16 ނޮވެމްބަރ 2016 - 12:52

ލޮސް އެންޖެލަސް، ޔުނައިޓެޑް ސްޓޭޓްސް (ނޮވެމްބަރު 16) - އެލްއޭ ގެލެކްސީ ދޫކޮށްލި ނަމަވެސް ފުޓްބޯޅަ ކުޅުން ހުއްޓާލުމާ މެދު އަދި ގޮތެއް ނުނިންމާ ކަމަށް ތަޖުރިބާކާރު މިޑްފީލްޑަރު ސްޓީވަން ޖެރާޑް ބުނެފި އެވެ.
އުމުރުން 36 އަހަރުގެ ޖެރާޑް ގެލެކްސީ އަށް ބަދަލުވީ މިދިޔަ އަހަރު އެވެ. އެ ޓީމަށް ކުޅެދިން 34 މެޗުން ޖެރާޑް ވަނީ ފަސް ލަނޑު ކާމިޔާބު ކޮށްފަ އެވެ. ގެލެކްސީއާ އެކު ޖެރާޑް ހެދި އެއްބަސްވުން އަންނަ މަހު ހަމަވާނެ އެވެ. ޖެރާޑް ވަނީ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން އެ ޓީމު ދޫކޮށްލާނެ ކަމަށް ބުނެފަ އެވެ.
"އަހަރެން ފުޓްބޯޅަ ކުޅުން ހުއްޓާލަން އަދި ނުނިންމަން. ވަރަށް ގިނަ ކްލަބްތަކުން ހުށަހެޅުން ވަނީ ލިބިފައި. ދަނޑުމަތީގައި އަދި ދަނޑުން ބޭރުގެ ހުށަހެޅުންތައް ވެސް އެބަހުރި. މުސްތަގުބަލާ ގުޅޭގޮތުން ގޮތެއް ނިންމަން ކުރިއަށް އޮތް ދެ ހަފްތާ ތެރޭ ވަރަށް ފުންކޮށް ވިސްނަން އެބަޖެހޭ،" ޖެރާޑް ބުންޏެވެ.
ގެލެކްސީ އަށް ޖެރާޑް ކުޅުނު ފަހު މެޗުގައި އެ ޓީމު ބަލިވީ އެމްއެލްއެސް ކަޕްގެ ޕްލޭއޮފްގައި ޕެނަލްޓީ ޖަހައިގެން ކޮލޮރާޑޯ ރެޕިޑް އަތުން ބަލިވުމުންނެވެ. ޖެރާޑް ބުނީ ތަށްޓެއް ނުލިބި ގެލެކްސީ ދޫކޮށްލަން ޖެހުމަކީ ލިބުނު ދެރައެއް ކަމެކެވެ.
ގެލެކްސީގެ ކޯޗު ބްރޫސް އެރީނާ ބުނީ ޖެރާޑަކީ 21 ވަނަ ގަރުނުގައި ފެނުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ ކަމަށެވެ. އަދި އެ ފެންވަރުގެ ކުޅުންތެރިޔަކު ގެލެކްސީ އަށް ކުޅުމަކީ އެ ކްލަބަށް ވެސް ލިބުނު ރީތި ނަމެއް ކަމަށެވެ.
ގެލެކްސީ އަށް ޖެެރާޑް ބަދަލުވީ 1998 އިން 2015 ވަނަ އަހަރާ ހަމައަށް ލިވަޕޫލަށް 710 މެޗު ކުޅެފަ އެވެ. ޖެރާޑް ހޯދުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކްލަބްތަކުގެ ތެރޭގައި ނިއުކާސަލް ޔުނައިޓެޑާއި ސެލްޓިކް ހިމެނެ އެވެ. އަދި އޭނާގެ ކުރީގެ ކްލަބް ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ވެސް ވަނީ އެ ޓީމުން އަބަދުވެސް ޖެރާޑަށް މަރުހަބާ ކިޔާނެ ކަމަށް ބުނެފަ އެވެ.
ރިޕޯޓްތައް ބުނާގޮތުގައި ޖެރާޑް އަންނަނީ ޔުއޭފާ އޭ ލައިސަންސް ނެގުމަށް މަސައްކަތް ފަށައިފަ އެވެ.