17 އެޕްރީލް 2021 - 00:26

ކޮވިޑް ޖެހިގެން 86 އަހަރުގެ ފިރިހެނަކު މިއަދު މަރުވެފައިވާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިރޭ ބުނެފި އެވެ.
މިއީ ކޮވިޑް ޖެހިގެން ރާއްޖެ އިން މަރުވި 69 ވަނަ މީހާ އެވެ. އަދި މިއަދު މަރުވި ދެ ވަނަ މީހާ އެވެ. ކޮވިޑަށް ފަރުވާ ދެމުން ދިޔަ 86 އަހަރުގެ އަންހެނަކު ވެސް މިއަދު ވަނީ މަރުވެފަ އެވެ. ކޮވިޑްގައި މި މަހު ރާއްޖެ އިން މަރެއް ރިޕޯޓްކޮށްފައި ވަނީ މިއަދެވެ. ރާއްޖޭގައި ކޮވިޑް ކޭސްތައް ވަރަށް ބޮޑަށް އިތުރުވެގެން ދިޔަ، މިދިޔަ ފެބްރުއަރީ މަހު ވަނީ 10 މީހުން މަރުވެފަ އެވެ. އަދި މިދިޔަ މަހު ވަނީ ފަސް މީހުން މަރުވެފަ އެވެ.
ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވަމުން ދިޔަ ނަމަވެސް މިހާރު ވަނީ އަނެއްކާވެސް އަދަދުތައް ދަށަށްދާން ފަށައިފަ އެވެ. ރާއްޖެ އިން މިއަދު ޕޮޒިޓިވްވެފައި ވަނީ 82 މީހުންނެވެ. އެއީ މާލެ ސަރަހައްދުން 40 އަދި އަތޮޅުތަކުން 24 މީހުންނާއި ރިސޯޓްތަކުން 18 މީހުންނެވެ. ރާއްޖޭގެ އެކްޓިވް ކޭސްއަކީ މިހާރު 2،584 އެވެ. އެޑްމިޓްކޮށްގެން ފަރުވާ ދެނީ 53 މީހުންނަށެވެ. ރާއްޖެއިން މިހާތަނަށް ވަނީ 26،021 މީހުންނަށް ކޮވިޑް ޖެހިފަ އެވެ. އޭގެ ތެރޭން 23،360 މީހުން ވަނީ ރަނގަޅުވެފަ އެވެ.
ރާއްޖޭގައި މިހާތަނަށް ވަނީ 277،522 މީހުން ކޮވިޑް ވެކްސިން ޖަހައިފަ އެވެ. ދެވަނަ ޑޯޒް ވަނީ 34،531 މީހުން ޖަހައިފަ އެވެ.