15 އެޕްރީލް 2021 - 14:00

ސަރުކާރުން ނިއު ޕޮލިސީ އިނީޝިއޭޓިވަށް ތައްޔާރުވުމުގެ ގޮތުން 2022-2024 ވަނަ އަހަރަށް ލަފާކުރާ މެދު ރާސްތާ ބަޖެޓު ތައްޔާރުކުރުމަށްޓަކައި ސަރުކާރުގެ އިދާރާތަކުން އެކަމަށް މައުލޫމާތު ހުށަހަޅަން ފިނޭންސް މިނިސްޓްރީން އެދެފި އެވެ.
ފިނޭންސް މިނިސްޓްރީން އިއުލާނުކޮށްފައިވާ ސާކިއުލާގައިވާ ގޮތުން މި ބަޖެޓަކީ ސްޓްރެޓެޖިކް އެކްޝަން ޕްލޭނާއި ނޭޝަނަލް ރެޒިލިއެންސް އެންޑް ރިކަވަރީ ޕްލޭންގެ މައްޗަށް ބިނާކޮޮށް ތައްޔާރުކުރާ ޕްރޮގްރާމު ބަޖެޓެކެވެ.
މި ބަޖެޓް އެކުލަވައިލުމަށްޓަކައި އިދާރާތަކުން ހިންގަން ރާވާ ކަންކަމާއި އެ އިދާރާއަކުން ހިންގާނެ ޕްރޮޖެކްޓްތަކުގެ ތަފްސީލު ހުށަހަޅަން ޖެހެ އެވެ. އަދި ނިއު ޕޮލިސީ އިނީޝިއޭޓިވްގެ ދަށުން ބަޖެޓަށް ގެންނާނެ އާ ކަންކަން ވެސް ހިމަނަން ޖެހެ އެވެ. ފިނޭންސް މިނިސްޓްރީން ވަނީ އާ ކަންކަން ހުށަހަޅަން ސަރުކާރުގެ ހުރިހާ އިދާރާތަކަށް ބަޖެޓުގެ ވަކި މިންގަނޑެއް ނުވަތަ ސީލިންގެއް ކަނޑައަޅައިފަ އެވެ.
ފިނޭންސް މިނިސްޓްރީން ބުނީ މިގޮތަށް އޮފީސްތަކަށް ކަނޑައަޅާފައިވާ ސީލިންގަކީ ރައްޔިތުންގެ މަޖިލީހަށް ބަޖެޓް ހުށަހަޅާ އިރު ކަނޑައާޅާފައިވާ ސީލިންގެއް ނޫން ކަމަށެވެ. އެހެންކަމުން މެދު ރާސްތާގެ ބަޖެޓުގެ ގޮތުގައި އޮފީސްތަކަށް ދީފައިވާ ބަޖެޓުގެ އަދަދު ތަފާތުވާނެ އެވެ.
ނިއު ޕޮލިސީ އިނީޝިއޭޓިވްތައް ނުވަތަށް ބަޖެޓަށް ހުށަހަޅާ އާ ކަންކަން މިނިސްޓްރީތަކާއި އިދާރާތަކުން ހުށަހަޅަންވާނީ isles.gov.mv މެދުވެރިކޮށެވެ. މި މައުލޫމާތުތައް ޖޫން 30، ކުރިން ފޮނުވަން ފިނޭންސް މިނިސްޓްރީން ވަނީ އަންގައިފަ އެވެ.