17 އެޕްރީލް 2021 - 09:34

މަޝްހޫރު ނިއުސް އެޖެންސީ ރޮއިޓާސްގެ ޚަބަރުތައް އިތުރު ތަފްސީލްތަކާ އެކު ހުންނަ ވެބްސައިޓެއް، މަހު ފީ ދައްކައިގެން ކިޔޭ ގޮތަށް ހަދަން ނިންމައިފި އެވެ.
ދުނިޔޭގެ އެންމެ ދުނިޔޭގެ އެންމެ ދުވަސްވީ އަދި އެންމެ އިތުބާރު ހިފޭ ނިއުސް އެޖެންސީތަކުގެ ތެރޭގައި ހިމެނޭ ރޮއިޓާސް އިން މަހު ފީއަކަށް 34.99 ޑޮލަރު (540ރ.) ނަގަން ނިންމާފައިވާ މި ވެބްސައިޓަކީ ޕްރޮފެޝަނަލް އޯޑިއަންސަށް ހާއްސަކޮށްފައިވާ، ވަރަށް ތަފްސީލް ޚަބަރުތައް ހުންނާނެ ވެބްސައިޓެއް ކަމަށް އެ ނިއުސް އެޖެންސީން ބުންޏެވެ.
އެކަމަކު ކޮންމެ މަހަކު ވެސް ފަސް ޚަބަރު ހިލޭ ކިޔައިލަން ލިބޭނެ އެވެ. އިތުރު ޚަބަރުތައް ކިޔަން ބޭނުން ނަމަ ޖެހޭނީ ފީ ދައްކާށެވެ.
ރޮއިޓާސް ވެބްސައިޓަަށް މިހާރު ވެސް މަހެއްގެ މައްޗަށް 41 މިލިއަން މީހުން ޒިޔާރަތްކުރެ އެވެ.
ރޮއިޓާސް އިން ބުނި ގޮތުގައި އެ ކުންފުންޏަށް މިހާރު ވަންނަ މައިގަނޑު އާމްދަނީގެ ދެބައި ކުޅަ އެއްބަޔަކީ މައި ކްލަޔަންޓް ފައިނޭންޝަލް ޑޭޓާ ފާމް، ރިފިނިޓިވް އެވެ. މީގެ އިތުރުން ދެން އާމްދަނީ ލިބޭ އެއް ދާއިރާ އަކީ އޮންލައިން އިޝްތިހާރުތަކެވެ.
ރޮއިޓާސް އިން ބުނީ ސަބްސްކްރިޕްޝަން ހިދުމަތާ އެކު ގެންނަ ބަދަލުތަކުގެ ތެރޭގައި ގާނޫނީ ކަންކަމާ ގުޅޭ ޚަބަރުތަކާއި އެކި އިވެންޓްތަކުގެ ލައިވް ސްޓްރީމް ގެނެސްދިނުން ހިމެނޭ ކަމަށެވެ.
ފީ ދައްކަންޖެހޭ ޚަބަރު ވެބްސައިޓްތަކުގެ ތެރެއިން ނިއު ޔޯކް ޓައިމްސްގެ ފީ އަކީ މަހަކު 18.42 ޑޮލަރު (284ރ.) އެވެ. ވޯލް ސްޓްރީޓް ޖާނަލްގެ ފީ އަކީ 38.99 ޑޮލަރު (601ރ.) އަދި ބްލޫމްބާގްގެ ފީ އަކީ ރޮއިޓާޒްގެ ވެސް އަގެވެ.
އިނގިރޭސިވިލާތުގެ ލަންޑަންގެ ކެނަރީ ވާފްގައި ހެޑްކުއާޓަރު ހުންނަ ރޮއިޓާސް އަކީ މީގެ 169 އަހަރު ކުރިން 1851 ގައި ޕޯލް ޖޫލިއަސް ރޮއިޓާ ވުޖޫދަށް ގެނައި ހިދުމަތެކެވެ. އެ އެޖެންސީގައި މަސައްކަތްކުރާ ނޫސްވެރިންގެ އަދަދު މިހާރު 2،500 އަށް އަރަ އެވެ. އެ ތަނުގެ އޮފީސްތައް 200 ގައުމެއްގައި ހިންގަ އެވެ. އަދި ފޮޓޯޖާނަލިސްޓުންގެ ގޮތުގައި 600 މުވައްޒަފުން އުޅެ އެވެ.