ފައިޒާ ވެކްސިން ޖަހަން ރަޖިސްޓްރީވާ މީހުން، ގަޑިއަށް އެޕޮއިންޓްމަންޓަށް ދާން އެޗްޕީއޭ އިން އެދެފި
ފައިޒާ ވެކްސިން ޖަހަން ރަޖިސްޓްރީވާ މީހުން، ގަޑިއަށް އެޕޮއިންޓްމަންޓަށް ދާން އެޗްޕީއޭ އިން އެދެފި

ފައިޒާ ވެކްސިން ޖަހަން ރަޖިސްޓްރީވެފައިވާ މީހުން، ގަޑިއަށް އެޕޮއިންޓްމަންޓަށް ދާން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު އެދެފި އެވެ.

ދިގު މުއްދަތަކަށް ބޭސްކުރާ އުމުރުން 16 އަދި 17 އަހަރުގެ ކުދިން ވެސް ހިމެނޭ ގޮތަށް، ފައިޒާގެ ކޮވިޑް-19 ވެކްސިން ޖަހަން ފެށީ މިދިޔަ އާދިއްތަ ދުވަހު އެވެ. ރާއްޖޭގައި ހުރީ މި ވެކްސިންގެ 5،500 ޑޯޒް އެވެ. އެހެންވެ، މި ވެކްސިން ދޭން ނިންމާފައި ވަނީ ބޮޑެތި ބަލިތަކަށް ފަރުވާ ކުރާ މީހުންނަށެވެ.

އެޗްޕީއޭ އިން މިއަދު ބުނީ، ފައިޒާ ވެކްސިން ޖަހަން ދޫކޮށްފައިވާ އެޕޮއިންޓްމަންޓަށް ނުދާ ނަމަ، ވެކްސިން އުކާލަން ޖެހޭ ކަމަށެވެ. އެއީ އެ ވެކްސިން ރައްކާކޮށްފައި ހުންނަ ފުޅިއެއް ހުޅުވާތާ ހަ ގަޑިއިރު ތެރޭގައި ބޭނުން ކުރަން ޖެހޭތީ ކަމަށް އެ އިދާރާ އިން ބުންޏެވެ.

"އެޕޮއިންޓްމަންޓަށް ނާންނަ ނަމަ، ވެކްސިން ފުޅި އެއްލާލަން ޖެހޭނީ. މިހެން ކަންތައް ކުރުމުން ވެކްސިން ޑޯސް އިސްރާފުވެ، މި ވެކްސިން ޖެހޭ މީހުންގެ އަދަދު މަދުވޭ،" އެޗްޕީ އިން ބުންޏެވެ.

އެހެންވެ، ގަޑިއަށް އެޕޮއިންޓްމަންޓަށް ދާން އެ އޭޖެންސީން ވަނީ އެދިފަ އެވެ.

ފައިޒާ ވެކްސިން ބަހައްޓަން ޖެހެނީ މައިނަސް 70 ޑިިގްރީގައި ކަމަށް ވާތީ އެ ވެކްސިން ޖަހާނީ މާލޭ ސަރަހައްދުގައި އެކަންޏެވެ. މި ވެކްސިން ޖަހައިދެނީ އެކަމަށް އެދި ރަޖިސްޓްރީވާ މީހުންނަށެވެ.