އިންޑިއާ އަކީ ބެސްޓްފްރެންޑް، އެކަމަކު ރާއްޖޭން އެކުވެރިން އަޅައެއް ނުކިޔާނެ: ޝާހިދު
އިންޑިއާ އަކީ ބެސްޓްފްރެންޑް، އެކަމަކު ރާއްޖޭން އެކުވެރިން އަޅައެއް ނުކިޔާނެ: ޝާހިދު

ބައިނަލްއަގުވާމީ ގުޅުންތަކުގައި އެކުވެރިން އަޅާކިޔުމަކީ އޮންނަ ކަމެއް ނޫން ކަމަށާއި އިންޑިއާ އަކީ ރާއްޖޭގެ ބެސްޓް ފްރެންޑް ކަމަށް ވިޔަސް ހުރިހާ ގައުމަކީ ވެސް އެކުވެރިން ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

މީގެ ދެ ދުވަސް ކުރިން ޝާހިދު އިންޑިއާއަށް ފެއްޓެވި ދަތުރުގައި ޝާހިދު މިހެން ވިދާޅުވީ އިންޑިއާގެ އޭޝިއަން ނިއުސް އިންޓަނޭޝަނަލް (އޭއެންއައި) އަށް ދެއްވި އިންޓަވިއުއެއްގަ އެވެ. ޝާހިދު ވިދާޅުވި ގޮތުގައި ރާއްޖެއަށް އެންމެ ފުރަތަމަ އިޖާބަ ދޭ ގައުމަކީ އަބަދުވެސް އިންޑިއާ އެވެ.

"އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި އިންޑިއާ ކަނޑަކީ ސުލްހަ އާއި ރައްކާތެރިކަމުގެ ސަރަހައްދެއް. އެއީ ރާއްޖޭގެ ކުރިއެރުމަށް ވަރަށް މުހިއްމު ކަމެއް،" ރާއްޖެ އާއި އިންޑިއާގެ ގުޅުމުގެ މުހިންމުކަމާ ބެހޭ ގޮތުން ޝާހިދު ވިދާޅުވި އެވެ.

ޝާހިދުގެ ދަތުރުގައި އިންޑިއާއާ ގުޅުން އިތުރަށް ހަރުދަނާކޮށް އިންޑިއާ ސަރުކާރުގެ އެހީގައި ކުރިއަށްގެންދާ މަޝްރޫއުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާނެ އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އިންޑިއާ އަކީ އެންމެ ގާތުން އެންމެ އަވަހަށް އެހީވާ ގައުމަށް ވިޔަސް އެހެން އެކުވެރިންނާ އޮތް ގުޅުން، ހަމަ އެގޮތުގައި ބޭއްވުމަށް ރާއްޖޭން މަސައްކަތް ކުރެ އެވެ.

ނިއު ދިއްލީގައި ބޭއްވި ބައްދަލުވުމުގައި ޝާހިދު ވަނީ، އިންޑިއާގައި ތިއްބަވާ، 25 ގައުމެއްގެ މަންދޫބުންނާ ބައްދަލުކުރައްވައިފަ އެވެ. އަދި އެ ގައުމުތަކާ ރާއްޖެއާ އޮތް ގުޅުމާއި ކޮވިޑް-19ގެ ހާލަތާ ގުޅޭގޮތުން މަޝްވަރާ ކުރެއްވި އެވެ.

މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު ޝާހިދު އެންމެ ފުރަތަމަ ވަޑައިގެންނެވި ގައުމަކީ ވެސް އިންޑިއާ އެވެ. މިއީ އެ ގައުމަށް އޭނާ ކުރައްވާ ރަސްމީ ހަތް ވަނަ ދަތުރެވެ. އިޖުތިމާއި، އިގުތިސޯދީ އަދި ސިޔާސީ ކަންކަމަށް ހާއްސަކޮށްގެންވާ ބާއްވާ ބަދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށް މިދިޔަ މަހު ވެސް އޭނާ އިންޑިއާ އަށް ވަޑައިގަތެވެ.