ކޮވިޑްގެ ޕޮޒިޓިވިޓީ ރޭޓް އަށް ޕަސެންޓުން ދެ ޕަސެންޓަށް ދަށްވެއްޖެ
ކޮވިޑްގެ ޕޮޒިޓިވިޓީ ރޭޓް އަށް ޕަސެންޓުން ދެ ޕަސެންޓަށް ދަށްވެއްޖެ

ކޮވިޑް-19 އަށް ޕޮޒިޓިވްވަމުން އަންނަ ރޭޓް އަށް ޕަސެންޓުން ދެ ޕަސެންޓަށް މި ހަފްތާގެ ތެރޭގައި ދަށްވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ކޮންމެ ދުވަހަކު އާންމުކުރަމުން އަންނަ ތަފާސްހިސާބުތަކުން ފެންނަ ގޮތުގައި މި މަސް ފެށުނު އިރު ކޮވިޑްގެ ޕޮޒިޓިވިޓީ ރޭޓް ހުރީ 8.28 ޕަސެންޓުގަ އެވެ. އެއީ ބައްޔަށް ޕޮޒިޓިވް ކުރަން ޓެސްޓުކުރި 3،625 ސާމްޕަލުން 300 ކޭސް ޕޮޒިޓިވްވުމުންނެވެ. އެ އަށް ފަހު ފުރަތަމަ ހަފްތާގައި ވެސް ޕޮޒިޓިވިޓީ ރޭޓް ދަށް ވާން ފަށައި، ހަފްތާ ނިމުނު އިރު އެ އަދަދު ހުރީ 3.42 ޕަސެންޓުުގަ އެވެ. ހަފްތާގެ އެވްރެޖް ޕޮޒިޓިވިޓީ ރޭޓަކީ 4.48 ޕަސެންޓެވެ.

ވޭތުވެ ދިޔަ ހަފްތާގައި ޕޮޒިޓިވިޓީ ރޭޓް އެންމެ މަތީގައި ހުރީ މި މަހުގެ ނުވަ ވަނަ ދުވަހު އެވެ. އެ ދުވަހު ޓެސްޓުކުރި 3،074 ސާމްޕަލް އިން 132 މީހަކު ޕޮޒިޓިވްވުމުން، ޕޮޒިޓިވިޓީ ރޭޓް ހުރީ 4.29 ގަ އެވެ. މި މަހުގެ ދެ ވަނަ ހަފްތާގައި ޕޮޒިޓިވިޓީ ރޭޓް އެންމެ ދަށްކޮށް ހުރީ 2.19 ޕަސެންޓުގަ އެވެ. އެވްރެޖް ޕޮޒިޓިވިޓީ ރޭޓަކީ 3.37 ޕަސެންޓެވެ.

ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަށް ވަނީ ކީއްވެ ކަން ވިދާޅުވާން އަދި ދަތި ކަމަށް ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލް ތަސްލީމާ އުސްމާން މިއަދު ވަނީ ވިދާޅުވެފަ އެވެ. އަދި ލޯކަލް ކައުންސިލްގެ އިންތިހާބާ ގުޅިގެން ދިން ލުއިތަކާ ގުޅިގެން ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވުން އެކަށީގެންވާ ކަމާއި އެ ކަން އެނގޭނީ ދެ ހަފްތާއެއް ވަރު ފަހުން ކަމަށް ވިދާޅުވި އެވެ.

މިހާތަނަށް ރާއްޖެއިން 25،844 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ އިރު، 67 މީހަކު މަރުވެފައި ވެ އެވެ. މި ބައްޔަށް މިވަގުތު ފަރުވާ ހޯދަމުން އަންނަނީ 2،627 މީހުންނެވެ.