ދުނިޔޭގެ ޓީޓީ ރޭންކިންގެ ގަދަ 10 ގައި ދީމާ
ދުނިޔޭގެ ޓީޓީ ރޭންކިންގެ ގަދަ 10 ގައި ދީމާ

އިންޓަނޭޝަނަލް ޓީޓީގެ ޔޫތު ރޭންކިންގެ 15 އަހަރުން ދަށުގެ ކެޓަގަރީގައި ރާއްޖޭގެ ގައުމީ ޗެމްޕިއަން ފާތިމަތު ދީމާ އަލީ ހިމެނިއްޖެ އެވެ.

އިންޓަނޭޝަނަލް ޓޭބަލްޓެނިސް ފެޑްރޭޝަނުން އާންމުކުރި ސިންގަލްސް ރޭންކިންގައި 15 އަހަރުން ދަށުގެ އަންހެން ކުދިންގެ ރޭންކިންގައި ދީމާ އޮތީ އަށް ވަނައިގަ އެވެ. އެ ކެޓަގަރީގެ ރޭންކިންގެ އެއް ވަނަ ހޯދީ މިވާ ހަރިމޯޓާ އެވެ.

ގަދަ 10 ގައި ހިމެނުނީ ދެކުނު އޭޝިއާގެ ދެ ކުޅުންތެރިންނެވެ. އެއީ ދީމާގެ އިތުރުން ރޭންކިންގެ ހަތް ވަނަ ހޯދި އިންޑިއާގެ ސުހާނާ ސައިނީ އެވެ.

ދީމާ އަށް ވަނައިގައި ހިމެނުނީ 1028 ޕޮއިންޓް ހޯދައިގެންނެވެ. ސުހާނާއަށް ލިބުނީ 1032 ޕޮއިންޓެވެ. މޮރިޝަސްގައި 2019 ގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ އަންހެނުންގެ ހުރިހާ އިވެންޓަކުން ރަން މެޑަލް ހޯދި ދީމާ މިދިޔަ އަހަރު ތަމްރީންތައް ފުރިހަމަ ކުރީ ތައިލެންޑްގަ އެވެ. ޔޫތު ސްޕޯޓްސް މިނިސްޓްރީން ދިން ފުރުސަތުގައި ތަމްރީންވެ ދީމާ ވަނީ ތައިލެންޑްގެ ޗޮންބުރީ ޕްރޮވިންސްގެ ޓީޓީ މުބާރާތުން ރިހި މެޑަލް ހޯދަފަ އެވެ.

ޗޮންބުރީ މުބާރާތުގައިވެސް ދީމާ ވާދަ ކުރީ 15 އަހަރުން ދަށުގެ ކެޓަގަރީގަ އެވެ. އެ ކަޓެގަރީގެ ފައިނަލުގައި އޭނާ ވާދަ ކުރީ ތައިލެންޑްގެ 15 އަހަރުން ދަށުގެ އެއް ވަނަ ކުޅުންތެރިޔާ އާ ދެކޮޅަށެވެ.