ކޮވިޑްގައި ދުނިޔެ އިން ތިން މިލިއަން މަރު
ކޮވިޑްގައި ދުނިޔެ އިން ތިން މިލިއަން މަރު

ޖެނީވާ (އެޕްރީލް 18) - ކޮވިޑް ޖެހިގެން މުޅި ދުނިޔެ އިން މަރުވި މީހުންގެ އަދަދު ތިން މިލިއަނަށް އަރާފައިވާ ކަމަށް ޖޯންސް ހޮޕްކިންސް ޔުނިވާސިޓީން ބުނެފި އެވެ.

ތިން މިލިއަން މީހުން މަރުވިއިރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ވަނީ ދުނިޔެ މިހާރު ދަނީ ކޮރޯނާވައިރަހަށް ޕޮޒިޓިވްވާ އެންމެ މަތީ ރޭޓާ ކުރިމަތިލަމުން ކަމަށް ބުނެ އިންޒާރުދީފަ އެވެ. ދެވަނަ ރާޅެއް ތަޖްރިބާކުރަމުންދާ އިންޑިއާ އިން ހޮނިހިރު ދުވަހު އެކަނިވެސް ވަނީ 230،000 މީހުން ޕޮޒިޓިވްވެފަ އެވެ. ޑިސެމްބަރު 31، 2019 ގައި ކޮރޯނާވައިރަހުގެ ފުރަތަމަ ކޭސް ރިޕޯޓްކުރި ފަހުން މިހާތަނަށް ވަނީ 140 މިލިއަން މީހުން އެ ބައްޔަށް ޕޮޒިޓިވްވެފަ އެވެ.

ޑަބްލިއުއެޗްއޯގެ ޑިރެކްޓަރު ޖެނެރަލް ޑރ. ޓެޑްރޮސް އަދަނޮމް ގެބްރެޔެސުސް ވަނީ ކޮވިޑަށް ޕޮޒިޓިވްވާ މީހުންނާއި މަރުވާ މީހުންގެ ރޭޓް ކަންބޮޑުވާން ޖެހޭ މިންވަރަށް އިތުރުވާ ކަމަށް ހުކުރު ދުވަހު ވިދާޅުވެފަ އެވެ. އަދި ވޭތުވެދިޔަ ދެ މަހަށް ބަލާއިރު ހަފުތާއަކު ޕޮޒިޓިވްވާ ރޭޓް ޑަބަލްވަމުންދާ ކަމަށް ވިދާޅުވި އެވެ.

ކޮވިޑުގެ ތަފާސް ހިސާބުތައް ބަލަހައްޓާ ޖޯންސް ހޮޕްކިންސް ޔުނިވާސިޓީގެ ޑޭޓާ ދައްކާ ގޮތުން ކޮވިޑަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވި އެމެރިކާ، ބްރެޒިލް އަދި އިންޑިއާ އިން ވަނީ އެ ބަލީގައި އެއް މިލިއަން މީހުން މަރުވެފަ އެވެ. މިދިޔަ ހަފުތާގައި ވަނީ އެވްރެޖްކޮށް ދުވާލަކު 12،000 މީހުން މަރުވެފަ އެވެ.

އިންޑިއާ އިން ކޮވިޑް ކޮންޓްރޯލް ކުރެވުނު ކަމަށް ޖެނުއަރީ އަދި ފެބްރުއަރީ މަހު ބެލެވުނު އިރު އޭރު އެވްރެޖްކޮށް ދުވާލަކު ޕޮޒިޓިވްވީ 20،000 މީހުންނެވެ. އޭގެ ފަހުން ކޭސްތައް ވަނީ ވަރަށް ބޮޑަށް އިތުރުވާން ފަށައިފަ އެވެ. ހޮނިހިރު ދުވަހު ވަނީ 234،000 މީހުން ޕޮޒިޓިވްވެފަ އެވެ.

އިންޑިއާގެ ގިނަ ހޮސްޕިޓަލްތަކުން އޮކްސިޖަން ހުސްވަމުންދާއިރު ބަލި މީހުން ބަލަން ވެސް ދަނީ ދެކޮޅު ހަދަމުންނެވެ. ބައެއް އާއިލާތަކުން ދަނީ ކޮވިޑް ބޭސް ކަޅު ބާޒާރުގައި ގަންނަމުންނެވެ. ވެރިރަށް ނިއު ދިއްލީ އާއި އެހެން ބައެއް ސްޓޭޓްތަކުގައި މިހާރު ވަނީ ހަރުކަށި ފިޔަވަޅުތައް އަޅަން ފަށައިފަ އެވެ.

އިންޑިއާގައި ކޮވިޑް ކޭސްތައް އިތުރުވެގެން ދިޔަ މައިގަނޑު ސަބަބަކީ ދީނީ އެއްވުންތައް ބޭއްވުމާއި ކުޅިވަރު މެޗުތަކަށް މީހުން ވަނުމުގެ ހުއްދަ ދިނުމެވެ.

މުޅި ދުނިޔޭގައި 165 ގައުމެއްގައި މިހާތަނަށް ވަނީ 860 މިލިއަން މީހުންނަށް ކޮރޯނާވައިރަހުގެ ވެކްސިން ދީފަ އެވެ. ނަމަވެސް ޑަބްލިއުއެޗްއޯ އިން އިންޒާރު ދީފައިވާ ގޮތުގައި ފަގީރު ގައުމުތަކާއި މުއްސަނދި ގައުމުތަކާ ދެމެދު ވެކްސިންގެ ތަފާތު ވަރަށް ބޮޑެވެ. ބައެއް ގައުމުތަކުގެ އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ދިން އިރު އަނެއް ބައި ގައުމުތައް އަދި ތިބީ ވެކްސިންގެ ފުރަތަމަ ޝިޕްމަންޓުގެ އިންތިޒާރުގަ އެވެ. މުއްސަނދި ގައުމުތަކުގެ ކޮންމެ ހަތަރު މީހަކުން އެކަކަށް ވެކްސިން ޖަހާފައިވާ އިރު ފަގީރު ގައުމުތަކުގައި ކޮންމެ 400 މީހުންގެ ތެރޭން އެކަކަށް ވެސް ވެކްސިން ނުޖެހެ އެވެ. ޑަބްލިއުއެޗްއޯ އިން މަސައްކަތް ކުރަމުން ދަނީ ކޮވެކްސް ފެސިލިޓީގެ ތެރޭން ހުރިހާ ގައުމަކަށް ވެސް ހަމަހަމަކަމާ އެކު ވެކްސިން ފޯރުކޮށްދެވޭތޯ މަސައްކަތް ކުރަމުންނެވެ.