16 މެއި 2017 - 10:17

ލަންޑަން (މެއި 16) - ބާސެލޯނާ ނޫނީ ބަޔާން މިއުނިކްގައި ހުރެ، މި ސީޒަނުގައި މެންޗެސްޓާ ސިޓީއާ އެކު ހޯދި ނަތީޖާތަށް ނެރުނު ނަމަ މަގާމުން ވަކިކުރީސް ކަމަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.
މިއީ ގާޑިއޯލާގެ ކޯޗިން ކެރިއަރުގައި އޭނާ ހުސްއަތާ ސީޒަން ނިންމާލާ ފުރަތަމަ ފަހަރެވެ. ސިޓީ އަށް މި ސީޒަނުގައި ވަނީ ގިނަ މައްސަލަތަކެއް ދިމާވެފަ އެވެ. ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުން ކެޓިއިރު، ލީގު ކަޕުން ކެޓީ ދެ ވަނަ ބުރުންނެވެ. އަދި އެފްއޭ ކަޕުގެ ސެމީ ފައިނަލުން ބަލިވިއިރު، ލީގުގެ ގަދަ ހަތަރެއް އަދި އެ ޓީމަށް ޔަގީންނުވެ އެވެ.
"މިހާރު އަހަރެން މިހުރި ހާލަތުގައި ބޮޑު ކްލަބެއް. މިސާލަކަށް ބަޔާން ނޫނީ ބާސެލޯނާގައި ހުރިނަމަ އަހަރެން މަގާމުން ވަކިކުރީސް،" ގާޑިއޯލާ ބުންޏެވެ. "އެކަމު އަހަންނަށް ސިޓީގައި ހަވާލުކުރީ ތަފާތު ޕްރޮޖެކްޓެއް. އަހަރެންނަށް މި ކްލަބް ގޮވައިގެން ކާމިޔާބު ހޯދައިދިނުމަށް އިތުރު ފުރުސަތެއް އެބައޮތް،" ގާޑިއޯލާ ބުންޏެވެ.
އޭނާ ބުނީ އަންނަ ސީޒަނުގައި ސިޓީ ކާމިޔާބުގެ މަގަށް އެޅުވުމަށް ރަނގަޅު ޕްލޭންތަކެއް އެބަހުރި ކަމަށެވެ.
"މި ޓީމަށް ބޭނުންވާ ކަންތައްތައް އަހަންނަށް އެނގޭ. މި ޓީމު އަހަރެންގެ ވިސްނުމާ އެއްގޮތަށް މި ސީޒަނުގައި ވެސް ކުޅެފައި އެބަހުރި. އެކި ކަހަލަ ގޮންޖެހުންތަކާ ހެދި ނަތީޖާގެ މައްސަލަ ދިމާވީ. އެކަން ހައްލުކޮށް އަންނަ ސީޒަނުގައި ސިޓީ ފެންނާނީ ތަފާތުކޮށް،" ގާޑިއޯލާ ބުންޏެވެ.
ބާސެލޯނާ އާއި ބަޔާނުގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވުމުން ސިޓީގައި ގާޑިއޯލާ އަށް އެކަން ތަކުރާރު ނުކުރެއްޖެނަމަ އެއީ ލިބޭ ހަޑި ނަމެއް ކަމަށް އޭނާ ދެކެ އެވެ.
"އަހަރެން ކޯޗުކޮށްދޭ ކޮންމެ ކްލަބެއްގައި މީގެ ކުރިން ކާމިޔާބީ ހޯދާފައިވުމުން. ގިނަ ބަަޔަކު އުއްމީދުކުރޭ ސިޓީގައި ވެސް އެކަން ތަކުރާރުވާނެ ކަމަށް. އެކަން ނުވެއްޖެނަމަ އަހަރެންނަށް ވެސް ލިބޭނެ ހަޑި ނަމެއް މިއީ،" ގާޑިއޯލާ ބުންޏެވެ.
ރިޕޯޓްތައް ބުނާގޮތުން އަންނަ ސީޒަނުގައި ސިޓީ ވަރުގަދަ ކުރުމަށް ގާޑިއޯލާ ބޭނުންވާ ހަ ކުޅުންތެރިއަކު ގެންނަން އޭނާ ވަނީ އެ ކްލަބުގެ ވެރިން ގާތުގައި އެދިފަ އެވެ. ސިޓީން ފާރަލަމުން އަންނަ ކުޅުންތެރިންގެ ތެރޭގައި ބަޔާންގެ ކިންގްސްލީ ކޯމަން އަދި މޮނާކޯގެ ބެންޖަމިން މެންޑީ ހިމެނެ އެވެ.