ސީޕީ ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ
ސީޕީ ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ. އޭނާ ކޮވިޑަށް ޕޮޒިޓިވް ވީ މިދިޔަ ހަފްތާގައި ކޮވިޝީލްޑްގެ ދެވަނަ ޑޯޒް ވެސް ޖެއްސެވި ފަހުންނެވެ.

ކޮމިޝަނަރު ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކޮވިޑް ޖެހިގެން މި ވަގުތު ގޭގައި މަޑުކުރައްވާތީ، ފުލުހުންގެ ބޯޑުގެ ފުރަތަމަ ބައްދަލުވުމުގައި ބައިވެރި ވަޑައިގަންނަވަނީ އޮންލައިންކޮށް ކަމަށަވެ.

"މި ބޯޑުގައި ހިމެނޭ ހަތް މެންބަރުންނަށް އަޅުގަނޑު މަރުހަބާ ކިޔަން، އަދި ފުލުހުން ޒިންމާދާރުކޮށް މަސައްކަތްކުރުމަށްޓަކައި އެ ބޯޑަކީ 'ކްރިޓަކަލް ޕާޓްނަރެއް'ގެ ގޮތުގައި ބަލައިގެން މަސައްކަތްކުރާނަން،" އޭނާ ވިދާޅުވި އެވެ.

ހަމީދު ކޮވިޑަށް ޕޮޒިޓިވްވީ ކޮން ދުވަހަކު ކަމެއް ވިދާޅެއް ނުވެ އެވެ.

ކޮވިޑް-19 އިން ރައްކާތެރިވާން ވެކްސިން ޖަހަން ރާއްޖޭގައި ފެށީ މިދިޔަ ފެބްރުއަރީ މަހުގަ އެވެ. އަދި ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން ފެށީ މި މަހުގެ ތިން ވަނަ ދުވަހު އެވެ. މީގެ ތިން ދުވަސް ކުރިން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމުކުރި ހިސާބުތަކުން ފެންނަ ގޮތުގައި، 25،396 މީހުން ކޮވިޝީލްޑްގެ ދެ ޑޯޒް ޖަހާފައި ވެ އެވެ.

ކޮވިޝީލްޑް ވެކްސިން ޖެހުމުން، ކޮވިޑަށް ޕޮޒިޓިވްވުމުގެ ފުރުސަތު 63.09 ޕަސެންޓަށް ދަށް ވެ އެވެ.