16 އެޕްރީލް 2021 - 21:19

ށ. ފޯކައިދޫގައި އެމްޑީޕީ ސަޕޯޓަރުން ފިޔާތޮށި ކުލައިގެ ފޮތި އޮޅާފައި ހުރި ރުކެއް ކަނޑާލި މައްސަލަ ހޫނުވެފައި ވަނިކޮށް، އެއީ ކުޅެލި ޑްރާމާއެއް ކަމަށް ބުނެ ކައުންސިލުން އެކަން ދިފާއުކޮށްފި އެވެ.
ސޯޝަލް މީޑިއާގައި މިއަދު ވައިރަލްވި ވީޑިއޯ އިން ފެންނަ ގޮތުގައި ރީނދޫ ކުލައިގެ ހެދުން ލައިގެން ތިބި ބަޔަކު އެ ރަށު އަތިރިމަތީ ހުރި ފިޔާތޮށި ފޮތި އޮޅާފައި ހުރި ރުކެއް ކަރަންޓު ކީހަކުން ބުރިކޮށްލައި ރުއް ކަނޑާ ވައްޓާލަ އެވެ. އަދި އެ ސަރަހައްދުގައި އެއްވެފައި ތިބި އެމްޑީޕީގެ ގިނަ ސަޕޯޓަރުން އަތް ޖަހައި، އެކަމާ އުފާ ފާޅު ކުރެ އެވެ.
އެކަމަށް ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ ފާޑު ކިޔުން ވަނީ އަމާޒުވެފަ އެވެ. އަދި އެންވަޔަރްމަންޓް މިނިސްޓްރީ އާއި އެންވަޔަރްމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އެ މީހުންނަށް ފިޔަވަޅު އެޅުމަށް ވެސް ގޮވާލި އެވެ.
އެކަމާ ގުޅިގެން "މިހާރު" އާ ވާހަކަ ދައްކަވަމުން ފޯކައިދޫ ކައުންސިލްގެ ރައީސް މުހައްމަދު ރާޝިދު ވިދާޅުވީ އެއީ ލޯކަލް ކައުންސިލް އިންތިހާބުން ކާމިޔާބުވުމާ ގުޅިގެން އެ ރަށުގެ އެމްޑީޕީ ސަޕޯޓަރުން ކުޅެލި ޑްރާމާއެއް ކަމަށެވެ.
ކަނޑާލި ރުކަކީ ކުރިން ވެސް ބިންދައިގެން ގޮސް ބަނދަރު ސަރަހައްދަށް ވެއްޓިފައި އޮތް ރުކެއް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ ސަރަހައްދުގައި ވަޅެއް ކޮނެ، އަލުން އެ ރުށް ޖަހައި، ފިޔާތޮށި ކުލައިގެ ފޮތި އޮޅި ކަމަށާއި އުފާ ފާޅު ކުރުމުގެ ގޮތުން ކަނޑާލީ ކަމަށް އޭނާ ވިދާޅުވި އެވެ.
"ކުރިން އިން ރުކެއް ނޫން އެއީ. ބިންދައިގެން ގޮސް އޮތް ރުކެއް އެއީ ކުރިން ވެސް. އެ ދުވަހު އަމިއްލައަށް އިނދައިގެން ފޮތި އޮޅާފަ އަމިއްލައަށް ކަނޑާލި ރުކެއް. އެއީ ޕީޕީއެމް އާ ގުޅުން ހުރި ކަމެއް ނޫން،" އެމްޑީޕީގެ ޓިކެޓުގައި އިންތިހާބުކޮށްފައިވާ އަދި މިފަހަރު ކައުންސިލް އިންތިހާބުގައި އެ ޕާޓީގެ ކެމްޕެއިންގައި އިސްކޮށް ހަރަކާތްތެރިވި ރާޝިދު ވިދާޅުވި އެވެ.
އެކަން ހިނގީ މިދިޔަ ހޯމަ ދުވަހު އެވެ. އަދި ރުއް ކަނޑާލީ އެ ރަށުގައި އެމްޑީޕީން ބޭއްވި ބޮޑު ހިނގާލުމެއް ނިންމާލާފައި ކަމަށް ރާޝިދު ވިދާޅުވި އެވެ.
ކައުންސިލް އިންތިހާބުގައި ފޯކައިދޫ ކައުންސިލްގެ ހުރިހާ ގޮނޑިއެއް ކާމިޔާބު ކުރީ އެމްޑީޕީންނެވެ.
އެކަމާ ގުޅިގެން ރުއް ކަނޑާލި މައްސަލަ އެ ޕާޓީން ވެސް ވަނީ ކުށްވެރިކޮށްފަ އެވެ. އެގޮތުން އެމްޑީޕީ ސެކްރެޓޭރިއަޓުން މިރޭ ކުރި ޓުވީޓެއްގައި ބުނީ އެފަދަ އަމަލު ހިންގުމަކީ އެމްޑީޕީން އެއްވެސް ވަރަކަށް ހިތްވަރު ދޭ ކަމެއް ނޫން ކަމަށާއި އެމްޑީޕީއަށް ތާއީދު ކުރާ އެއްވެސް ފަރާތަކުން އެފަދަ ކަންކަން ނުހިންގުމަށް ދަންނަވާ ކަމަށެވެ.