17 އެޕްރީލް 2021 - 13:12

ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު ފިލްމު ސީރީޒް "ހެރީ ޕޮޓާ" ގައި ނާސިސަ މަލްފޯއިގެ ކެރެކްޓާ ކުޅުނު ބަތަލާ ހެލެން މެކްކްރޯރީ ކެންސަރު ބަލީގައި މަރުވެއްޖެ އެވެ.
އުމުރުން 52 އަހަރުގެ ބަތަލާ ހުކުރު ދުވަހު މަރުވިކަން އިއުލާންކޮށް ފިރިމީހާ އެކްޓަރު ޑެމިއަން ލުވިސް ބުނީ އަންހެނުން ހިތްވަރާ އެކު ކެންސަރާ ހަނގުރާމަކުރުމަށް ފަހު ވަކިވެ ދިއުމުން އާއިލާ އަށް ބޮޑު ހިތާމައެއް ލިބިފައިވާ ކަމަށެވެ.
ޑެމިއަން ބުނި ގޮތުގައި ހެލެން އަކީ އާއިލާ އަށް އުފާވެރިކަމާއި އަލިކަން ގެނެސްދިން ބައިވެރިއެކެވެ. އެހެންވެ އޭނާ ވަކިވެ ދިޔަ ނަމަވެސް އާއިލާ އާއި ރައްޓެހިންނާއި ފޭނުންގެ ހިތްތަކުން އަބަދު ވެސް ހެލެން އަށް ހާއްސަ ޖާގަ އޮންނާނެ ކަމަށް ގަބޫލުކުރާ ކަމަށް ބުންޏެވެ.
އޭނާ މަރާ ގުޅިގެން "ހެރީ ޕޮޓާ" ގެ ލިޔުންތެރިޔާ ޖޭކޭ ރޯލިން ހިތާމަފާޅުކޮށް ކުރި ޓްވީޓްގައި ބުނީ، ހެލެން އަކީ އާދަޔާހިލާފު މޮޅު ބަތަލާއެއް ކަމަށާއި އޭނާ ވަކިވެ ދިޔައީ މާ އަވަހަށް ކަމަށެވެ.
ސްޓޭޖް ތަމްސީލުތަކުން އެކްޓިން ކެރިއަރު ފެށި ހެލެން އަކީ ފަހުން ވަރަށް ފާހަގަކޮށްލެވޭ ފިލްމުތަކެއް ކުޅުނު ބަތަލާއެކެވެ. އޭގެ ތެރޭގައި އިންޓަވިއު ވިތު ދަ ވޭމްޕަޔާ (1994) އާއި ކެސަނޯވާ (2005) އަދި ދި ކްއީން (2006) ހިމެނެ އެވެ.
ދެ ކުދިން ލިބުނު ހެލެން އަކީ ވަރަށް ގިނަ ފިލްމުތަކާއި ޓީވީ ސިލްސިލާތަކުގެ އިތުރުން އެތަކެއް ތަމްސީލުތަކެއް ކުޅެފައިވާ ބަތަލާއެކެވެ. އޭނާ އެންމެ ފަހުން ފެނިފައި ވަނީ 2017 ގެ "ލަވިން ވިންސެންޓް" އިންނެވެ.
ހެލެން "ހެރީ ޕޮޓާ" ގެ ތިން ފިލްމެއްގައި ނާސިސަ މަލްފޯއިގެ ރޯލު ކުޅުނެވެ. އެއީ 2009 ގެ "ހެރީ ޕޮޓާ އެންޑް ދަ ހާފް-ބްލަޑް ޕްރިންސް" އާއި 2010 އާއި 2011 ގެ "ހެރީ ޕޮޓާ އެންޑް އެންޑް ދަ ޑެތުލީ ހޮލޯޒް" އެވެ.