16 ނޮވެމްބަރ 2016 - 10:25

ލިމާ، ޕެރޫ (ނޮވެމްބަރު 16) - ފާއިތުވި އަހަރުތަކުގައި ބްރެޒިލް ގައުމީ ޓީމު އަޑިއަޅާލާފައި އޮތް ނަމަވެސް މިހާރު ތިބި ޒުވާން ކުޅުންތެރިންގެ ފެންވަރަށް ބަލާއިރު ބްރެޒިލް ފުޓްބޯޅައިގެ މުސްތަގުބަލު އުޖާލާ ކަމަށް އެ ޓީމުގެ ކޯޗު ލިއޮނާޑޯ ބާޗީ (ޓީޓޭ) ބުނެފި އެވެ.
ވޯލްޑް ކަޕް ކޮލިފައިންގައި މިއަދު ރަށުން ބޭރުގައި ޕެރޫ އަތުން 2-0 އިން މޮޅުވެ، ބްރެޒިލް ވަނީ ކޮލިފައިން ތާވަލުގެ އެއް ވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. ޖެހިޖެހިގެން ހޯދި ހަ ވަނަ މޮޅާ އެކު ބްރެޒިލް އެއް ވަނައިގައި އޮތީ 12 މެޗުން 27 ޕޮއިންޓާ އެކު އެވެ.
މި މެޗުގައި ބްރެޒިލްގެ ލަނޑުތައް ޖަހައިދިނީ ގަބްރިއެލް ޖީސަސް އާއި ރެނާޓޯ އޮގަސްޓޯ އެވެ. ރެނާޓޯ ލަނޑު ޖެހީ ގަބްރިއެލް ދިން ބޯޅައަކުންނެވެ. މީގެ އިތުރުން ވެސް މިއަދު މެޗުގައި ލަނޑު ޖަހަން އިތުރު ފުރުސަތުތައް ބްރެޒިލަށް ލިބުނެވެ.
އުމުރުން 19 އަހަރުގެ ގަބްރިއެލް އަކީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި މެންޗެސްޓާ ސިޓީ އަށް ސޮއިކުރި ކުޅުންތެރިޔެކެވެ. އޭނާ ސިޓީ އަށް ބަދަލުވާނީ އަންނަ ޖެނުއަރީ މަހުގަ އެވެ.
"ޒުވާން ކުޅުންތެރިން މި ޓީމު ލީޑު މި ކުރަނީ. ގަބްރިއެލް އާއި ފިލިޕޭ ކޯޓީނިއޯ އަދި ނޭމާ ފަދަ ކުޅުންތެރިން އަދި އެ ތިބީ ބައިނަލްއަގްވާމީ ފުޓްބޯޅަ އަށް ބަލާއިރު އަދި ވެސް ޒުވާން އުމުރުގައި. ބްރެޒިލް ފުޓްބޯޅައިގައި ދަށް ދުވަސްތަކެއް ގޮސްފި. ގިނަ މެޗު ކުޅުނު ވަރަކަށް މި ޓީމު ދާނީ އިތުރަށް ވަރުގަދަ ވަމުން،" ޓީޓޭ ބުންޏެވެ.
ރޭގެ މޮޅާ އެކު ބްރެޒިލް ވަނީ ރަޝިއާގައި 2018 ވަނަ އަހަރު އޮންނަ ވޯލްޑް ކަޕަށް ކޮލިފައިވުމާ ގާތަށް ޖެހިލައިފަ އެވެ. ބާކީ އޮތް ހަ މެޗުގެ ތެރެއިން ވޯލްޑް ކަޕްގެ ސީދާ ޖާގައެއް ކަށަވަރުކުރަން އެ ޓީމަށް ބޭނުންވަނީ 10 ވަރަކަށް ޕޮއިންޓެވެ.