ރާއްޖެއަށް ބޭނުންވާ އަސާސީ މުދާ މެދުކެނޑުމެއް ނެތި ފޯރުކޮށްދޭނަން: އިންޑިޔާ
ރާއްޖެއަށް ބޭނުންވާ އަސާސީ މުދާ މެދުކެނޑުމެއް ނެތި ފޯރުކޮށްދޭނަން: އިންޑިޔާ

ރާއްޖޭގެ ތަރައްގީއަށް އެހީވުމުގެ އިތުރުން ބޭނުންވާ އަސާސީ މުދާ މެދުކެނޑުމެއް ނެތި ފޯރުކޮށްދޭނެ ކަމަށް އިންޑިޔާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާ އެކު ނިއުދިއްލީގައި މިއަދު ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން ރާއްޖޭގެ އިޖްތިމާއީ އަދި އިގްތިސާދީ ތަރައްގީ އަށް އިންޑިއާ އިން ވެދެމުން އަންނަ އެހީތެރިކަން މެދުނުކެނޑި ފޯރުކޮށްދެވާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ޖައިޝަންކަރު ދެއްވި ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.

ކޮވިޑް-19 ގެ ޕެންޑަމިކް ތެރޭގައި އިންޑިއާ އިން ދިވެހި ރައްޔިތުންނަށް ވެދިން އެހީތެރިކަމަށްޓަކައި އިންޑިއާ ސަރުކާރަށް ޝާހިދު ޝުކުރު އަދާކުރެއްވި ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ. އަދި ވެކްސިން ޕްރޮގްރާމްތަކާއި ކޮވިޑުން ރައްކާތެރިވުމަށް ކުރާ މަސައްކަތްތަކާ ގުޅޭ ގޮތުން އެ ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

މި ބައްދަލުވުމަށްފަހު ޝާހިދު ކުރެއްވި ޓްވީޓްގައި ވިދާޅުވީ ބައިނަލްއަގްވާމީ މުޖްތަމައުގައި ގުޅިގެން މަސައްކަތްކުރުމާއި، ރާއްޖޭގައި އިންޑިއާ ސަރުކާރުގެ އެހީގައި ކުރިއަށްދާ މަޝްރޫއުތަކާ ބެހޭ ގޮތުން ދެ ގައުމު ދެމެދު މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.