18 ނޮވެމްބަރ 2016 - 07:41

ަޝްހޫރު ފެޝަން ބްރޭންޑް "ޒާރާ"ގެ ހެދުމެއްގައި، ޖަހާފައިވާ ފައްޗެއްގެ ތެރޭގައި މަރުވެފައި އޮތް މީދަލެއް އޮތް މައްސަލައެއް ފެންމަތިވެ އެ ބްރޭންޑަށް އަމާޒުވެފައިވާ ފާޑުކިޔުންތައް އަނެއްކާވެސް އިތުރުވެއްޖެ އެވެ.
ޒާރާ ނުވަތަ ސްޕެނިޝް ބަހުން "ޒަހްދާ" ހިމެނެނީ އަންހެނުންގެ އެންމެ މަގުބޫލު ފެޝަން ބްރޭންޑު ތަކުގެ ތެރޭގަ އެވެ. ސްޕެއިންގައި 1974 ވަނަ އަހަރު ވުޖޫދަށް އައި މި ބްރޭންޑު މިހާރު ދުނިޔޭގެ އެކި ހިސާބުތަކަށް ފެތުރިފައިވެ އެވެ. ނަމަވެސް ކޮޕީރައިޓް މައްސަލަތަކާއި ހެދުންތައް ފަރުމާކުރުމުގެ ފެންވަރު ވެއްޓިއްޖެ ކަމަށް ގިނަ ބަޔަކު ކުރާ ޝަކުވާތަކާ އެކު ވަރަށް ބޮޑެތި މައްސަލަތަކެއް ވަނީ ޖެހިފަ އެވެ.
އެމެރިކާގެ ނިއު ޔޯކްގައި ދިރިއުޅޭ ކޭލީ ފީސެލް ޒާރާގެ ފިހާރައަކުން ގަތް ހެދުމެއްގެ ތެރޭގައި މަރުވެފައިވާ މީދަލެއް އޮތްތަން ފެނުމުން އެ މައްސަލަ ވަނީ ކޯޓަށް ހުށަހަޅައިފަ އެވެ. އުމުރުން 24 އަހަރުގެ ކޭލީއަށް އޭނާގެ ހެދުމުގައި މީދަލެއް އޮތްކަން އެނގުނީ ހެދުމުގެ ތެރެއިން ކުނި ވަސް ދުވަން ފެށުމުން ކަމަށް އޭނާ ބުނެފައިވެ އެވެ.
ކޭލީ ބުނެފައި ވަނީ އޭނާގެ 40 ޑޮލަރުގެ ޒާރާ ހެދުމުން މީދަލެއް ފެނުމުން ވަރަށް ބޮޑު ޝޮކެއް ޖެހުނު ކަމަށެވެ. އޭނާގެ ގައިގައި މީދާ ހޭކުނު ހިސާބު ވަރަށް ބޮޑަށް ކަހައި ބިހި ނެގި ކަމަށް ކޯޓަށް ހުށަހެޅި މައްސަލާގައިވެ އެވެ. އަދި އޭނާއަށް މި ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ވަނީ ހުށަހަޅައިފަ އެވެ.
ޒާރާއިން ބުނެފައި ވަނީ މިފަދަ ހާދިސާއެއް ދިމާވުން ވަރަށް ނާދިރު ކަމަށެވެ. އެ ކުންފުނިން ބުނީ ޒާރާގެ ފެކްޓަރީތަކުގައި ސާފުތާހިރުކަން ވަރަށް ބޮޑަށް ބަލަހައްޓާ ކަމަށާއި މިފަދަ ކަމެއް ދިމާވެދާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.