ރިސޯޓު މުވައްޒަފުންނަށް ވެސް ކަރަންޓީނު ނުވެ ރަށްރަށަށް ދެވޭނެ
ރިސޯޓު މުވައްޒަފުންނަށް ވެސް ކަރަންޓީނު ނުވެ ރަށްރަށަށް ދެވޭނެ

ކޮވިޑް ވެކްސިންގެ ދެ ވަނަ ޑޯޒް ޖަހާފައިވާ މީހުން ދަތުރުކުރުމުގައި ދޭން އެޗްޕީއޭ އިން ނިންމާފައިވާ ލުއިތައް ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ވެސް ލިބޭނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

ރަށުގެ އާބާދީގެ 60 ޕަސެންޓަށް ވެކްސިން ފުރިހަމަ ވެފައިވާ ރަށްރަށަށް ދާއިރު ކަރަންޓީނުވާން ނުޖެހޭ ގޮތަށާއި އެވަރަށް ވެކްސިން ދީފައި ނެތް ރަށެއް ނަމަ، ބަލި އުޅޭ ނިސްބަތް ފަސް ޕަސެންޓަށް ވުރެ މަތި ރަށަކުން އެހެން ރަށަކަށް ދަތުރުކުރާ މީހުންނަށް ޕީސީއާރު ނެގެޓިވް ޓެސްޓާއެކު ދަތުރުކުރެވޭ ގޮތަށް ހަދަން ނިންމައި އެކަން ރޭ ވަނީ އިއުލާނުކޮށްފަ އެވެ. އެ އިއުލާނަށް ފަހު ބައެއް މީހުން އަންނަނީ މި ލުއިތައް ރިސޯޓް މުވައްޒަފުންނަށް ލިބޭނެތޯ ސުވާލުކުރަމުންނެވެ.

ކޮވިޑްގެ ނުރައްކަލަށް އެންމެ ބޮޑަށް ހުށަހެޅި ތިބެގެން ވަޒީފާ އަދާކުރާ ރިސޯޓް މުވައްޒަފުންގެ އެތައް ހާސް ބަޔަކު ތިބީ ކަރަންޓީނުވާން ޖެހޭތީ ރިސޯޓުން ބޭރަށް ނުގޮސް ބަންދުވެފަ އެވެ. އެހެންވެ ޗުއްޓީއަކަށް ވެސް ދެވެން ނެތުމުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ޓޫރިޒަމް މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނީ އެޗްޕީއޭ އިން އަލަށް ކަނޑައަޅާފައިވާ ގޮތަށް، ރިސޯޓް މުވައްޒަފުންނަށް ވެސް އެހެން ރަށްރަށަށް ދިއުމުގައި ލުއި ލިބޭނެ ކަމަށެވެ. ވެކްސިންގެ ދެ ޑޯޒް ހަމަކޮށްފައިވާ ނަމަ ރިސޯޓް މުވައްޒަފުން ވެސް ކަރަންޓީނުވާން ނުޖެހޭނެކަން ޔަގީންކޮށްދިނުމާ އެކު އެ ޓްވީޓްގައި ޓޫރިޒަމް އިންޑަސްޓްރީގެ ރިކަވަރީ އަށް މުވައްޒަފުން ކުރާ ބުރަ މަސައްކަތުގެ އަގު ވަޒަންކުރާ ކަމަށް ބުނެފައިވެ އެވެ.

ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ކުރިން ވިދާޅުވެފައިވާ ގޮތުގައި ޓޫރިޒަމް ދާއިރާގެ މުވައްޒަފުންގެ ތެރެއިން 90 ޕަސެންޓް މީހުންނަށް މިހާރު ވަނީ ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ދީފަ އެވެ.

އެޗްޕީއޭ އިން އަލަށް ދޭން ނިންމި ލުއިތަކުގައި ވެކްސިން ފުރިހަމަކޮށްގެން އަންނަ ޓޫރިސްޓުން ވެސް، ރާއްޖެ އައުމުގެ ކުރިން ޕީސީއާރް ޓެސްޓް ހަދަން ނުޖެހޭ ގޮތަށް ހަމަޖެއްސުން ހިމެނެ އެވެ.

ކޮވިޑުން ރައްކާތެރިވާން ރާއްޖޭގައި ވެކްސިން ޖަހަން ފެށީ މިދިޔަ ފެބްރުއަރީ މަހު އެވެ. އަދި މިދިޔަ ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ވެސް ވަނީ ފަށައިފަ އެވެ. މިހާތަނަށް 270،000 މީހުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ އިރު، ދެވަނަ ޑޯޒް ޖެހި މީހުންގެ އަދަދު 30،000 އާ ގާތްކުރެ އެވެ.