ގިނަ ބަޔަކު ކިއުގައި ޖެހޭތީ ވެކްސިން ޖަހައިދޭ ވަގުތު އިތުރުކޮށްފި
ގިނަ ބަޔަކު ކިއުގައި ޖެހޭތީ ވެކްސިން ޖަހައިދޭ ވަގުތު އިތުރުކޮށްފި

މާލެ ސަރަހައްދުގަައި އަދިވެސް ގިނަ ބަޔަކަށް ކޮވިޑް ވެކްސިން ޖަހަން ޖެހޭތީ، އެޗްޕީއޭ އިން މިއަދުން ފެށިގެން ވަގުތު އިތުރުކޮށްފި އެވެ.

އެ އިދާރާ އިން ކުރިން ހަމަޖައްސާފައިވާ ގޮތުން، މާލޭގައި ކޮވިޑް ވެކްސިން ޖަހައިދިނުން ވެކްސިން ސެންޓަރުތަކުން ކުރިއަށް ގެންދާނީ ކޮންމެ ރެއެއްގެ 9 އިން 11 އަށެވެ.

އެކަމަކު، ވެކްސިން ޖަހަން ބޭނުންވާ މީހުންގެ އަދަދު އިތުރުވުމާ ގުޅިގެން މިރެއިން ފެށިގެން 9 އިން 11:45 އަށް ސެންޓަރުތައް ހުޅުވާ ގޮތަށް އެޗްޕީއޭ އިން ވަނީ ނިންމައިފަ އެވެ.

ރޯދަމަހަށް ގެނައި ބަދަލާއެކު ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިދެނީ ހަމައެކަނި ޓްރީޓޮޕް ހޮސްޕިޓަލުންނެވެ. ފުރަތަމަ ޑޯޒް ނުޖަހާ މީހުންނަށް ދޭނީ ޗައިނާގެ ސިނަފޯމް ވެކްސިނެވެ. އެ ވެކްސިން ދޭނީ އުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަށް އެކަންޏެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 1-15 އާ ދެމެދު ކޮވިޝީލްޑް ވެކްސިން ޖެހި މީހުންނަށް މިހާރު އަންނަނީ ދެވަނަ ޑޯޒް ދެމުންނެވެ. މާލޭގައި ހަ ސެންޓަރެއްގައި ދެވަނަ ޑޯޒް ދެމުން އަންނައިރު އޭގެ ތެރޭގައި ހިމެނެނީ ސޯޝަލް ސެންޓަރާއި ނޭޝަނަލް އާޓް ގެލަރީ އަދި ރައްޔިތުންގެ މަޖިލީހުގެ އިދާރާ އާއި ސެނެހިޔާ އެވެ. ހުޅުމާލޭ ވެކްސިނޭޝަން ސެންޓަރާއި ވިލިމާލޭ ޒުވާނުންގެ މަރުކަޒުން ވެސް ދެވަނަ ޑޯޒް ޖަހައިދޭނެ އެވެ.

ރޯދަމަހު ވެކްސިން ޖަހައިދޭނީ މަދު ވަގުތެއްގައިކަން މާކުރިން އެޗްޕީއޭ އިން އޮތީ އަންގައިފަ އެވެ. އަދި ރޯދައިގެ ކުރިން ވެކްސިން ޖެހުމަށް ވެސް އެދުނެވެ. އެގޮތަށް އެދުނަސް އޭގެ ކުރިން ވެކްސިން ސެންޓަރުތައް އޮތީ ގާތްގަނޑަކަށް ހުހަށެވެ. އެތަންތަނަށް ބާރުބޮޑުވީ ރޯދަމަސް ފެށެން އެއް ދުވަހަަށް ވުމުންނެވެ.

ރޯދަމަސް ފެށުން ފަހުން އިއްޔެ ވެކްސިން ސެންޓަރުތައް ހުޅުވައިފައިވާއިރު އެއީ ވެކްސިން ސެންޓަރަކަށް ބާރުބޮޑު ދުވަހެކެވެ.