18 އެޕްރީލް 2021 - 08:17

ޒޫމް ބޭނުންކުރި އިރު ކެމެރާ އޮންވެފައި އިންކަން ނޭނގި ކޮމްޕިޓަރުގެ ސްކްރީން ކުރިމަތީގައި ބަރަހަނާވެ ހެދުން ބަދަލުކުރާ މަންޒަރާ އެކު، ކެނެޑާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރަކަށް ފާޑުކިޔުން އަމާޒުވުމުން މާފަށް އެދިވަޑައިގެންފި އެވެ.
ޕޮންޓިއަކް ދާއިރާ ތަމްސީލުކުރައްވާ ލިބެރެލް ޕާޓީ އަށް ނިސްބަތްވާ މެމްބަރު ވިލިއަމް އަމޯޒް، 46، ހައުސް ކޮމަންސްގެ ޒޫމް ކޮންފަރެންސްގައި "ބަރަހަނާވި" މައްސަލާގައި މާފަށް އެދިވަޑައިގެން ބުރާސްފަރި ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖޮގިން އަށް ފަހު އޮފީސް ހެދުމަށް ކެމެރާގެ ކުރިމަތީގައި ބަދަލުރެއްވުނީ ކެމެރާ އޮންވެފައި އިންކަން އެނގިވަޑައިގެން ނުގެން ކަމަށެވެ.
"އެހެންވެ ހުރިހާ މެމްބަރުންގެ ކިބައިން މާފަށް އެދެން. އެއީ ހަމަ އޮޅުމަކުންވީ ކަމެއް. ދެން އެފަދަ ކަމެއް ތަކުރާރެއް ނުވާނެ،" ދެ ކުދިންގެ ބައްޕަ ވިލިއަމް ވިދާޅުވި އެވެ.
އޭނާ ބަރަހަނާވި މަންޒަރާ އެކު ގިނަ ފާޑުކިޔުންތައް އަމާޒުވެފައިވާ އިރު، ވީޑިއޯގެ ސްކްރީންޝޮޓްތަކެއް ވެސް ސޯޝަލް މީޑިއާގައި ދައިރުކޮށްފައިވެ އެވެ. އޭގައި ފެންނަނީ ކެނެޑާގެ ދިދަ އާއި ކިއުބެކް ދިދައިގެ ކުރިމަތީގައި މެމްބަރުން ބަރަހަނާކޮށް ހުންނަވަނިކޮށެވެ.
ކެނެޑާގެ ގާނޫނު ހަދާ މަޖިލީހުގައި ފިރިހެން މެމްބަރުންނަށް ވަކި ޑްރެސް ކޯޑެއް ނޯވެ އެވެ. އެކަމަކު ޖަލްސާތަކުގައި ބައިވެރިވާ އިރު އެކަށީގެންވާ ހެދުމެއް އަޅަން ޖެހެ އެވެ.
މި މައްސަލާގައި ލިބެރަލް ޕާޓީން އަދި އެއްވެސް އެއްޗެއް ނުބުނެ އެވެ.
ވިލިއަމް އަށް ދިމާވި ފަދަ ހާދިސާތަކެއް މީގެ ކުރިން އެކި ގައުމުތަކުގައި ހައި ޕްރޮފައިލް ލެވެލްގައި ހިނގާފައިވެ އެވެ. ކެމެރާ އޮންވެފައި އިންކަން ނޭނގި ކުންފުނިތަކު ބޯޑް މީޓިންތަކާއި ޓީވީ ޕްރެންޓަރުން ބަރަހަނާވުމާއި ކޯޓް ޝަރީއަތްތަކުގެ ތެރޭގައި ޒޫމް ކެމެރާގެ ފިލްޓަރާ ހެދި ވެސް އެތައް ބަޔަކަށް މި ފަހުން ބޮޑެތި ލަނޑުތައް ލިބިފައިވެ އެވެ.