އެންމެ އުހުގައި އޮތް އައުޓްޑޯ އިންފިނިޓީ ޕޫލްގެ ރެކޯޑް ދުބާއީ އަށް
އެންމެ އުހުގައި އޮތް އައުޓްޑޯ އިންފިނިޓީ ޕޫލްގެ ރެކޯޑް ދުބާއީ އަށް

އިމާރާތްކުރުމުގެ ދާއިރާ އަށް ބޮޑެތި އިންގިލާބިތަކެއް ގެންނަ އަދި މިހާރު ވެސް ދުނިޔޭގެ އެންމެ އުސް އިމާރާތް ބުރުޖް ޚަލީފާ ހުރި ޔޫއޭއީ އަށް، އެންމެ އުހުގައި އޮތް އައުޓްޑޯ އިންފިނިޓީ ޕޫލްގެ ރެކޯޑް ވެސް ލިބިއްޖެ އެވެ.

އެ އެ ޕޫލް އޮންނަނީ ދާދި ފަހުން ދުބާއީގައި ހުޅުވި 77 ބުރީގެ އެޑްރެސް ބީޗް ރިސޯޓްގަ އެވެ. މި ސްކައިކްރެޕާގެ އެންމެ މަތީގައި ޕޫލް އޮތް އިރު އެއީ ބިމަށް ވުރެ 293.90 މީޓަރު (964 ފޫޓް ދެ އިންޗި) އުހެވެ. އެހެންވެ އެއީ މި ވަގުތު އެންމެ އުހުގައި އޮތް ޕޫލެވެ. ޕޫލްގައި 500 ކިއުބިކް މީޓަރު ފެން ހުންނަ އިރު، އޭގެ ފުން މިނަކީ 1.2 މީޓަރެވެ.

އެޑްރެސް ބީޗް ރިސޯޓްގެ ޕޫލްގެ ތެރޭގައި ތިބޭ އިރު ވަށައިގެން އޮންނަ ހިތްގައިމު އަދި ދުބާއީގެ ހާއްސަ ބައެއް ތަންތަނުގެ ވިއު ފެންނާނެ އެވެ. އޭގެ ތެރޭގައި ހިތްގައިމު ބްލޫ ވޯޓަ އައިލެންޑާއި ޕާމް ޖުމެއިރާ އާއި ދަ ވޯލްޑް އައިލެޑްސް އާއި ދުބާއީ މެރީނާ ކޯސްޓްލައިނާއި ބުރުޖް އަލް އަރަބްގެ އިތުރުން އެރޭބިއަން ގަލްފް ސީ ހިމެނެ އެވެ.

އެޑްރެސް ބީޗް ރިސޯޓާ އެކު އެއާ ގުޅިފައިވާ ޓްވިން ޓަވަރާ އެކު ފަރުމާކޮށްފައިާ ތަނެކެވެ. ދެ ޓަވަރު ބޭސް ލެވެލް އިން 13 ވަނަ ބުރިއަށް ގުޅާލާފައިވާ އިރު 36 ވަނަ ބުރިން 77 އާ ހަމައަށް ސްކައި ބްރިޖެއް ހިމެނެ އެވެ. އެ ބްރިޖަކީ ވެސް ދުނިޔޭގެ ރެކޯޑެކެވެ. އެއީ އެންމެ އުހުގައި އޮތް ބްރިޖް ފްލޯގެ ރެކޯޑެވެ. އޭގެ އުސް މިނަކީ 294.36 މީޓަރު (965.7 ފޫޓް) އެވެ.

ދެ ޓަވަރު ހުންނަ ގޮތުން ދެ ޓަވަރު ދޭތެރެއިން މެދު ފެންނާނީ ހުސްކޮށެވެ.

މި ތަނަކީ މަތީ ފަންތީގެ ހިދުމަތްތައް ލިބޭ ގޮތަށް ގެސްޓް ރޫމާއި ރެސިޑެންޝަލް އެޕާޓްމަންްޓް ވެސް ހިމެނޭ ގޮތަށް ހަދާފައިވާ ތަނެކެވެ. އަަލް އައިން ހޯލްޑިން ކުރިއަށް ގެންދިޔަ މަޝްރޫއުގެ ތެރެއިން 217 ހޮޓެލް ރޫމް/ސޫޓްސް އާއި 443 ސާވިސްޑް އެޕާޓްމަންޓާއި 478 ރެޒިޑެންޝަލް އެޕާޓްމަންޓް ހިމެނެ އެވެ.