16 އެޕްރީލް 2021 - 16:33

އިންޑިއާ އަށް ކުރައްވާ ދަތުރުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރާ މިއަދު ބައްދަލުކުރައްވައި އެކި ކަންކަމާ ބެހޭ ގޮތުން މަޝްވަރާކުރައްވައިފި އެވެ.
ދެ މިނިސްޓަރުންގެ ބައްދަލުވުމުގައި، ޝާހިދު ވަނީ އިންޑިއާއިން ރާއްޖެއަށް ދެމުންދާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައިފަ އެވެ. ހާއްސަކޮށް، ކޮވިޑާ ދެކޮޅު މަސައްކަތަށް އިންޑިއާ އިން ދެމުން އަންނަ އެހީތެރިކަމަށް ޝުކުރު އަދާކުރެއްވި އެވެ.
ކޮވިޑުން ދިފާއުވުމަށް އެންމެ ފުރަތަމަ ރާއްޖެއަށް ވެކްސިން ހަދިޔާ ކުރީ ވެސް އިންޑިއާއިންނެވެ. އެ ގައުމުން ހަދިޔާކުރި ކޮވިޝީލްޑްގެ ދެ ލައްކަ ޑޯޒް މިހާރު ވަނީ ދިވެހިންނަށް ދީފަ އެވެ.
ޖައިޝަންކަރު ވަނީ ރާއްޖޭގެ ކުރިއެރުމަށް އަބަދު ވެސް އެހީތެރިވާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.
މީގެ ދެ ދުވަސް ކުރިން ޝާހިދު އިންޑިއާއަށް ވަޑައިގެންނެވީ ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާކޮށް އިންޑިއާ ސަރުކާރުގެ އެހީގައި ކުރިއަށްގެންދާ މަޝްރޫއުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށެވެ. އިޖުތިމާއި، އިގުތިސޯދީ އަދި ސިޔާސީ ކަންކަމަށް ހާއްސަކޮށްގެންވާ ބާއްވާ ބަދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށް މިދިޔަ މަހު ވެސް ޝާހިދު އިންޑިއާ އަށް ވަޑައިގަތެވެ.