12 މަސް ތެރޭ ތިން ވަނަ ޑޯޒެއް ޖަހަން ޖެހިދާނެ: ފައިޒާ
12 މަސް ތެރޭ ތިން ވަނަ ޑޯޒެއް ޖަހަން ޖެހިދާނެ: ފައިޒާ

ވޮޝިންޓަން (އެޕްރީލް 17) - ފައިޒާ ވެކްސިންގެ ތިން ވަނަ ޑޯޒެއް 6-12 މަހާ ދެމެދު ޖަހަން ޖެހިދާނެ ކަމަށް އެ ކުންފުނީގެ ސީއީއޯ އަލްބާޓް ބޯލާ ވިދާޅުވެއްޖެ އެވެ.

އޭނާ ވިދާޅުވީ އަހަރަކު އެއްފަހަރު ކުރާ ކަމެއްގެ ގޮތުގައި ކޮރޯނާވައިރަހުގެ ވެކްސިން ދިނުން ކުރިއަށް ގެންދަން ޖެހޭނެ ކަމަށެވެ.

"އެންމެ ބޮޑަށް ލަފާކުރެވޭނީ ތިން ވަނަ ޑޯޒެއް ޖަހަން ޖެހޭނެ ކަމަށް. އެއީ ވެކްސިންގެ ދެ ވަނަ ޑޯޒަށް ފަހު ހަ މަހާއި 12 މަހާ ދެމެދު. އަދި އަހަރަކު އެއް ފަހަރު ވެކްސިން ދިނުން ކުރިއަށް ގެންދަން ޖެހޭނެހެން،" ސީއެންބީސީ އަށް ދެއްވި އިންޓަވިއުއެއްގައި ބޯލާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވެކްސިން ދިނުން ތަކުރާރު ކުރަން ޖެހޭ މައިގަނޑު ސަބަބަކީ ވައިރަހުގެ ތަފާތު ވޭރިއަންޓްތައް އުފަންވުން ކަމަށެވެ.

ކޮރޯނާވައިރަހުގެ ވެކްސިނުން ރައްކާތެރިކަން ލިބޭ މުއްދަތު ރިސާޗަރުންނަށް ޔަގީންކަމާ އެކު އަދި ބުނެދެވިފައެއް ނުވެ އެވެ.

ފައިޒާ އިން ފެބްރުއަރީ މަހު ވަނީ، ތަފާތު ވޭރިއަންޓްތަކުން ދިފާއުވުމަށް ތިން ވަނަ ޑޯޒެއް ޓެސްޓް ކުރަމުންދާ ކަމަށް ބުނެފަ އެވެ.

ފައިޒާ އިން މި މަހު ވަނީ އެ ކުންފުނީގެ ވެކްސިންގެ ދެ ވަނަ ޑޯޒަށް ފަހު، 91 ޕަސެންޓް ރައްކާތެރިކަން އަދި ކޮރޯނާވައިރަހުގެ ބޮޑުވަރުވެފައިވާ ކޭސްތަކަށް 95 ޕަސެންޓުގެ ރައްކާތެރިކަން، ހަ މަސް ދުވަހުގެ މުއްދަތަށް ލިބޭ ކަމަށް ބުނެފަ އެވެ. ރިސާޗަރުން ބުނެފައި ވަނީ ހަ މަހަށް ފަހު ރައްކާތެރިކަން ލިބޭ މިންވަރު ދެނެގަތުމަށް އިތުރު ޑޭޓާ ބޭނުންވާނެ ކަމަށެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ކޮވިޑް ރެސްޕޮންސް ޓީމުގެ ވެރިޔާ ޑޭވިޑް ކެސްލާ ކޮންގްރެސްގެ ކޮމިޓީއެއްގައި ބުރާސްފަތި ދުވަހު ވިދާޅުވެފައި ވަނީ ކޮރޯނާވައިރަހުގެ ވޭރިއަންޓްތަކުން ދިފާއުވުމަށް ބޫސްޓާ ޝޮޓެއް ދޭން ޖެހިދާނެ ކަމަށެވެ.