18 އެޕްރީލް 2021 - 08:24

ބުރަކަށްޓަށް ބަރު ޖެހެމުން ދިޔަހެން ހީވިއެވެ. ފާޑެއްގެ ހަރަކާތްތަކެއް ބުރަކަށި މަތީން އިހުސާސް ކުރެވެމުން ދިޔައެވެ. ގަދަކަމުން ކަހަލަ ގޮތަކަށް ލޯ ހުޅުވާލީމެވެ. އެސްފިޔަތައް ދުރުކޮށްލެވޭ ގޮތެއް ނުވެއެވެ. ހީވަނީ ތެރަސް އަޅައި ތަތްކޮށްފައި ހުރިހެންނެވެ. ދެ އަތުން ލޯ އުނގުޅައިލީމެވެ. ގަދަކަމުން ކަހަލަ ގޮތަކަށް ލޯ ހުޅުވާލީމެވެ. ބަންޑުން އޮވެވުނު ކަން ހަނދާންވީ ވެސް އެ ވަގުތުއެވެ. އުއްޑުން ޖެހިލަން ހިތަށް އެރިއެވެ. ނަމަވެސް ދެވަނަ ސިކުންތުގައި ވިސްނައިލެވުނެވެ.
ބުރަކަށިމަތިން ކުރެވުނީ ކޮން އިހުސާސެއްކަން އެނގުނީމައެވެ. ބުރަކަށިން ލިބެމުން ދިޔަ އުފާވެރި އިހުސާސްތަކާއެކު އެ ގޮތުގައި ހަމަޖެހިލެވުނެވެ. އެއީ ބަދަލެއް ނުވާ ލޯތްބެކެވެ. ދެ ގޮތެއް ނުވާ އާދައެކެވެ. އާރާއަށް ހެނދުނު ވެއްޖެ ނަމަ އަހަންނަށް ހެނދުނު ވާން ޖެހޭނެއެވެ. އެހެން ނޫނީ އޭނާ ކުޅިސަމާ ދައްކާނީ އަހަންނަށެވެ. ތެދުވަންދެން އެ ސަކަރާތެއް ޖަހާނީއެވެ.
"ދަރިފުޅާ." ބަރު އަޑަކުން އަހަންނަށް ގޮވައިލެވުނީ އާރާ އަށެވެ.
ނަމަވެސް އާރާއަށް އެ އަޑު އިވޭ ކަމަކަށް ނުހަދައެވެ. އޭނާއަށްވީ މަޖާ ކަމަކަށެވެ. އޭނާ އުޅުނީ އޭނާގެ ދުނިޔޭގައެވެ. ލަވަކިޔަމުން ނަށަމުން ދުވުނީ އޭނާގެ ދަނޑުގައެވެ. އަހަރެންގެ ބުރަކަށިމަތީ ގައެވެ.
"ދަރިފުޅާ ޑެޑީއަށް އައްދޮވެއޭ." އަހަރެން ބޭނުންވީ އާރާ ހުއްޓުވާށެވެ.
އެވަރުން ވެސް މިއަދު އާރާ ހުއްޓައިލާކަށް ނޫޅެއެވެ. އަހަރެން ގޮތެއް ހަދައިލައިފި ނަމަ އާރާ ވެއްޓޭނެއެވެ. ވެއްޓި ޖެހޭ ގޮތަކުން އޭނާއަށް ތަދުވާނެއެވެ. ނޫނީ ތަނެއް ފަޅައިގެން ހިނގައިދާނެއެވެ. މިހާރު އެއް ދުވަހު އެ ކަން ފެނިއްޖެއެވެ. އެކަން ވަޒަން ކުރެވިއްޖެއެވެ. ތުންފަތަށް ދަތްވަދެ ލޭ ކޮށިއްޖެއެވެ. އެހެންވެ އަހަންނަށް ޖެހުނީ މަޑުމަޑުން އޮންނާށެވެ. އާރާ ހިތްފުރެންދެން ފުރުސަތު ދީގެން ކެތްތެރިވާށެވެ. އަހަރެން އޮތްގޮތަށް އޮތީމެވެ. މައްޔިތެއް ފަދައިންނެވެ.
"ޑެޑީ. ޑޭޑީ ގުޑްމޯނިން." އާރާގެ ތުއްތުތުއްތު އަޑު ކަންފަތުން ސިކުނޑިއަށް ދުވެލިއެވެ.
އޭނާ އޮށޯވެލީ އަހަރެންގެ ބުރަކަށިމަތީގައެވެ. އަހަރެންގެ ކަންފަތު ފޫޅުގަނޑާ ކުޅެމުން އޭނާ ގޮވައިލި ލޯބި ގޮތުން ގައިން ހީނބިހި ނަގައިގަތެވެ. އަހަންނަށް ލޯ ހުޅުވާލެވުނެވެ. ފުން ނޭވާއެއް ބޭރުކޮށްލެވުނެވެ. އާރާގެ ދެ އަތުން އަހަރެންގެ އިސްތަށިގަނޑާ ކުޅެލިއެވެ. އަހަންނަށް ކުރެވުނީ މުޅީން ތަފާތު އިހުސާސެކެވެ. ލިބުނީ ބަޔާންކުރާން ނޭނގޭ ފަދަ އުފަލެކެވެ. އަރާމެކެވެ. މިއީ ތަފާތު ލޯތްބެކެވެ.
"ޑޭޑީ، ދެން ތެދުވޭ. އާރާ ފޫހިވަނީ.. ދެން ޑެޑީ.. ޕްލީޒް." އާރާ ދެ އަތް އެލުވައިލީ އަހަރެންގެ ކަރުގައެވެ.
އަހަރެން މަޑުމަޑުން އާރާގެ ދެ އަތުގައި ހިފައިލީމެވެ. އޭނާގެ ދެ އަތަށް ބޮސްދިނީމެވެ. އަހަރެންގެ އުނަގަނޑު ހިއްލައިލީމެވެ. އެނދުގައި ދެ އަތް ވިއްދައިލައި ހަށިގަނޑު ހިއްލައިލީމެވެ. އާރާ ހިފައިލީ އަހަރެންގެ ކޮނޑުގައެވެ. އޭނާ ބޭނުން އަހަންނަށް ވިސްނައިލެވުނެވެ. އެއީ އުފާވެރި ވަގުތުކޮޅެކެވެ. ހުނުމާއި ސަކަރާތުން ގުގުމައިލާ ހިނދުކޮޅެކެވެ. އާރާގެ މައުސޫމު އަޑުން ކޮޓަރިތެރެ ގުގުމާލާ އުފާވެރި ވަގުތުކޮޅެކެވެ.
"ވަން. ޓޫ..." ލަސްލަހުން އާރާ ހަމަޖެހިލައިގެން އޮވެ ގުނަމުން ދިޔައެވެ.
އަހަރެން އާރާ ބޭނުންވާ ގޮތަށް ހަށިގަނޑު ހިއްލައިލާ ތިރިކޮށްލީމެވެ. ވިއްސާ ހަމައަށް ގުނުނު އިރަށް އަހަންނަށް މާނޭވާލެވޭ ކަމަށް ހެދީމެވެ. އެންމެ ފަހުން ވަރުބަލިވެގެން ގޮދަޑި މައްޗަށް ވެއްޓުނު ކަމަށް ހެދީމެވެ. އާރާއަށް ގޮތް ދައްކާލީމެވެ. އާރާ ގާތަށް އައީ އަމަށަކު ހިންޏެއް ނޫނެވެ. ހެމުންހެމުން ގޮސް އޭނާ ހިނދުނެވެ. އަހަރެން އޭނާ ގައިގައި އޮޅުލައިގަތީމެވެ.
އާރާ މަޑުމަޑުން ތެދުވިއެވެ. އަހަންނަށް ފުން ނޭވާއެއް ބޭރުކޮށްލެވުނެވެ. ބާލީހުގެ ތެރެއަށް މޫނު ކޮށްޕާލައިގެން އޮވެ ވިސްނައިލެވުނެވެ. އާރާގެ އަޑެއް ބަޑެއް ނީވުމުން މަޑުމަޑުން ބޯ ހިއްލައިލާ އެއް ފަރާތަށް ބަލައިލީމެވެ. ފެނުނު މަންޒަރުން ދެ ލޯ ބޮޑުކޮށްލެވުނެވެ. ކަޅި ޖަހައި ނުލައި ބަލަން އޮވެވުނެވެ. މުޅި ދުނިޔެ ހުއްޓުނުހެން ހީވާން ފެށިއެވެ. މުޅި މަންޒަރު އެކުގައި ގަނޑުވި ކަހަލައެވެ.
އަނެއްކާ މި ފެންނަނީ ހުވަފެނެއް ހެއްޔެވެ؟ އަދިވެސް ނިދީގައި އުޅެވެނީ ހެއްޔެވެ؟ ނޫނެކެވެ. އަހަރެން މިއޮތީ ހޭލައެވެ. ދެ ލޯ ހުޅުވައިގެންނެވެ. ދެން އެއީ ކާކު ހެއްޔެވެ؟ އަހަންނަށް ލަސްލަހުން ބުނެލެވުނެވެ. ނީލަމްގެ ނަން ތަކުރާރު ކޮށްލެވުނެވެ.
މަޑުމަޑުން ތެދުވެ އެނދުގައި އިށީނދެލެވުނެވެ. ފެންނަމުން ދިޔަ މަންޒަރުގެ ތެރެއަށް ދެ ހިޔަންޏެއް އިތުރުވިއެވެ. އެ ހިޔަނި ހަރަކާތްކުރަމުން ދިޔައެވެ. އެއީ ހަމަ ނީލަމެވެ. އެ ދޮން މޫނެވެ. އެ ރާޅުބާނީ އިސްތަށިގަނޑެވެ. ކަޅު ދެ ކަޅިއެވެ. ދެ ބުމަ ދެމެދުގައިވާ ކުޑަ ކަޅު ތިލައެވެ. އެ ލޫލާފަތި ހަށިގަނޑެވެ. ހީވަނީ މާވަޑިއެއްގެ ކިއްސަރެއް ހެންނެވެ. އަހަންނަށް ބަލަން އިނދެވުނީއެވެ. އަނގަހުޅުވި ދެ ލޯ ބޮޑުކޮށް ގެންނެވެ.
ނީލަމު އެއް ލޯ މަރައިލިހެން ހީވިއެވެ. އަހަންނާ ދިމާއަށް އަތްދިއްކޮށްލި ހެން ވެސް ހީވިއެވެ. އޭނާ ފަރިގޮތެއް ހަދައިލިއެވެ. އަހަންނަށް އިޝާރާތެއްކޮށްލިއެވެ. މަޑުމަޑުން އޭނާ ހިނިތުންވެލިއެވެ. އަހަންނަށް ހީވީ ބަގީޗާއެއްގެ ތެރޭގައި އުޅެވޭ ހެންނެވެ. ސާމަރާދޫނިތަކުގެ ތެރޭގައި އުދުހެވޭހެންވެ. ހުނުމާއި ސަކަރާތުގެ ތެރޭގައި ނެށޭހެންނެވެ. ނީލަމުގެ ފަހަތުން އެ ބަގީޗާގެ ތެރޭގައި ދުވެވޭ ހެންނެވެ. ސާމަރާދޫނިތަކުގެ ފިޔަތައް ހުޅުވާ ލައްޕަމުން ދިޔަ މަންޒަރުގެ ތެރޭގައި ފީނޭހެންނެވެ. ލޮލަށް ސިފަވަމުން ދިޔައީ އެ މަންޒަރުތަކެވެ. އެ ހަނދާންތަކެވެ. ސިކުނޑީގައި ތަކުރާރުވީ އެ މާޒީއެވެ. ސިކުނޑީގެ ތެރެއިން ލޮލުގެ ތެރެއަށް ނުކުންނަމުން ދިޔައީ އެ ތަސްވީރުތަކެވެ.
ވެހެމުން ދިޔަ ހިމަ ފޮދު ވާރޭގެ ތެރޭގައި ދެމީހުން ޖެހި ސަކަރާތެވެ. ތުނިތުނި ހެދުމުގައި ނީލަމާއެކު ތެމި ފޯވެގެން އުޅެވުނު ގޮތެވެ. އެ ބީހުންތަކެވެ. އެ ގައިގޯޅިކަމެވެ. ފިނި ނަމަވެސް އުފާވެރި އިހުސާސްތަކެވެ.
"ހުޅުވާލާ! ފިޔަތައް ހުޅުވާލާ. ވާރޭވެހެނީ. އަވަހަށް ހުޅުވާލާ." ނީލަމު އަޑުގެކޮޅަށް ގޮވާލިއެވެ.
ނީލަމުގެ އަޑާއެކު ސާމަރާދޫނިތައް ފިޔަތައް ހުޅުވާލިއެވެ. އެއާއެކު ނީލަމު އަހަރެންގެ ކޮނޑަށް ފުންމައިގަތެއެވެ. އޭނާ ގޮވައިގެން އަހަރެން ދުއްވާގަތީމެވެ. ޖަހަމުންދިޔަ ވާރޭކަނިތަކުން ތެމިފޯވަމުންނެވެ. އެއާއެކު ނީލަމު ހޭންފެށިއެވެ. އޭނާގެ ހުނުމުގެ އަޑުން މުޅިތައް ގުގުމަމުން ދިޔައެވެ. އެއަޑު ހުރީ މާހައުލުގައި ހިފައިލާފައެވެ. އަހަރެންގެ ކޮނޑަށް ނީލަމު އަރުވައިގެން ދުވެފައި ދަނިކޮށް އެއްޗެއްގައި އަޅައިގަތެވެ. އަހަރެން އަރި އަޅައިލިއެވެ. ދެމީހުން އެކުގައި ވެއްޓުނެވެ. ނީލަމުން އޮތީ އަހަރެންގެ މޭމަތީގައެވެ. އޭނާގެ ތުންފަތް ޖެހުނީ އަހަރެންގެ ކަށި ދަތްދޮޅީގައެވެ. އޭނާ ލޯ މަރައިލިއެވެ. އަހަންނަށް ފުން ނޭވާއެއް ބޭރުކޮށްލެވުނެވެ. ނީލަމުގެ އިސްތަށިގަނޑު އަހަރެންމެ މޫނަށް ތިރިވިއެވެ.
އަހަންނަށް ދެ ލޯ މަރައިލެވުނެވެ. ފުން ނޭވާއެއް ބޭރުކޮށްލެވުނެވެ. އަނެއްކާ ވެސް މަޑުމަޑުން ދެ ލޯ ހުޅުވާޅެވުނެވެ. އެއާއެކު މުޅި ތަން ބަދަލުވިއެވެ. މާހައުލު ގެއްލުނެވެ. އުފަލާއި ސަކަރާތުގެ އަޑެއްބަޑެއް ނީވެއެވެ. ބަދަލުގައި އިވެމުން ދިޔައީ ވޭނާއި ގިސްލުމުގެ އަޑެވެ. ފެންނަމުން ދިޔައީ ކަރުނައިގެ ކޯރެއްގައި ފަތަމުން ދިޔަ ނީލަމުގެ މޫނެވެ. އަޑިވަދެފައިވާ ދެ ލޮލޮވެ. ހިކިފައިވާ ދެ ތުންފަތެވެ. މަސްނެތި އަޑިވަދެ ކަށިގަނޑު ހާމަވާ ކޮލުގެ ކަށިގަނޑެވެ. ހިކި އަނަރޫފަވެފައިވާ މޫނެވެ. ހީވަނީ ކާޑުބަލި ޖެހިފައިވާ މީހެއް ހެންނެވެ. ދެ ލޯ ހީވަނީ ބޭރަށް ފުންމާލަން އުޅޭހެންނެވެ.
ކުއްލިއަކަށް މިވީ ކީއް ހެއްޔެވެ؟ ނީލަމަށް އެހާލު ޖެހުނީ ކީއްވެ ހެއްޔެވެ؟ އޭނާއަށް އެހެން ދިމާވީ ކީއްވެ ހެއްޔެވެ؟ އެ ތަނުގައި އަހަރެން ކޮބައި ހެއްޔެވެ؟ އެ މަންޒަރުގައި އަހަރެން ނެތީ ކީއްވެ ހެއްޔެވެ؟
"އަޔާޒު. އަހަންނަށް މައާފުކުރޭ. އަހަންނަށް މައާފުކުރޭ." ނީލަމުގެ ވޭނީ އަޑު އަހަރެންގެ ކަންފަތުގައި ޖެހުމާއެކު ބަލައިލެވުނެވެ.
އޭނާ މައާފަށް އެދޭވަރު ކަމެއް ކުރެވުނީ ހެއްޔެވެ؟ އެއީ އަނެއްކާ ކޮންކަމެއް ހެއްޔެވެ؟ އަހަންނަށް ދެފަހަރަކު އެސްފިޔަ ޖަހައިލެވުނެވެ. ނީލަމު ދިއްކޮށްލި އަތުގައި ހިފައިލެވުނެވެ. އޭނާގެ މޫނާ ދިމާއަށް ގުދުވެލެވުނެވެ. އޭނާ ދައްކާލީ މެޝިނެވެ. ނީލަމަށް އިންޒާރުގެ ސިގުނަލް ތައް ފޮނުވަމުން ދިޔަ ރޮނގުތައް އަހަންނަށް ދައްކާލިއެވެ. ކަތި ރޮނގުތައް ތެދުވަމުން ދިޔަ މަންޒަރަށް ބަލައިލެވުނެވެ. އަހަންނަށް ނޭވާ ހިފަހައްޓައިލެވުނެވެ.
"ހިތް ހެޔޮކުރާތި؟ އަހަރެން މި ދަނީ..." ނީލަމުގެ އަޑު ފަނޑުވަމުން ދިޔައެވެ.
އޭނާގެ ނޭވާ އަވަސްވަމުން ދިޔައެވެ. ހިތުގެ ހިނގުން ބާރުވަމުން ދިޔައެވެ. ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް ގިނަވަމުން ދިޔައެވެ. އޭނާގެ ނޭފަތަށް ލައްވާފައިވާ ހޮޅި އަހަރެންގެ ލޮލުގައި އަޅައިގަތީ އެ ވަގުތުއެވެ.
"އަހަރެންގެ ހަދިޔާ ރަނގަޅަށް... ރަނގަޅަށް ބަލާތި... އަހަރެންގެ ހަނދާނަކީ އެ... އަހަރެންގެ ނިޝާނަކީ އެ." ލަސްލަހުން ނީލަމުގެ ޖުމުލަ ފުރިހަމަ ކުރިއެވެ.
އަހަންނަށް ހިފައިލެވުނީ ފިނިވަމުން ދިޔަ ނީލަމްގެ އަތުގައެވެ. އޭނާގެ ކޯތާފަތުގެ ކުލަ މަޑު ރަތްކުލައަށް ބަދަލުވަމުން ދިޔައެވެ. ލޮލުގެ ހުދު ކަޅި ރަތްވަމުން ދިޔައެވެ. އެ ރީތި ދެ ލޯ ހީވަނީ ބޭރަށް ނުކުންނަށް އުޅޭ ހެންނެވެ. ދެ ލޮލަށް ޖަމާވި ކަރުނަތައް ހިފެހެއްޓުމެއް ނެތި އޮހިގަތެވެ. އަހަންނަށް ވެސް ކެތެއް ނުކުރެވުނެވެ. ނީލަމުގެ އަތުގައި ހިފައިލެވުނެވެ. މަޑުމަޑުން އޭނާ މޫނު ކައިރިއަށް ގުދުވެވުނެވެ. އޭރު އަހަރެންގެ ހިތް ނަގައި ޖެހެމުން ދިޔައެވެ. ވިންދު އަވަސްވަމުން ދިޔައެވެ. ނޭވާ ކުރުވަމުން ދިޔައެވެ. މުޅި ގަޔަށް ކަރަންޓު އަންނަ ކަމުގެ އިހުސާސް ކުރެވުނެވެ.
"އަދި އެއްފަހަރު ބުނެލަބަލަ... ހަމަ އެންމެ ފަހު ފަހަރަށް ވެސް ބުނެލަބަލަ.." ނީލަމް އުނދަގުލުން ބުނެލިއެވެ.
އަހަންނަށް ބަލައިލެވުނީ ނީލަމްގެ ފެންކަޅިވެފައިވާ ދެ ލޮލަށެވެ. ކީކޭހޭ ބުނަންވީ އަހާ ފަދަ ގޮތަކަށެވެ. އޭރު އޭނާގެ ނޭވާ ކުރުވެ މަތިހަށި ނަގައި ޖެހޭވަރު އިތުރުވިއެވެ.
"ހިތުގައި ފޮރުވާލަދޭނަ..." ނީލަމަށް އެ ޖުމުލަ ފުރިހަމަ ނުކުރެވުނެވެ.
އޭނާގެ ފަހު ނޭވާ ހަށިން ބޭރުކޮށްލިއެވެ. މެޝިންތަކުން އިވެމުން ދިޔަ ތޫލި އަޑާއެކު މުޅިތަން ހިމޭންވިއެވެ. އަހަންނަށް ހީވީ މުޅި ދުނިޔެ ހުއްޓުނު ހެންނެވެ. މާހައުލު އެކުގައި ހިމޭންވި ހެންނެވެ. އެއާއެކު ބާރުބާރަށް ހަޅޭއްލަވާ ގަނެވުނެވެ.
"ޑެޑީ މިއީ އާރާ އޭ." ލޯ ހުޅުވާލެވުނީ އާރާގެ ތުއްތުތުއްތު އަޑު ކަންފަތުގައި ޖެހުމުންނެވެ.
އާރާ ހުރީ ދަތް އުނގުޅާ ބުރުހުގައި ބޭސް ޖަހައިގެން އަހަންނާ ދިމާއަށް ދިއްކޮށްލައިގެންނެވެ. މި ޚިޔާލުތައް މި ކުރެވުނީ އެހެންވީމައެވެ. ނީލަމުގެ އާދައެއް އާރާއަށް ދަސްވީމައެވެ.
އާރާގެ އަޑު ޖެހުމުން އަހަންނަށް ބަލައިލެވުނެވެ. ނީލަމް ކޮބައިތޯއެވެ. ވަށައިގެން ހޯދާލެވުނެވެ. ނަމަވެސް ނީލަމެއް ނުފެނުނެވެ. އަހަންނަށް ފެނުނީ ނީލަމުގެ ދެ ލޮލެވެ. އޭނާގެ ތުނިތުނި ތުންފަތެވެ. އެ ކޯތާފަތެވެ. ފެނުނީ އާރާއެވެ. ނީލަމުގެ ހަނދާނެވެ. އަހަރުމެންގެ ލޯބީގެ ނިޝާނެވެ. އެއީ ނީލަމް ބޭނުންވި ގޮތެވެ. އޭނާ ދުނިޔޭގައި އުޅުމަށް ލިބުނު މަދު ދުވަސްކޮޅު އޭނާގެ ހަނދާނެއް އުފަންކުރުވާށެވެ. ކެންސަރުބަލީގައި ވަކިވެ ދިޔައީ އާރާ އުފަންވި ދުވަހުއެވެ. އެ އަމާނާތް އަހަންނާ ހަވާލުކޮށްފައެވެ. މިއީ އޭގެ ހަތަރު އަހަރު ފަހެވެ.
އަހަރެން އާރާ ގަޔާ ކައިރިކޮށްލީމެވެ. މަޑުމަޑުން އޭނާގެ ގައިގައި އޮޅުލައިގަތީމެވެ. އާރާ ބަލައިލީ އަހަރެންގެ މޫނަށެވެ. ދެލޮލަށް ގިނަވި ކަރުނަތައް ފޮހެލަދިނެވެ. އަހަރެންގެ މޫނަށް ބޮސްދެމުން އޭނާގެ ކުޑަކުޑަ ދެ އަތުން އަހަރެންގެ ކޮލުގައި ހިފައިލިއެވެ. އަހަންނަށް ލަސްލަހުން ބުނެލެވުނެވެ.
"ހިތުގައި ފޮރުވާލަދޭނަމޭ."
ނިމުނީ