19 އެޕްރީލް 2021 - 08:30

ނެދަލެންޑްސްގެ ސިޔާސީ ޕާޓީއެއް ކަމަށްވާ ޕާޓީ ފޯ ފްރީޑަމް (ޕީވީވީ) އަކީ ފެށުނީންސުރެން އިސްލާމް ދީނާ ދެކޮޅަށް ކެމްޕޭނުކުރަމުން އަންނަ ބައެކެވެ. އެކަމަކު އިސްލާމް ދީނާއި ކީރިތި ގުރުއާނުން އަނިޔާވެރިކަމަށް ހިތްވަރުދޭ ކަމަށް ބުނެ އެންމެ އަޑު ގަދަކުރި ޕީވީވީގެ ލީޑަރު ގީރްތު ވައިލްޑާސްގެ އެންމެ ބޮޑު އެހީތެރިޔާ އަދި ގާނޫނު ހަދާ މަޖިލީހުގެ ކުރީގެ މެންބަރު ޖޯރަމް ވަން ކްލަވަރެން އަށް ހިދާޔަތު ލިބި އިސްލާމް ދީނަށް ވަދެވުނު ސަބަބަކަށްވީ އިސްލާމް ދީނާ ދެކޮޅަށް ކުރި މަސައްކަތެވެ.
ވަން ކްލަވަރީން އިސްލާމް ދީން ގަބޫލުކޮށް އެކަން އޮކްޓޫބަރު 26، 2019 ގައި އިއުލާނުކުރި އިރު މި ބޮޑު ބަދަލުގެ ސަބަބުތައް މީޑިއާއާ ހިއްސާކުރައްވާފައިވެ އެވެ. އޭނާ ވިދާޅުވެފައިވަނީ ޕާޓީ ތެރޭގައި އިސްލާމް ދީނާ ދެކޮޅަށް މަސައްކަތްކުރުމަކީ "އެއްގަމު މަސް ވިއްކާ ތަނެއްގައި ވެޖެޓޭރިއަން އަކު އުޅުން ފަދަ ކަމެއް"ގެ ގޮތުގައި ސިފަކުރައްވައިފަ އެވެ.
ވައިލްޑާސްގެ ޕާޓީ މެންބަރެއްގެ ގޮތުން ވަން ކްލަވަރީންގެ އެންމެ ބޮޑު މަސައްކަތަކަށް އޮތީ ގާނޫނު ހަދާ މަޖިލީހުގެ ތިރި ގޭގައި އިސްލާމް ދީނާ ދެކޮޅަށް ވާހަކަ ދައްކައި އެ ދީނާ މެދު ބިރުވެރިކަމާއި ނަފްރަތު އުފެއްދުމެވެ. ނެދަލެންޑްސްގައި ބުރުގާ މަނާކުރުމާއި މިސްކިތްތަކުގައި އިސްލާމީ ނިޝާނެއްގެ ގޮތުގައި މުންނާރުތައް ބެހެއްޓުން މަނާކުރުން ފަދަ ކަންކަމަށް ވަރުގަދަ އަށް ކެމްޕޭންކުރި އެވެ.
ވަން ކްލަވަރީންގެ މަސައްކަތުގައި އިސްލާމް ދީނާ ދެކޮޅަށް ފޮތެއް ލިޔަން ފެއްޓެވި އެވެ. އެކަމަކު އެ ފޮތް ވަކި ހިސާބަކަށް ލިޔުއްވި އިރު އޭނާ ހުންނެވީ ކުރި ބެދިފަ އެވެ.
"އެ ފޮތް އެންމެ ފަހުން ވީ ޣައިރު މުސްލިމުން އިސްލާމް ދީނާ ދެކޮޅަށް ދައްކަމުން އަންނަ ވާހަކަތަކަކީ ހަގީގަތް ނޫން ކަމަށް ބުނަން ޖެހުނު ފޮތަކަށް،" އެންއާރްސީ ޑެއިލީ އަށް ވަން ކްލަވަރީން ވިދާޅުވެފައިވެ އެވެ.
އޭނާ އެ ވިދާޅުވީ އިސްލާމް ދީނާ ދެކޮޅަށް ފޮތް ލިޔުއްވަން ފެއްޓެވި ނަމަވެސް މައުލޫމާތު ހޯދުމުން، އިސްލާމް ދީނާ ބެހޭ ގޮތުން މީހުން ދައްކާ ނުރަނގަޅު ވާހަކަތަކަކީ ހަގީގަތް ނޫންކަން ހާމަވެ އެގޮތަށް ލިޔަން މަޖުބޫރުވި ވާހަކަ އެވެ.
ވަން ކްލަވަރީން އިސްލާމް ވުމަށް ފަހު ވިދާޅުވި ގޮތުގައި، އިސްލާމް ދީން ކުށްވެރިކޮށް އޭނާ ލިޔަމުން އައި ފޮތަށް ކުރި ދިރާސާއިން، އޭނާ އަކީ އިސްލާމް ދީނުގެ ވަރަށް ގިނަ އުސޫލުތަކާއި ހަމަތައް ހިފަހައްޓާ މީހެއް ކަމަށް އަމިއްލަ އަށް ވަނީ ގަބޫލުކުރެވިފަ އެވެ. އެހެންވެ އެ ފޮތަކީ އިސްލާމް ދީނާ މެދު ދެކެމުން އައި ގޮތް މުޅިން ބަދަލުކޮށްލި ފޮތެއް ކަމަށް ވިދާޅުވެފައިވެ އެވެ.
މި ފޮތް ލިޔުމަށް އޭނާ ތައުރާތުގެ އިތުރުން ކީރިތި ރަސޫލާއާ ބެހޭ އެކި ފޮތްތައް ވެސް ކިޔައި ދިރާސާކޮށްފައިވެ އެވެ.
"އިސްލާމް ދީނަށް އަހަރެން ކުރިން ވަރަށް ބޮޑަށް ނަފްރަތުކުރިން. އެކަމަކު ހީކުރެވުނީ ނުބައިކޮށް ކަމަށް އަމިއްލަ އަށް ނިންމަންޖެހޭ ހިސާބަށް ދިއުމުން އެއީ ހެއްވާ ކަމެއް ނޫން. އެކަމަކު ކަލަކު ވޮޑިގެންވޭތޯ ހޯދަން ކުރި މަސައްކަތުގައި އަހަންނަން ވަރަށް އުނދަގޫ ހާލަތްތަކާ ކުރިމަތިވި. އެކަމަކު އެކަން މަޑުމަޑުން ފިލައިގެން ހިނގައްޖެ...،" ވަން ކްލަވީންއާ ހަވާލާދީ ނޫސްތަކުގައި ބުނެފައިވެ އެވެ.
ވަން ކްލަވީން ވަނީ އިސްލާމް ދީނާ މެދު ނުބައި ތަސައްވުރެއް އާންމުންނަށް ދެވުނީތީ މާފަށް އެދިވަޑައިގެންފަ އެވެ. އޭނާ ވިދާޅުވީ އިސްލާމް ދީނާ ދެކޮޅު ހެދުމަކީ އޭނާ ނިސްބަތްވާ ޕާޓީގެ ސިޔާސަތު ކަމަށާއި ހުރިހާ ކަމެއް ކުރަމުން އައީ، ކަމެއް ގޯސްވެއްޖެ ނަމަ އެކަމެއްގައި އިސްލާމް ދީން ނުބައިކުރުމުގެ ސިޔާސަތެއްގެ ދަށުން ކަމަށެވެ.
ކްރިސްޓިއަން ދީނުން އިސްލާމް ދީނަށް ބަދަލުވުމަށް ފަހު ވަން ކްލަވަރީން ވިދާޅުވެފައިވަނީ މިއީ އޭނާ އެތައް ޒަމާނެއް ވަންދެން ހޯއްދަވަން މަސައްކަތްކުރެއްވި މަގުކަން އިސްލާމް ދީނުގެ ހަގީގަތް ހާމަވުމާ އެކު އެނގިވަޑައިގެންނެވި ކަމަށެވެ.
"އިހްސާސްކުރެވުނީ އަހަރެންގެ އަސްލު ދީނަށް ވަދެވުނު ކަމަށް،" ނެދަލެންޑްސްގް ނޫސްތަކުން އޭނާ ވިދާޅުވެފައިވެ އެވެ.
އިސްލާމް ދީން ގަބޫލުކުރުމުގެ ކުރިން އޭނާގެ މަސައްކަތް ހުރި ގޮތް ކިޔައިދެއްވަން ވަން ކްލަވަރީން އަށް ފަސޭހައެއް ނުވި އެވެ.
"ކީކޭ ބުނާނީ ވެސް ... މިއީ ވަރަށް ތަފާތު ވާހަކައެއް ... ވެޖެޓޭރިއަނެއް، އެއްގަމު މަސް ވިއްކާ ތަނެއްގައި މަސައްކަތްކުރުން ކަހަލަ ކަމެއް އެއީ،" އާރްޓީއެލް ނިއުސް އަށް ވަން ކްލަވަރީން ވިދާޅުވެފައިވެ އެވެ.
އޭނާ ވިދާޅުވީ ޕާޓީގައި ކުރެއްވި މަސައްކަތުން ވަރަށް ގިނަ ކަންކަމާ ދިމާވާނެ ކަމަށް ލަފާކުރެއްވި ކަމަށާއި އެކަމަކު އެ މަސައްކަތް ނިމޭނީ އިސްލާމް ދީން ގަބޫލުކުރެވިގެން ކަމަށް ދުވަހަކު ވެސް ހީނުކުރައްވާ ކަމަށެވެ.
ވައިލްޑާސްއާ އެކު މަސައްކަތްކުރައްވައި އަދި އެ މަސައްކަތް ވަރުގަދަކުރެއްވުމަށް ސިޔާސީ އާ ޕާޓީއެއް އުފައްދަވައި 2017 ވަނަ އަހަރު ވަން ކްލަވަރީން މަސައްކަތް ފެއްޓެވި އެވެ. އެކަމަކު މަޖިލީޙުން އެންމެ ގޮނޑިއެއް ވެސް ލިބިވަޑައިނުގެން އެންމެ ފަހުން ސިޔާސީ މަސައްކަތާ ދުރަށް ވަޑައިގަތެވެ.
ވައިލްޑާސް އާއި އޭނާގެ ބައިވެރިން ނެދަލެންޑްސްގެ 17 މިލިއަނުގެ އާބާދީން ފަސް ޕަސެންޓް މުސްލިމުންނަކީ ނުރައްކަލެއް ކަމަށް ބުނެ ކެމްޕޭންކުރަމުން ދިޔަ ނަމަވެސް ތަޖުރިބާކާރުން ލަފާކުރައްވަނީ ނެދަލެންޑްސްގައި މުސްލިމުންގެ އާބާދީ ވާނީ އިތުރު ކަމަށެވެ.