16 އެޕްރީލް 2021 - 00:41

ކޮވިޑު ވެކްސިންގެ ދެ ޑޯޒަށް ފަހު، ރަށުގެ އާބާދީގެ 60 ޕަސެންޓު ވެކްސިންގެ ޑޯޒް ފުރިހަމަކޮށްފައިވާ ނަމަ ނެގެޓިވް ޕީސީއާރު ނަތީޖާއަކާ ނުލައި، ކަރަންޓީނު ވުމެއް ވެސް ނެތި ދަތުރުކުރެވޭ ގޮތަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ އުސޫލު ބަދަލުކޮށްފި އެވެ.
މާލެ ސަރަހައްދުން ރަށްރަށަށް ދަތުރުކުރުމުގައި ފިޔަވަޅުތައް އެޅިތާ އެއް އަހަރު ފަހުން، ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ވަނީ ދަތުރުކުރުމުގައި ބޮޑެތި ލުއިތަކެއް މިރޭ ދެއްވައިފަ އެވެ. ލުއިދިނުމުގެ އެ އުސޫލަށް ދިވެހިންނާއި ޓޫރިސްޓުން ވެސް ފެތެއެވެ.
އެކަމަކު، އެ ބަދަލުތަކަށް އަމަލުކުރަން ފަށާނީ އަންނަ ހަފުތާގެ އަންގާރަ ދުވަހުން ފެށިގެންނެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވެކްސިންގެ ދެ ވަނަ ޑޯޒް ޖަހާތާ ދެ ހަފުތާ ފަހުން ކަރަންޓީން ވުމަކާ ނުލައި ދަތުރުކުރެވޭނެ ކަމަށް ރޭ އިއުލާނު ކުރައްވައިފަ އެވެ. އެޗްޕީއޭ އިން މިރޭ އާއްމުކުރީ އޭގެ ތަފްސީލުތަކެވެ.
އާ އުސޫލުގައި ބުނީ އާބާދީގެ 60 ޕަސެންޓް މީހުންނަށް ވެކްސިންގެ ޑޯޒުތައް ހަމަވެފައިވާ ނަމަ، ކަރަންޓީންވުމަކާ ނުލައި އެ ރަށަކަށް ދަތުރުކުރެވޭނެ ކަމަށެވެ. ނަމަވެސް ރަށުގެ 60 ޕަސެންޓް މީހުންނަށް ވެކްސިންގެ ޑޯޒް ނުދެވޭ ނަމަ ބަލި އުޅޭ ނިސްބަތް ފަސް ޕަސެންޓަށް ވުރެ މަތި ރަށަކުން އެހެން ރަށަކަށް ދަތުރުކުރާ މީހުންނަށް ޕީސީއާރު ނެގެޓިވް ޓެސްޓާއެކު ދަތުރުކުރެވޭނެ އެވެ. އެ މީހުންނާއެކު، ވެކްސިން ޖަހަން ޝަރުތު ހަމަނުވާ ކުދިން ދަތުރުކުރާ ނަމަ އެ ކުދިންގެ ވެސް ޕީސީއާރު ނެގެޓިވް ޓެސްޓާއެކު ދަތުރުކުރަން އަންގާފައި ވެ އެވެ.
ޓޫރިސްޓުން ހިމެނޭ ގޮތަށް ރާއްޖެއަށް އަންނަ މީހުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށް، ދެ ހަފުތާ ވެފައިވާ ނަމަ ނެގެޓިވް ޕީސީއާރު ޓެސްޓެއް އަދި ކަރަންޓީން ވާކަށް ވެސް ނުޖެހެ އެވެ. އެކަމަކު، ސިއްހީ ހިދުމަތްދޭ މަރުކަޒުތަކާއި ޑޭކެއާ ސެންޓަރުތަކާއި ސްކޫލުތައް އަދި ރެސިޑެންޝަލް ކެއާގެ ހިދުމަތްދޭ ތަނެއްގައި މަސައްކަތް ކުރަން އަންނަ ނަމަ ނެގެޓިވް ޕީސީއާރު ނަތީޖާ އޮންނަން ޖެހެ އެވެ. ނުވަތަ ރާއްޖެ އެތެރެވުމަށް ފަހު ޕީސީއާރު ޓެސްޓް ހަދަންވާނެ އެވެ.
އެޗްޕީއޭއިން ބުނިގޮތުގައި، އެ އެންގުމަށް އަމަލުކުރަން ފެށުމާއެކު ރަށުގެ އާބާދީގެ 60 ޕަސެންޓް މީހުންނަށް ވެކްސިންގެ ޑޯޒުތައް ހަމަވެފައިވާ ރަށްރަށާއި ބަލި އުޅޭ ރަށްރަށުގެ ސާމްޕަލް ޕޮޒިޓިވް ރޭޓް ފަސް ޕަސެންޓަށް ވުރެ ދަށް ރަށްރަށާއި ސާމްޕަލް ޕޮޒިޓިވް ރޭޓް ފަސް ޕަސެންޓަށް ވުރެ މަތީގައި އުޅޭ ރަށްރަށް އާއްމުކުރަމުން ގެންދާނެ އެވެ.