15 އެޕްރީލް 2021 - 14:48

ނިއު ދިއްލީ (އެޕްރީލް 15) - އިންޑިއާގައި ކޮރޯނާވައިރަހުގެ ހާލަތު އިތުރަށް ގޯސްވެ ދުވާލަކު ޕޮޒިޓިވްވާ ރޭޓް މިހާރު ދެ ލައްކަ އަށް އަރައިފި އެވެ.
ކޮވިޑާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދީ، ދީނީ ފެސްޓިވަލްތައް ބޭއްވުމާއި ސިޔާސީ އެއްވުންތަކާއި ކްރިކެޓް މެޗުތައް ބަލަން މީހުން ވަންނަން ހުއްދަ ދިނުމުގެ ނަތީޖާއަކަށް ވެގެން ދިޔައީ މި މަހު އެކަނިވެސް ދެ މިލިއަން މީހުން ޕޮޒިޓިވްވުމެވެ. މި ހަފުތާގެ ޕޮޒިޓިވް ކޭސްތަކާ އެކު އިންޑިއާ މިހާރު ވަނީ މުޅި ދުނިޔެ އިން އެންމެ ގިނަ މީހުން ޕޮޒިޓިވްވި ދެ ވަނަ ގައުމަށްވެފަ އެވެ. ވޭތުވެދިޔަ 24 ގަޑިއިރު އިންޑިއާ އިން ދެ ލައްކަ މީހުން ޕޮޒިޓިވްވި އިރު އޭގެ ކުރީ ދުވަހު ވަނީ 185،000 މީހުން ޕޮޒިޓިވްވެފަ އެވެ.
ކޮވިޑް ކޭސްތައް އިތުރުވަމުންދާތީ އިންޑިއާގެ ބައެއް ސްޓޭޓްތަކުގައި މިހާރު ދަނީ ހަރުކަށި ފިޔަވަޅުތައް އަޅަމުންނެވެ. މަހާރާޝްތުރާ ސްޓޭޓާއި އެ ސްޓޭޓުގެ ވެރިރަށް މުމްބާއީ މިހާރު ވަނީ ލޮކްޑައުން ހާލަތަށް ގެނެސްފަ އެވެ. ނަތީޖާއަކީ މި މަސް ނިމެންދެން އެ ސްޓޭޓުގެ 125 މިލިއަން ގޭގައި ތިބެން ޖެހުމެވެ.
އިންޑިއާގެ ހުރިހާ ހިސާބެއްގެ ހޮސްޕިޓަލްތަކުގެ އެނދުތައް ފުރެމުންދާއިރު އޮކްސިޖަން ލިބުމުގައި ވަނީ ދަތިތައް ކުރިމަތިވެފަ އެވެ. އިންޑިއާގެ ވެކްސިން ޕްރޮގްރާމަށް ވެސް މުހާރު ވަނީ މަޑުޖެހުމެއް އައިސްފަ އެވެ. ވެކްސިން ސްޓޮކް މަދުވާތީ އިންޑިއާ ސަރުކާރުން މިހާރު ވަނީ ސީރަމް އިންސްޓްޓިއުޓުން ވެކްސިން އެކްސްޕޯޓް ކުރުން ހުއްޓުވައިފަ އެވެ.
އިންޑިއާ އިން މިހާތަނަށް ވަނީ 14,074,564 މީހުން ޕޮޒިޓިވްވެ 173,152 މީހުން މަރުވެފަ އެވެ.