ހުކުމަށް ވުރެ ގިނަ ދުވަސް ބަންދުގައި ހުރުމުން ގާސިމް މިނިވަންކޮށްދޭން އެދެފި
ހުކުމަށް ވުރެ ގިނަ ދުވަސް ބަންދުގައި ހުރުމުން ގާސިމް މިނިވަންކޮށްދޭން އެދެފި

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ބޮޑު ޚިޔާނާތާ ގުޅޭ މައުލޫމާތުތަކެއް އާންމުކުރި ގާސިމް އަބްދުލްކަރީމް 8 މަހާއި 12 ދުވަހަށް ޖަލަށްލާން ހުކުމް ކުރިއިރު އެ މުއްދަތަށް ވުރެ ގިނަ ދުވަސް އޭނާ ބަންދުގައި ހޭދަކޮށްފައިވާތީ މިނިވަންކުރަން ގާސިމްގެ ވަކީލް އެދިވަޑައިގެންފި އެވެ.

ފ. ނިލަންދޫގައި ހުންނަ ބޭންކް އޮފް މޯލްޑިވްސްގެ ބްރާންޗްގެ އެސިސްޓެންޓް މެނޭޖަރަކަށް ހުރެގެން ގާސިމް އާންމުކޮށްފައިވަނީ އެމްއެމްޕީއާރުސީގެ 1.22 ބިލިއަން ރުފިޔާ އެސްއޯއެފް ކުންފުނީގެ އެކައުންޓަކަށް ޖަމާކޮށް، އެ ފައިސާ ދައުރު ކުރި ގޮތުގެ ބޭންކް ސްޓޭޓްމަންޓެވެ.

އެ މައްސަލާގައި ގާސިމަށް ކުރި ދެ ދައުވާ ސާބިތުވެގެން އޭނާ އަށް މަހާއި 12 ދުވަހަށް ޖަލަށްލާން އިއްޔެ ހުކުމް ކުރިއިރު މިދިޔަ ފެބްރުއަރީ މަހުން ފެށިގެން ގާސިމް ހުރީ ބަންދުގައި ކަމަށްވާތީ މިދިޔަ މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް އަށް މަހާއި 12 ދުވަސް އޭނާ ބަންދުގައި ހޭދަކޮށްފައިވާ ކަމަށް ކަރެކްޝަނަލް ސާވިސަށް ގާސިމްގެ ވަކީލް ފޮނުވި ސިޓީގައިވެ އެވެ.

ބަންދުގައި ހުންނަ ދުވަސްތައް ހުކުމުގެ މުއްދަތު އުނިކުރަން ޖެހޭއިރު ހުކުމަށް ވުރެ ދިގު މުއްދަތެއް ގާސިމް ބަންދުގައި މިހާރު ވެސް ހޭދަކޮށްފައިވާތީ ވަގުތުން ވަގުތަށް އޭނާ މިނިވަންކޮށްދޭން އެ ސިޓީގައި އެދިފައިވެ އެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހު ގާސިމް އެ މައްސަލާގައި ހައްޔަރު ކުރުމަށް ފަހު މިދިޔަ ޖުލައި މަހާ ހަމައަށް އޭނާ ހުރީ ފުލުހުން ބަންދުގަ އެވެ. އޭގެ ފަހުން އިއްޔެ އޭނާއަށް ހުކުމް ކުރުމާ ހަމައަށް އޭނާ ހުރީ ގޭ ބަންދުގައި ބަހައްޓައިފަ އެވެ.

ރާއްޖޭގެ އެންމެ ބޮޑު ޚިޔާނާތުގެ މައްސަލައިގެ މައުލޫމާތުތަކެއް އާންމުކުރި ގާސިމް ޖަލަށްލާން ހުކުމް ކުރިއިރު އެ މައްސަލާގައި އޭނާ އަމަލުކުރި ގޮތުން ބައިނަލްއަގްވާމީ އެންޓި ކޮރަޕްޝަން އެވޯޑަށް އޭނާ ވަނީ ނޮމިނޭޓްވެފަ އެވެ. އެވޯޑް ލިބޭނެ ފަރާތެއް އަންނަ މަހު އިއުލާން ކުރާނެ އެވެ.