއްކަ ޖެހި ޚަތިމް ކުރެވުނެވެ. އެއީ ކީއްވެގެންހެއްޔެވެ؟
ފަރުދީގޮތުން ބަލާއިރު ކޮންމެ އިންސާނަކު ވެސް ހެދިބޮޑުވެ ތަރައްގީވެގެންދަނީ ހޭދަވާ ދުވަސްތަކާ އެކު ކުރެވޭ ތަޖުރިބާތަކުގެ ތެރެއިންނެވެ. މިހެންގޮސް އެހެން މީހެއްގެ އެހީއާ ނުލައި އަމިއްލަ އަށް ކަންކަން ނިންމައި ކަންކަން ކުރެވޭ ހިސާބަށް ދެ އެވެ. ހަމަ މިފަދައިން މުޅި އިންސާނިއްޔަތަށް ބަލާއިރުވެސް އިންސާނީ ޖަމާޢަތްތައް ތަރައްގީވެގެން ގޮސްފައި ވަނީ މިފަދައިންނެވެ. ﷲ ގެ ހިދާޔަތުގެ މަގު ނުވަތަ ދީން އިންސާނުންނާ ހަމައަށް ފޯރުކޮށްދެވެމުން ދިޔައީ އިންސާނީ ޖަމާޢަތް ތަރައްގީވަމުންދިޔަ މިންވަރަކުންނެވެ. ކޮންމެ ޒަމާނަކަށް ވެސް އަދި ކޮންމެ ތަނަކަށް ވެސް އެ ޒަމާނަކާއި ތަނަކަށް އެންމެ ގުޅޭ ގޮތަށެވެ. މިގޮތަށް މި ސިލްސިލާ ދެމިގެންގޮސް އަދަބިއްޔާތުގައި އިންސާނުން ވަރަށްބޮޑަށް ކުރިއަރާފައިވާ ޒަމާނެއްގައި މި ކުރިއެރުމުގެ އަސަރު ވަރަށް ބޮޑަށް އޮތް ޖަމާޢަތެއްގެ ތެރެއިން އެންމެ ފަހުގެ ރަސޫލާ ﷺ ފޮނުއްވުނެވެ.
އެކަލޭގެފާނުގެ ރިސާލަތަކީ އޭގެކުރިން ބާވާލެއްވުނު އެންމެހާ ރިސާލަތުތައް ތެދުކޮށް އެ ރިސާލަތުތަކުގައިވާ އަސާސީ ހުރިހާ ކަމެއް ޝާމިލު ކުރެވިފައިވާ ރިސާލަތެކެވެ. (އަލްމާއިދާ 48). ހަމައެފަދައިން އެ ރިސާލަތަކީ އެކަލޭގެފާނަށް ފަހު ޤިޔާމަތް ވާންދެން އެހެން އެއްވެސް ރަސޫލަކު އަދި ނަބިއްޔަކު ނުފޮނުއްވިއަސް އިންސާނީ ދިރިއުޅުން އެންމެ ހެޔޮ ގޮތުގައި ބައްޓަންކޮށް ﷲ އިންސާނުން އުފެއްދެވި ބޭނުން އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމަށް ބޭނުންވާނޭ ހުރިހާ އަސާސްތަކެއް އެކުލެވިގެންވާ، އަދި އެއްވެސް ކަމެއް ދޫކޮށްލެވިފައި ނުވާ ފުރިހަމަ ރިސާލަތެކެވެ. (އަލްއަންޢާމް 38).
މި ރިސާލަތަށް ފަހު ޒަމާނާއި ތަން ބަދަލުވެގެން ދިޔަސް އަދި އިންސާނީ ޖަމާޢަތްތަކުގައި ކިތަންމެ އާ ކަންތައްތަކެއް އުފެދިގެން ދިޔަސް އެއިން ކޮންމެ ކަމަކަށް ހުކުމް ނެގޭ މިންވަރަށް ދީން ޝަރަޙަ ކޮށްދޭނެ ޢިލްމުވެރިން ކޮންމެ ޒަމާނަކުވެސް ދަނީ ފެންނަމުންނެވެ. ޤިޔާމަތަށް ދާންދެން ވެސް މިކަން ދެމިގެންދާނެ އެވެ. މި ރިސާލަތުގެ އެންމެ އިސް މަޞްދަރު ކަމުގައިވާ ކީރިތި ޤުރްއާން ﷲ ރައްކާތެރި ކުރައްވާނެ ކަމުގެ ވަޢުދުފުޅު ވަނީ ދެއްވައިފަ އެވެ. އެ މަޞްދަރު ރައްކާތެރިވެގެންވާހާ ހިނދަކު އެ ޝަރަޙަކޮށް އިތުރަށް ބަޔާންކޮށްދޭން މާތް ނަބިއްޔާ ﷺ ދެއްވެވި އިރުޝާދުތައް ނުވަތަ އެކަލޭގެފާނުގެ ސުންނަތް ވެސް ރައްކާތެރިވެގެންވާނެ އެވެ. މިއީ އިސްލާމް ދީނުގެ އަސްލީ ދެވަނަ މަޞްދަރެވެ. ޒަމާނާއި ތަނަށް ފެތޭގޮތަށް މި ދެމަޞްދަރު ޝަރަޙަ ކުރެވިގެން ގޮސް އިންސާނިއްޔަތަށް ހިދާޔަތު ދިނުމަށްޓަކައި މި ދެމަޞްދަރަށް ތަބާވެގެންވާ އިތުރު މަޞްދަރުތައް ވަނީ އުފެދިފަ އެވެ. އެއީ ވަޙީގެ ޒަމާން ނިމި އިންސާނީ ބުއްދިއަށް ﷲ ދެއްވި ގަދަރުގެ ދަށުން ދީން ދެނެގަތުމަށްޓަކައި އިޖުތިހާދު ކުރަން ﷲ ހުޅުވާލަދެއްވާފައިވާ ފުރުސަތުގެ ދަށުންނެވެ.
ކީރިތި ޤުރްއާން އިންސާނިއްޔަތާ ހަމައަށް ފޯރުކޮށްދެއްވި މާތް ނަބިއްޔާ ވަނީ، ދީނުގެ ޢަޤީދާ އާއި ޢިބާދާތާއި މުޢާމަލާތާއި އަޚްލާޤުގެ ހުރިހާ މައިތަނބުތައް ޖައްސަވައިދެއްވައިފަ އެވެ. މި ތަނބުތަކަކީ ޒަމާނާއި ތަން ބަދަލުވިޔަސް އެއަށް ބަދަލެއް ނައިސް ޤިޔާމަތާ ޖެހެންދެން ދެމިހުންނާނެ ތަނބުތަކެކެވެ. ނަމަވެސް މި ތަނބުތަކުގެ މަތީ ދިރިއުޅުން ބައްޓަން ކުރަމުންދާއިރު، ޒަމާނާއި ތަނަށް އަންނަ ބަދަލުތަކާ އެކު ކަން ކުރަންވީ ގޮތުގެ ހުރިހާ ތަފުސީލުތައް ދީނުގެ މައިގަނޑު ދެ މަޞްދަރުން ސީދާ ބަރާބަރަށް ނުފެނި ދިއުމަކީ އެކަށީގެންވާ ކަމެކެވެ. މިކަމަށް އޮތް ހައްލަކީ މި ދެމަޞްދަރުގެ ގިއުގަނޑުން ބޭރުނުވެ އިޖުތިހާދު ކުރުމެވެ. އޭރުން އެ ވަގުތަކަށް އެތަނަކަށް އެންމެ ފުރިހަމަ ހައްލު ލިބިގެންދެ އެވެ.
މިސާލަކަށް މަޝްވަރާގެ އުޞޫލަކީ އަމިއްލަ ރައުޔަށް ކަންކަން ނިންމުމާއި ސިޔާސީ އަޅުވެތި ކުރުން ފަދަ ކަންކަމުން ދުރުހެލިވުމަށާއި އުންމަތުގައި ހިނގާ ކަންކަމުގެ ދެފުށް ފެނިގެން ދިއުން ފަދަ މުހިންމު މަގުސަދުތަކެއްގައި އިސްލާމް ދީން ގެނެސްދީފައިވާ ވަރަށް މުހިންމު އަސާސެކެވެ. ނަމަވެސް މި އަސާސް ދެމެހެއްޓުމަށްޓަކައި އެކުލަވާލަން ޖެހޭ އުސޫލުތަކާއި ކަންކަން ތަރުތީބު ކުރަންވީ ގޮތުގެ ހުރިހާ ތަފުސީލު ޤުރްއާނާއި ސުންނަތުން ނުފެނިދާނެ އެވެ. މި ހާލަތުގައި ޤުރްއާނާއި ސުންނަތާ ޚިލާފު ނުވާ ގޮތަށް އިންސާނާގެ ބުއްދީގެ ބޭނުންކޮށްގެން ތަނާއި ހާލަތަށް އެންމެ އެކަށޭނަ ގޮތަށް ކަންކަން ކުރެވިދާނެ އެވެ.
ހަމަ މިފަދައިން އަދުލުވެރި ކަމަކީ އަނިޔާވެރިކަން ނައްތާލައި މީސްތަކުންގެ މެދުގައި އިންސާފާއި ހަމަހަމަކަން ދަމަހައްޓައިދޭން އިސްލާމް ދީން އެކަށައަޅާފައިވާ މުހިންމު އަސާސެކެވެ. ނަމަވެސް މި އަސާސް އިދާރީ ގޮތުންނާއި އިޖުތިމާޢީ ގޮތުންނާއި އިޤުތިޞާދީ ގޮތުންނާއި އެނޫންވެސް ގޮތްގޮތުން ދަމަހައްޓަން ބޭނުންވާ ހުރިހާ ކަމެއްގެ ތަފުސީލު ޤުރްއާނާއި ސުންނަތުން ނުލިބިދާނެ އެވެ. މިހާލަތުގައި ވެސް ޤުރްއާނާއި ސުންނަތާ ޚިލާފު ނުވާ ގޮތަށް އިންސާނާގެ ބުއްދީގެ ބޭނުންކޮށްގެން ތަނާއި ހާލަތަށް އެންމެ އެކަށޭނަ އުސޫލުތަކާއި ކަންކަން ކުރާނެ ގޮތްތައް ކަނޑައެޅުމުގެ ފުރުސަތު އިސްލާމީ ރިސާލަތުން ލިބިގެންދެ އެވެ. މިފަދައިން ދީނުގެ އަސާސީ ކޮންމެ ކަމެއްވެސް ޒަމާނާއި ތަނަށް ފައްތަމުން ގެންދިއުމުގެ ފުރުސަތު ލިބިގެންދެ އެވެ.
މިކަންކަން މިގޮތަށް ހުރުމުން އެންމެ ފަހުގެ ނަބިއްޔާ ގެނެސްދެއްވި ރިސާލަތު ވެގެންދަނީ ޢާލަމީ ރިސާލަތަކަށެވެ. އަދި ޤިޔާމަތާ ޖެހެންދެން ދެމިގެންދާ ރިސާލަތަކަށެވެ. އެހެން ރަސޫލަކު ނުވަތަ ނަބިއްޔަކު އަލުން ފޮނުއްވުމަށް ﷲ ކުޅަދުންވަންތަ އެވެ. ނަމަވެސް މި އިޝާރާތް ކުރި ކަންކަން މިހެން ހުރުމާއެކު މިހާރު ފޮނުއްވޭ ބޭކަލަކު ގެނެސްދެއްވާނެ އެއްޗެއް ވެގެންދާނީ ކުރީގެ ރަސޫލުން ގެނެސްދެއްވި ހިދާޔަތުގެ ފުން ކަނޑަށް ވައްޓާލެވޭ ފެންތިއްކެއްގެ މިންވަރު ފަދައިންނެވެ. ނުވަތަ ހަމައެކަނި ތަކުރާރެއް ކަމުގަ އެވެ.
މިކަންކަން މިހެން އޮތް ނަމަވެސް ރަސޫލުކަން ޚަތިމް ކުރެއްވިގެންވަނީ ކީއްވެގެންތޯ ކުރެވޭ ސުވާލު ވުޖޫދަށް އަންނަނީ މި މަތިވެރި ރިސާލަތު ވާރުތަވި ޢިލްމުވެރިންނާއި މި ރިސާލަތު ތަންފީޒުކުރަން ތިބި ވެރިންނާއި އަމީރުން އެންމެ އަމާނާތްތެރިކަމާ އެކު އެބައެއްގެ ދައުރު އެންމެ ފުރިހަމަ އަށް އަދާ ނުކުރެވޭތީ އެވެ. ހަމައެއާ އެކު މިރިސާލަތާ އެއްގޮތަށް އުޅެންޖެހޭ އިންސާނުންގެ ތެރެއިން ބައެއް މީހުންގެ ސުލޫކު ހުންނަ ގޮތުންނެވެ.
މީގެ ނަތީޖާ އަކީ އިސްލާމީ ރިސާލަތަކީ އިންސާނިއްޔަތަށް މަންފާ ނުކުރާ، މުއްދަތު ހަމަވެފައިވާ ދީނެއް ކަމަށް އެހެން މީހުންނަށް ފެނިގެން ދިއުމެވެ. އަދި ކިއެއްތަ، މި ދައުރުތައް އަދާކުރަން ތިބި މުސްލިމުންނަށް އަމިއްލަ ނަފްސަށް ވެސް މިގޮތަށް ފެނިގެން ދިއުމެވެ. އެހެންކަމުން އިންސާނީ ޙަޟާރަތަށް އެންމެ އެކަށޭނަ ރިސާލަތެއް ކަމުގައި މި ރިސާލަތު ދައްކައި އިންސާނިއްޔަތު ސަލާމަތުގެ އައްސޭރި އަށް ގެނެސްދެވޭ ފަދަ ބާރާ އެކު މި ރިސާލަތު ތަންފީޒު ކުރަން މަސައްކަތް ކުރަން ޖެހެ އެވެ. ޢަދުލާއި، އިޙުސާންތެރިކަމާއި، މާތް ސިފަތަކާއި، ގައިދު ކުރެވިފައިވާ މިނިވަންކަމާއި، އިންސާނީ މަޞްލަޙަތު އެތަނެއްގައި އޮންނަ ނަމަ އެއީ ﷲ ގެ ޝަރުޢު ކަމުގައި އިސްލާމީ ޢިލްމުވެރިން ވިދާޅުވެ އެވެ.
ވީމާ، ޚުރާފާތުތަކާއި ބިދުޢަތަކަށް ޖާގަ ނުދީ، އަދި ދީނުގެ ކަންކަން ލަފުޒުން ލަފުޒަށް މާނަ ނުކޮށް، ދީން ފިޤުހު ކުރުމުގައި އެންމެ އިސްކަން ދޭން ޖެހޭ ކަންކަމަށް އިސްކަން ދީގެން، ޒަމާނާއި ތަނަށް ފެތޭ ގޮތަށް، ދީނުގެ އަސްލަކާ ޚިލާފު ނުވާ ގޮތަށް ދީން ހުށަހަޅައިދޭން މަސައްކަތް ކުރަން ޖެހެ އެވެ. ނަބީކަމާއި ރަސޫލުކަން ވަނީ ޚަތިމް ކުރެވިފަ އެވެ. ނަމަވެސް އެންމެ ފަހުގެ ނަބިއްޔާ ވަނީ އަބަދަށް ދެމެހެއްޓޭނެ ރިސާލަތެއް ގެނެސްދެއްވައިފަ އެވެ. މިކަން ދެމެހެއްޓޭނީ މި ރިސާލަތު ވާރުތަވެފައިވާ މީހުންނަށެވެ.