ފަހު ވަގުތުގެ ދެ ލަނޑާ އެކު ސްޕެއިން ސަލާމަތްވެއްޖެ
ފަހު ވަގުތުގެ ދެ ލަނޑާ އެކު ސްޕެއިން ސަލާމަތްވެއްޖެ

ލަންޑަން (ނޮވެމްބަރު 16) - ފަހު ވަގުތު ޖެހި ދެ ލަނޑާ އެކު އިންގްލެންޑާ 2-2 އިން އެއްވަރުކޮށް ރަހުމަތްތެރިކަމުގެ މެޗެއްގައި އިންގްލެންޑް އަތުން ބަލިނުވެ ސްޕެއިން ސަލާމަތްވެއްޖެ އެވެ.

ރޭގެ މެޗު ފެށިގެން ނުވަ ވަނަ މިނިޓްގައި އިންގްލެންޑަށް ލިބުނު ޕެނަލްޓީ އަކުން ލީޑު ނަގައިދިނީ ލިވަޕޫލްގެ މިޑްފީލްޑަރު އެޑަމް ލަލާނާ އެވެ. މި ޕެނަލްޓީ އަކީ ސްޕެއިންގެ ކީޕަރު ޕެޕޭ ރެއިނާ އިންގްލެންޑްގެ ޖޭމީ ވާޑީ އަށް ކުރި ފައުލަށް ދިން ޕެނަލްޓީ އެކެވެ. އެހެން ނަމަވެސް މެޗުގެ 25 ވަނަ މިނިޓްގައި ލިބުނު އަނިޔާއަކާ ގުޅިގެން ލަލާނާ ވަނީ ބަދަލުކޮށްފަ އެވެ.

ދެ ވަނަ ހާފް ފެށިގެން ތިން ވަނަ މިނިޓް ތެރޭ އިންގްލެންޑްގެ ދެ ވަނަ ލަނޑު ކާމިޔާބުކުރީ ވާޑީ އެވެ. މިއީ އެންމެ ފަހުން ކުޅުނު 14 މެޗުން ވާޑީ ޖެހި ފުރަތަމަ ލަނޑެވެ. މީގެ އިތުރުން ވެސް އިންގްލެންޑަށް ލަނޑު ޖަހާނެ އިތުރު ފުރުސަތުތަކެއް ލިބުނު ނަމަވެސް ބޭނުމެއް ނުކުރެވުނެވެ.

ސްޕެއިނުން ދެ ލަނޑު ޖެހީ ވެސް މެޗުގެ ފަހު ވަގުތުގަ އެވެ. އެ ޓީމުގެ ފުރަތަމަ ލަނޑު ކާމިޔާބުކުރީ 89 މިނިޓްގައި އިއާގޯ އަސްޕަސް އެވެ. މިއީ ސެލްޓަ ވިގޯ އަށް ކުޅޭ އަސްޕަސް ސްޕެއިނަށް ކުޅެދިން ފުރަތަމަ މެޗެވެ. އެ ޓީމަށް އެއްވަރުކޮށްދިނީ އިތުރު ވަގުތުގެ ފަހު މިނިޓްގައި އިސްކޯ އެވެ.

ރޭގެ މެޗާ އެކު، އިންގްލެންޑް ކޯޗުކަމާ ވަގުތީ ގޮތުން ހަވާލުވެގެން ހުރި ގަރެތު ސައުތުގޭޓްގެ އިރުޝާދުގެ ދަށުން އެ ޓީމު ކުޅުނު ހަތަރު މެޗުގެ ތެރެއިން އެންމެ މެޗަކުން ވެސް ބަލިވެފައިނުވެ އެވެ. ސައުތުގޭޓް ބުނީ އިންގްލެންޑްގެ ދާއިމީ އެއްބަސްވުމެއް ލިބޭ ވަރުގެ މަސައްކަތެއް އޭނާ އަށް ކުރެވިއްޖެކަމަށް ގަބޫލުކުރާ ކަމަށެވެ.

"މި މެޗަށް ނުކުތްއިރު މިފަދަ މެޗުތަކުގެ ތަޖުރިބާ އަހަރެންގެ ނެތް ކަމަަށް ބުނެ ވަރަށް ގިނަ ފާޑުކިއުންތައް އަމާޒުވި. އެކަމަކު އަހަރެން ސާބިތުކޮށްދީފިން މި ފަދަ ބޮޑު މެޗުތަކުގައި ކޯޗުކޮށްދޭ ފެންވަރު އަހަރެންގެ އެބަހުރިކަން. އިންގްލެންޑްގެ ދާއިމީ އެއްބަސްވުމެއް ލިބޭ ވަރުގެ މަސައްކަތެއް އަހަންނަން ކުރެވިއްޖެ،" ކުރިން މިޑްލްސްބަރާ އަށް ކުޅުނު ސައުތުގޭޓް ބުންޏެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން އިންގްލެންޑް ސީނިއާ ޓީމާ އެކު ސައުތުގޭޓްގެ މުސްތަގުބަލާ ގުޅޭގޮތުން އިނގިރޭސި އެފްއޭ އިން މި ހަފްތާ ތެރޭގައި ގޮތެއް ނިންމާނެ އެވެ. ދާއިމީ އެއްބަސްވުމެއް ނުދީފިނަމަ ސައުތުގޭޓް އަލުން ހަވާލުވާނީ އިންގްލެންޑްގެ 21 އަހަރުން ދަށުގެ ޓީމާ އެވެ