16 އެޕްރީލް 2021 - 20:24

ޓެރަރިޒަމްގެ ތުހުމަތުގައި ތ. ތިމަރަފުށިން މިދިޔަ އަހަރު ހައްޔަރު ކުރި އަހްސަން މުހައްމަދު ޖަލުގެ ކެމެރާ ބްލައިންޑް ކުރަން އުޅުން މައްސަލައެއްގައި ހަމަނުޖެހުން ހިނގައިފި އެވެ.
އަހްސަން ޖަލު ގޮޅިއަށް ވެއްދުމުގައި ފުލުހުން ބާރުގެ ބޭނުންކޮށްފައިވާ ގޮތާއި މެދު އޭނާގެ އާއިލާ އިން ވަނީ ފުލުހަށް ޝަކުވާ ހުށަހަޅައިފަ އެވެ.
އެ މައްސަލާގައި އަމަލު ކުރި ގޮތް ދިފާއުކޮށް ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އަހްސަން ބަންދުކޮށްފައިވާ ގޮޅީގައި ހަރުކޮށްފައި ހުރި ކެމެރާއަށް ނުފެންނަ ގޮތް ހެދުމަށް އެކި އެއްޗެހި ބޭނުންކޮށް އޭނާ ތަކުރާރުކޮށް ކެމެރާ ބްލައިންޑް ކުރަން މަސައްކަތް ކޮށްފައިވާ ކަމަށެވެ.
އެ މައްސަލާގައި މިދިޔަ އާދީއްތަ ދުވަހުގެ ރޭ 8:00 ހާއިރު އޭނާ ގޮޅިން ބޭރަށް ނެރެފައިވާ ކަމަށާއި ކެމެރާގައި އުނގުޅާފައި ހުރި ދަތްއުނގުޅާ ބޭސް ސާފުކޮށް ކެމެރާ ބްލައިންޑް ކުރުމަށް ބޭނުންކުރާ ތަކެތި ގޮޅިން ނެރެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އަލުން ގޮޅިއަށް ވަނުމަށް އަހްސަނަށް ތަކުރާރުކޮށް އެންގުމުން ވެސް އޭނާ އެކަމަށް ދެކޮޅު ހަދާފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެ ވަގުތު އެތަނުގައި ތިބި ފުލުހުންނަށް ވެސް ތަފާތު އިންޒާރުތައް ދީ، ފުލުހުން ގައިގައި ޖަހައި މާރަމާރީ ހިންގާފައިވާ ކަމަށާއި އެހެންކަމުން އޭނާ ގަޔަށް ޕެޕާ ސްޕްރޭ ޖަހައި ޖަލު ސަރަހައްދުން ނެރެ ބިޑި އަޅުވާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެފަދަ ކަންކަން އިތުރަށް ތަކުރާރު ނުކުރުމަށް އޭނާ އަށް ނަސޭހަތްތެރިވެ، އެ ރޭގެ ފަހުގެ ވަގުތެއްގައި އޭނާ ގޮޅިއަށް ވައްދާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ މައްސަލާގައި ފުލުހުން އަމަލު ކޮށްފައި ވަނީ ގާނޫނާއި ގަވާއިދާ އެއްގޮތަށްތޯ އާއި އަދި ފުލުހުންގެ ތެރޭގައި ހެދިފައިވާ އުސޫލްތަކުގެ ތެރެއިންތޯ ޕްރޮފެޝަނަލް ސްޓެންޑާޑްސް ކޮމާންޑް އަދި ޔޫސް އޮފް ފޯސް ރިވިއު ކޮމިޓީ އަށް ހުށަހަޅައި ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލަ ބެލުމަށް ފަހު ފުލުހުން އަމަލު ކޮށްފައި ވަނީ ހަމަޖެހިފައިވާ އިޖުރާތުތަކާއި ހިލާފަށް ކަމަށްވާނަމަ އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އަހްސަނަކީ ތިމަރަފުށީގައި ހުންނަ ތ. އަތޮޅު ތައުލީމީ މަރުކަޒުގައި އޯލެވެލް އިމްތިހާން ހަދަމުން ދަނިކޮށް ސްކޫލްގެ ލެބޯޓަރީ ގޮއްވާލަން ރޭވި މީހުންގެ ތެރޭގައި ހިމެނޭ އެކަކެވެ.