15 އެޕްރީލް 2021 - 20:32

ޕޮލިސް ކޮމިޝަނަރު މުހަންމަދު ހަމީދުގެ އަނބިކަނބަލުން ނަޒީހާ އަހުމަދު ވެސް ކޮވިޑަށް ޕޮޒިޓިވް ކަމަށް އާއިލާ އިން ވާހަކަ ދެއްކެވި ބޭފުޅަކު މިރޭ ވިދާޅުވެއްޖެ އެވެ.
އޭނާ ވިދާޅުވީ ސީޕީ ހަމީދު ކޮވިޑަށް ޕޮޒިޓިވްވުމުގެ ކުރިން ނަޒީހާ ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އާއިލާގެ ފަރާތުން ވާހަކަ ދެއްކެވި ބޭފުޅާ ވިދާޅުވީ، ސީޕީ ކޮވިޑަށް ޓެސްޓް ކުރެއްވީ ރޯގާގެ އަލާމާތްތައް ހުރުމުގެ ސަބަބުން މިއަދު އެވެ. ނަޒީހާ ވެސް ކޮވިޑަށް ޕޮޒިޓިވް ވިކަން އެނގުނީ މިއަދެވެ.
"އެކަމަކު އެ ދެބޭފުޅުންގެ އެއްވެސް ބޭފުޅަކު ކޮވިޑަށް ޕޮޒިޓިވްއެއް ނޫން،" އޭނާ ވިދާޅުވި އެވެ.
ނަޒީހާގެ ދައްތާފުޅު، އަދި ފަސްޓް ލޭޑީ ފަޒްނާ އަހުމަދު ވެސް ކޮވިޑަށް ޕޮޒިޓިވް ކަން ރައީސް އޮފީހުން މީގެ ކުޑައިރުކޮޅެއް ކުރިން ވަނީ ހާމަކޮށްފަ އެވެ. އެކަމަކު ރައީސް އިބްރާހިމް މުހަންމަދު ސޯލިހާއި އެ ދެކަނބަލުންގެ އެއްވެސް ބޭފުޅަކު ކޮވިޑަށް ޕޮޒިޓިވެއް ނޫނެވެ.
ސީޕީ ހަމީދު ކޮވިޑަށް ޕޮޒިޓިވް ވީ އިރު އޭނާ ހުންނެވީ ކޮވިޑް ވެކްސިންގެ ދެ ޑޯޒް ވެސް ފުރިހަމަ ކުރައްވައިގެންނެވެ. އެކަމަކު ނަޒީހާ ދެވަނަ ޑޯޒް ޖައްސަވަން އޮތީ ފަހުންނެވެ.
"އަނެއްހެން ހާލުކޮޅު ރަނގަޅު. ބަލީގެ އެހާ ބޮޑު އަލާމާތެއް ނެތް،" އާއިލާ އިން ވާހަކަ ދެއްކެވި ބޭފުޅާ ވިދާޅުވި އެވެ.
"އާއިލާގެ ކޮންޓެކްޓް ޓްރޭސިން މިހާރު ހަދަމުން އެބަ ދޭ."
މާލެއިން ފުރަތަމަ ކޮވިޑް ކޭހެއް ފެނި، މުޅި މާލެ ލޮކްޑައުން އަކަށް ދިޔަތާ މިއަދަށް އެއް އަހަރުވީ އެވެ. ސަރުކާރުން މިހާރު ވަނީ ވަރަށް ބޮޑެތި ލުއިތަކެއް ދީފަ އެވެ. ކޮވިޑަށް އިއްޔެ ޕޮޒިޓިވް ވި މީހުންގެ އަދަދު އުޅެނީ، 2400 ސާމްޕަލްގެ ތެރެއިން 85 ގަ އެވެ.