16 އެޕްރީލް 2021 - 09:50

(އަންގާރަ ދުވަހާ ގުޅޭ)
އޮފީސް ނިންމައިފަ ގެއަށް ވަންނަ އިރަށް ޝަކުވާގެ ދޮރުތައް ހުޅުވެއެވެ. ނުކުރެވޭ ކަންކަމާއި ނުގަނެވޭ އެއްޗެހީގެ ލިސްޓެއް އަނބިމީހާ ފަތުރައިލަދެއެވެ. އެ ލިސްޓު ދަމައިލައިފިނަމަ ހަނި ގޯޅިއެއް އަވިން ނިވާވާނެއެވެ. މި ހާސްކަމުގެ ތެރޭގައި އުޅެއުޅެ މީހާ މިހާރު ނަފުސާނީ ވާން ކައިރިވަނީއެވެ.
ފިކުރުތައް ބޮލަށް މަހައިލައިގެން އެ އަޑުތައް އަހަމުން ރައްދެއް ނުދީ ހުރުމަކީ ވެސް ހާދަހާ ބޮޑު އިމްތިހާނެކެވެ. ހާދަ ބޮލަށް އުނދަގޫވާ ކަމެކެވެ. އަނގަ ގަދަ މީހެއް ނަމަ މިހާރު ކާވެނީގެ ގޮށް ވެސް މޮހައިލާނެއެވެ.
އަރީފާ ވެސް އެހާ ރުޅި ގަދައެވެ. އޭނާގެ ޝަކުވާތައް ވެސް އެހާ ގިނައެވެ. ވާނީ ވެސް އެހެންތާއެވެ. އަހަންނަށް ލިބޭ ލާރިކޮޅުން ފަރު ނުޖެއްސޭތީ އޭނާ ވެސް ލައްކަ މަސައްކަތް ކުރާން ޖެހެއެވެ. ކަންމަތީ ފިހާރަތަކަށް ހެދިކާ ލައިގެންނާއި ކިއްލިއާއި ޖަބުލާނީ ހަދައިގެން ހޯދާ ފައިސާއަކީ ވެސް މި ދިރިއުޅުމުގެ ބާބެކެވެ.
"އަހަންނަކަށް އަބަދަކު މިހެންނެއް ވެސް ނޫޅެވޭނެ. އެހެން ވިސްނުމެއް އިސްކުރާން ވެސް ޖެހިދާނެ."
ކުއްލިއަކަށް ބޮލުގައި އެނބުރި ގަތީ އަރީފާ ނުރުހިގެން އާއްމުކޮށް ބުނާ ޖުމުލައެވެ. އެއާއެކު އަހަންނަށް ފުންކޮށް ވިސްނައިލެވުނެވެ. އަޒްހީމްގެ ފަރާތުން އަހަންނަށް މިހާ ބޮޑު ފުރުސަތެއްދީ އެ ބޭނުން ނުކުރިކަން އެނގޭ ދުވަހަކުން އަހަންނަށް ކޮށްލާނެ ވަރެއް ވެސް ނުވިސްނެއެވެ.
އިސްތަށިގަނޑުގެ ތެރެއަށް އިނގިލިތައް މަހައިލެވުނެވެ. އިސްތަށިތަކަށް ބާރުކޮށްލެވުނެވެ. ދެ ލޮލާއި ބުމައަށް ބާރުކޮށްލަމުން މޫނުމަތީގައި ދެ އަތުން ފިރުމާލެވުނެވެ. އަހަންނަށް ބަލައިލެވުނީ ގަޑިއަށެވެ. އެއްގަޑި ބައި ވަނީއެވެ. ކުއްލިއަކަށް ގެއަށް ދާން ޚިޔާލަށް އައެވެ.
އޮފީހުން ބޭރަށް ނުކުމެ ސައިކަލަށް އެރި އިރު ވެސް ޚިޔާލުތައް ހުރީ ދެކަފިވެފައެވެ. ބައެއް ފަހަރު ރުޅި ވެސް އާދެވެއެވެ. އަނެއްބައި ފަހަރު އުފާ ވެސް ވެވެއެވެ. ހިތްހަމަ ވެސް ޖެހެވެއެވެ.
ރުޅި އާދެވޭ ކޮންމެ ފަހަރަކު އޭގެ އަސަރު ސައިކަލުގެ މުއްގަނޑަށް ކުރެއެވެ. ހިތްހަމަ ޖެހެވޭ ކޮންމެ ފަހަރަކު ހިނިތުންވެވެއެވެ. ލަވަ ކިޔައިލެވެއެވެ. އުފާވެރިކަމާއެކު ފަޒާގައި އުދުހިލެވޭހެން ހީވާން ފަށައެވެ. އަރީފާގެ އަތުގައި ހިފައިގެން ހާސްކަމެއް ނެތި ފަޒާގައި އުޅެވޭ ކަމުގެ އިހުސާސް ކުރެވެއެވެ.
ގެއާ ހަމައަށް އާދެވުނީ އެ ކަހަލަ ޚިޔާލުތަކެއްގެ ތެރޭގައި އިނދެގެންނެވެ. ސިޑިން އަރަމުން ދިޔަ އިރު ދެވަނަ ފަންގިފިލާގައި އުޅޭ ޔަޒީޒާއި އޭނާގެ އަންހެނުން، ގަމަރުގެ ޒުވާބުގެ އަޑު ކަންފަތުގައި ޖެހުމުން ހުއްޓިލެވުނެވެ.
"އަބަދު ޕާޓީ އޮފީހުގައި. ދާއިރާގެ ރަށްރަށުގަ. ކޮބާ އަހަންނަށް އޮތް ވަގުތު. އާއިލާއަށް އަށް ވަގުތު. ބެންކޮކުން ތައިލެންޑުން. ޔޫރަޕުން. މަ އިންނަންވީ ނެޕީ ބަދަލުކޮށްލަކޮށްލާ."
ގަމަރުގެ ވާހަކަތައް އިވުމުން ފާޑަކަށް ހިނިވެސް އާދެވުނެވެ. ޗޮކެއް ކަނޑައިލަމުން މައްޗަށް އަރަންފެށީމެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އެކަމާ މެދު ވިސްނާން މަޖުބޫރުވިއެވެ. އެ ޚިޔާލުގައި ހުރެ އެޕާޓުމަންޓާ ހަމައަށް ދެވުނެވެ.
ތަޅުގައި ހިފައިލެވުނެވެ. ދެވަނަ ސިކުންތުގައި މަޑުކޮށްލަން ހިތަށް ވެރިވިއެވެ. އެތެރޭގައި ހިނގަމުންދާ ކަންކަން އަޑު އަހައިލާށެވެ. ކަންފަތް ދޮރުގައި ޖައްސާލީމެވެ.
އަހަންނަށް ހުއްޓެން މަޖުބޫރުވިއެވެ. ކޮޓަރިން އިވެމުން ދިޔަ އަޑުތަކެއްގެ ސަބަބުންނެވެ. ފާޑަކަށް ބޮލުގައި ރިއްސައިގަތެވެ. އެއީ އަރީފާގެ އަޑުކަން ޔަގީންވީމައެވެ. ދެއަތަށް ބާރުކޮށްލެވުނެވެ. އަތުގެ ނާރުތަކަށް ބާރުވާނެހެން މުއްކަވާ ލެވުނެވެ. އިތުރު މީހެއްގެ އަޑު އިވޭހެން ހީވާން ފެށީމައެވެ. ކޮޓަރި ތެރެއިން ފުރޭނެމުން އިވެމުންދިޔަ ހުނުމުގެ އަޑުތަކާއެކު ރުޅި ގަދަވާން ފެށިއެވެ. ތަންކޮޅެއް ބޮޑަށް ސަމާލުވެވުނެވެ. ފިރިހެނެއްގެ އަޑު ކެނޑިކެނޑިގެން އިވެމުން ދިޔައެވެ.
"ދައްތާ ބާރަށް. ލަސްލަހުން، މަޑުމަޑުން. ކުޑަކުޑަ ލަސްލަހުން."
ފިރިހެން މީހާގެ ބަސްމަގު ހުރި ގޮތުން އެއީ ދިވެއްސެއް ނޫންކަން ކަށަވަރުވިއެވެ.
"އަދި އެއްފަހަރު ކުރަނީ ބަރަބާރު ހުންނަނީ. ނިމުނީމަ ފެން ޖަހާ ހުންނަނީ. އޭރު ބަރާބަރު ހުންނަނީ."
އެ ފިރިހެން މީހާގެ ޖުމުލަތައް އިވިފައި ދެ ދަތްޕިލަ ޖައްސާ ބާރުކޮށްލެވުނެވެ. އަތަށް ވާންކޮށްލެވުނު ވަރުން މީހާ ތުރުތުރު އަޅައިގަތެވެ. އަހަންނަކީ އެހާ ރުޅި ގަދަ މީހެއް ވެސް ނޫނެވެ. ނަމަވެސް ވަގަކަށް ހާސް ދުވަހޭ ވެރިއަކަށް އެއްދުވަހޭ މީހުން ބުނާތީ އިވެއެވެ. ކުއްލިއަކަށް އެކަން ބޮލަށް ތިލަވިއެވެ. މަޑުމަޑުން ތަޅުގައި ހިފައިލީމެވެ. ކޮޓަރީގައި މީހަކު ނެތެވެ. ފާޚާނާގެ ދޮރު ހުރީ ހުޅުވިފައެވެ. ފާޚާނާގެ ބޮކި ހުރީ ދިއްލައިފައެވެ. އަހަންނަށް ބަލައިލެވުނީ އެނދާ ދިމާއަށެވެ. ބެޑުޝީޓުގައި ރުލެއް ނެތެވެ. އެކަން ވެސް އަހަންނަށް ތަރުޖަމާ ކުރެވުނީ އެހެން ގޮތަކަށެވެ. ވަގުންގެ ފޮށި ބާރަށް ބަންނާނޭ ބުނާ ބީދައިންނެވެ.
ކުއްލިއަކަށް އިވުނީ އަރީފާގެ ހުނުމުގެ އަޑެވެ. ފެން މާގަނޑު ދޫކޮށްލި އަޑާއެކު އަރީފާގެ ހުނުމުގެ އަޑު ސަކަރާތުގެ އަޑަށް ބަދަލުވިއެވެ. އަހަންނަށް އަމިއްލަ ނަފުސު ކޮންޓްރޯލު ނުކުރެވުނެވެ. ވަށައިގެން ހޯދައިލެވުނެވެ. ލޮލުގައި އަޅައިގަތީ މޭވާ ޓުކުރީގައި އޮތް ފިޔޮހި ވަޅިއެވެ. ވަޅި އަތަށް ހެޔޮކޮށްލަމުން ފާޚާނާއާ ދިމާއަށް ދެވުނެވެ.
އަހަންނަށް ފާޚާނާއާ ހަމައަށް ނުދެވެނީސް ފާޚާނާއިން ނުކުތީ ބިޔަ ހަށިގަނޑެއްގެ ވެރިއެކެވެ. ބައިމަތި ފުޅާ ކަޅު ހަންގަނޑެއްގެ ވެރިއެކެވެ. އެފުރިކާ ނަސްލުގެ މީހަކާ ވައްތަރު ނަމަވެސް، އިސްކޮޅުން ކުރެވެ. އަތުން ޓީޝާޓު ހިފައިގެން ހުރި އިރު އެމީގެ ނިތްމަތިން ދާ ތިކިތައް ޖަހައެވެ. އަހަންނަށް ޔަގީންކުރެވުނެވެ.
އެމީހާ ބަލައިލީ އަހަރެން މޫނަށެވެ. ފާޑަކަށް ހިނިތުންވެލިއެވެ.
"މެޑަމް ބަރާބަރު ހުންނަ ވައްތަރު." އޭނާ ބޮޑުވާ އިނގިލި ހިއްލައިލަމުން އަހަންނަށް އިޝާރާތްކޮށްލިއެވެ.
އަހަރެން ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ. އެހެންވެ އޭނާއާ ދިމާއަށް ފުންމައިގަނެވުނެވެ. އަތުގައި އޮތް ވަޅި ނަގައި އޭނާއާ ދިމާއަށް މަޅައިލެވުނެވެ. އެމީހާ ސަލާމަތަށް މަސައްކަތްކުރިއެވެ. ހަޅޭއްލަވާ ގަންނަމުން ދިފާއުގައި މަސައްކަތްކުރިއެވެ. އަހަންނަށް ކުރެވުނު ކަމެއް، ހެދުނު ގޮތެއް ވެސް ނޭނގުނެވެ. އަތުގައި އޮތް ވަޅި ހެރުނީ އަމިއްލަ އަތަށެވެ. އެއާއެކު އަހަންނަށް ބާރުބާރަށް ހަޅޭއްލަވާ ގަނެވުނެވެ.
ކޮޓަރި ތެރޭގައި އަޑުފަށްގަނޑު ގަދަވުމުން އަރީފާ ފާޚާނާއިން ނުކުތެވެ. އޭރު އަތަށް ވަޅި ހެރުނުތަނުގައި ހިފަހައްޓައިލައިގެން ހުރެވުނީއެވެ. ނަގާ ދިލައިން ހަރަކާތެއް ކޮށްލާން ވެސް ނުކެރިފައެވެ. ވަޅި ވަދެފައިވާ ތަނުން ރޮނގެއްގެ ސިފައިގައި އުޅަނބޮއްޓާއެކު ލޭތައް އޮހެމުން ދިޔައެވެ. މުށިގަނޑު މައްޗަށް ލޭ ތިކިތައް ޖަހަމުން ދިޔައެވެ. އަރީފާއަށް މަންޒަރު ފެނުމުން ބާރުބާރަށް ހަޅޭއްލަވައިގަތެވެ. އޭނާ ދުވެފައި އައިސް އަހަރެންގެ އަތުގައި ހިފިއެވެ. އަހަންނަށް ތެޅި ގަނެވުނެވެ. އަރީފާ ދެކެ އިންތިހާއަށް ރުޅި އާދެވުނެވެ. އަރީފާ އަތުން ވީއްލަގަންނަން އުޅުމުގެ ތެރޭގައި އޭނާގެ މޫނަށް ލޭތައް ބުރައިގެން ދިޔައެވެ.
"ނަރީޝް ކިހިނެއްވީތަ؟ ކަބީރޫ. އަވަހަށް އެންބިއުލަންސަށް ގުޅައިބަލަ." އަރީފާ ރޮމުން ރޮމުން ބުނެލިއެވެ.
"ކިހިނެއްހޭވީ؟" އަހަންނަށް ރުޅި އިސްކުރެވުނެވެ.
"މެޑަމް. ބޭބެ އުޅުނީ.. ބޭބެ މިވައްތަރު ގޯސް ކަންތައް ކުރާން އުޅުނީ... އަހަރެން ގަސްތުގަ ނޫން...." ކަބީރު ޖެހިލުންވެ ހުރެ ލަސްލަހުން ބުނެލިއެވެ.
"މާ މާތްވެގެން އުޅޭނެކަމެއް ނެތް. ކަލޭމެންނީ ތެދު އަލިފުންނެއް ނޫން. އަހަންނަށް ހުރިހާ ކަމެއް އެނގިއްޖެ. އަހަރެން ގޭގައި ނޫޅޭ ވަގުތު ބަލައިފަ ގަންނަ ގަނޑު..." އަހަރެން ގާތަށް ރުޅި އާދެވުނެވެ.
"ނަރީޝް." އަރީފާ އަނގަމަތީ އަތް އަޅައިލިއެވެ.
އޭނާއަށް ބުނާނެ އެއްޗެއް ނޭނގުނީ ކަމެއް، އަހަންނަށް ހުރިހާ ކަމެއް އެނގުނީމަ އެކަމާ ލަދުގަތީ ކަމެއް ނޭނގެއެވެ.
"އަހަންނަށް ގޮވާނެ ކަމެއް ނެތް. މި ވަގުތުން ފެށިގެން އަރީފާ ތިއީ އަހަރެންގެ އަނތްބެއް ނޫން. ނުކުމޭ. މި ގެއިން ނުކުމޭ." އަހަރެން ގާތަށް ރުޅި އާދެވުނެވެ.
އަރީފާ ދެ ލޯ ބޮޑުވިއެވެ. ކުއްލިއަކަށް އޭނާ ވަރިކޮށްލީމަ އެކަމާ ކަންބޮޑުވީ ކަންނޭނގެއެވެ. އޭނާ އެ ހުރި ގޮތަށް ހުއްޓުން އެރީއެވެ. އަނގަމަތީގައި އަތް އަޅައިގެން އަހަންނަށް ދިމާއަށް ބަލަން ހުރި އިރު މޫނުމަތީގައި ކުރެހުނު ލޭގެ ރޮނގު ލޮލާ ދިމާއަށް ތިރިވަމުން ދިޔައެވެ.
އިރުކޮޅެއް ނުވަނީސް އަރީފާ އެ ހުރި ގޮތަށް ބިމަށް ތިރިވިއެވެ. މަންޒަރު ބަލަން ހުރި ކަބީރު ދުއްވައިގަތީ އަރީފާއާ ދިމާއަށެވެ. އަހަންނަށް ވެސް ވީ ގޮތެއް ނޭނގުނެވެ. މޫނު މައްޗަށް ގޮތްތަކެއްވެ ކޮކާތަކެއް މޫނުމަތީން ބުރާ ގޮތްވާން ފެށީއެވެ. މަޑުމަޑުން ދެ ލޯ މެރެމުން މެރެމުން ގޮސް ދެ ލޯ މެރުނީއެވެ.
ލޯ ހުޅުވާލެވުނެވެ. ވަށައިގެން ހޯދާލެވުނެވެ. އެކަކު ވެސް ފެންނާކަށް ނެތެވެ. ކުރިމަތިން މީހެއްގެ ހިލަން ވިހެން ހީވެގެން ބަލައިލީމެވެ. ހީވީ ރަނގަޅަށެވެ. ކޮޅަށް ހުރީ ފުލުހެކެވެ. ޔުނީފޯމުގައި ހުރި ފުލުސް އޮފިސަރެކެވެ. އަހަންނަށް ހައިރާންކަމާއެކު ބަލައިލެވުނެވެ. ސުވާލުގެ ނަޒަރުންނެވެ.
އިރުކޮޅެއް ފަހުން އޭނާ ވާހަކަދައްކަން ފެށިއެވެ. ކަންވީގޮތް އަހަންނަށް ކިޔައިދިނެވެ. ހާލަތު ބަދަލުވިގޮތް ބުނެދިނެވެ. އޮފިސަރު ހިތުގައި އުފެދިފައިވާ ސުވާލު އަހަންނާ ތަކުރާރުކޮށްލިއެވެ. އަހަރެން އަނގަހުޅުވާލެވޭތޯ ބެލީމެވެ. އަހަންނަށް ފެނުނު މަންޒަރާއި އިވުނު އަޑުތަކުގެ ވާހަކަ ވެސް ބުނެދިނީމެވެ.
"ވަރަށް ބޮޑު އޮޅުމެއް، ކުށްހީއެއް،" އޮފިސަރު ފުން ނޭވާއެއް ބޭރުކޮށްލިއެވެ. "ކަބީރު ދިޔައީ އަޒްހީމް ފޮނުވައިގެން ފާޚާނާ ރަނގަޅުކުރަން. ނަރީޝަށް އިވުނު އަޑުތަކަކީ އަރީފާއާއި ދެ މީހުން ވެގެން ފާޚާނާގެ ޝަވަރުގެ ތަންކޮޅެއް ނައްޓައިލަން އުޅުމުގެ ތެރެއިން އިވުނު އަޑުތަކެއް. ތިޔަ ހީކުރި ކަހަލަ އެއްވެސް ކަމެއް އެ ތަނުގައި ނުހިނގާ."
އަހަންނަށް ދެ ލޯ ބޮޑުކޮށްލެވުނެވެ. އޮފިސަރު ދެއްކި ވާހަކަތަކުން ލަދުގަންނަ ގޮތް ދިމާވިއެވެ.
"އަޅުގަނޑުމެން ސުވާލު އުފެދުނީ އަދި ޤަބޫލުކުރަން ވެސް ދަތިވަނީ އަރީޝް ކަހަލަ ބޭފުޅަކު ތިކަހަލަ ޢަމަލެއް ހިންގީމަ. ރަނގަޅަށް ކަންވީގޮތް ބަލައި ނުލައި އަތުންފައިން ގޯސް ހެދުނީމަ. އަދިވެސް ޖަވާބު ނުލިބޭ ސުވާލަކީ މިއީ. ކީއްވެތޯ އެކަހަލަ ވިސްނުމެއް އިސްވީ؟" އޮފިސަރުގެ ސުވާލު ތަކުރާރުކޮށްލިއެވެ.
އަހަންނަށް ވިސްނައިލަން މަޖުބޫރުވިއެވެ. އެ ސުވާލު އަމިއްލަ ނަފުސާ ވެސް ކޮށްލަން ޖެހުނެވެ. ޖަވާބަކަށް ލިބުނީ އެންމެ ޖަވާބެކެވެ.
ތިމާ ކުރާން ބޭނުން ނުވާ ކަމެއް ކުރުމަށް ކުރެވޭ ކޮންމެ މަޖުބޫރަކުން އުނިވަނީ ތިމާގެ ނަފުސަށް ކުރެވޭ އިތުބާރު ކަމެވެ. އެއީ ތިމާގެ ޒަމީރު ތިމާއާ ދުރަށް، ފެއަށް ޖެހޭ ކަމެއް ކަމެވެ. އަބަދުވެސް ތިމާ ހިނގަން ވާނީ ތިމާގެ ޒަމީރު ދައްކާ މަގުންނެވެ.
އަބަދުވެސް ތިމާގެ ޒަމީރު ބުނެދޭނީ ރަނގަޅު މަގެވެ. ގޯސް މަގަކުން ދާން ޖެހިއްޖެ ނަމަ ޒަމީރު ތިމާގެ ސިކުނޑިއާއި ނަފުސާ ސުވާލު ކުރާނެއެވެ. ސުވާލެއް ނުކުރާނަމަ މާނައަކީ ކުރިއަށް ދާންވީއެވެ. ދެވެނީ ރަނގަޅު މަގުންނެވެ.
އަހަންނަށް ވެސް ދިމާވީ އެކަހަލަ ކަމެކެވެ. ޒަމީރާ ދެކޮޅަށް ގޮތެއް ނިންމައިގެން ގެއަށް ވަނުމުން މަންޒަރުތަކާއި އަޑުތައް ގޯސްކޮށް ތަރުޖަމާ ކުރެވުނީއެވެ. ހިތުގައި ވަހުމު އުފެދުނީއެވެ. މިއީ، އަހަރެން ދިރިއުޅުމުން، މިއަދު އަހަންނަށް ދަސްވި ފިލާވަޅެވެ. އަމިއްލަ ޒަމީރާ ދެކޮޅަށް ތެދުވުމުން، އުފެދުނު ވަހުމުގެ ހިތި ވޭންތަކުގެ ވާހަކައެވެ.
(ނިމުނީ)