އަފްޣާން ހަނގުރާމައިން އެމެރިކާ ވަނީ ބަލިވެފައި: ތާލިބާން
އަފްޣާން ހަނގުރާމައިން އެމެރިކާ ވަނީ ބަލިވެފައި: ތާލިބާން

ކާބުލް (އެޕްރީލް 15) - އަފްޣާނިސްތާނުން އެމެރިކާ ސިފައިން ފައިބައިގެން ދަނީ އެ ހަނގުރާމައިން ބަލިވެގެން ކަމަށާއި ކާމިޔާބު ލިބުނީ ތާލިބާނުންނަށް ކަމަށް ތާލިބާން ކޮންޓްރޯލުގެ ދަށުގައި އޮންނަ މަޒާރީ ޝަރީފުގެ ބަލްޚް ޑިސްޓްރިކްޓުގެ މޭޔަރު ހާޖީ ހިކުމަތު ބުނެފި އެވެ.

އޭނާ ބުނީ އަފްޣާނިސްތާނުގައި ތިބޭ އެމެރިކާ ސިފައިން ބޭލުން ސެޕްޓެމްބަރަށް ލަސްކުރަން އެމެރިކާގެ ރައީސް ޖޯ ބައިޑަން ނިންމެވުމަކީ ކުރިން އެއްބަސްވި މެއި 1 ގެ ސުންގަޑި ފަހަނަޅައި ދިއުން ކަމަށެވެ.

"އަހަރެމެން ހުރިހާ ކަމަކަށް ވެސް ތައްޔާރު. ސުލްހަ އަށް ވެސް ތައްޔާރު، ޖިހާދަށް ވެސް ތައްޔާރު،" އަސްކަރީ ކޮމާންޑަރުންނާ އެކު ވާހަކަ ދައްކަމުން ހިކުމަތު ބުންޏެވެ.

އެމެރިކާއާ އެކު މިދިޔަ އަހަރު ސޮއިކުރި ސުލްހައިގެ އެއްބަސްވުމުގެ ދަށުން ތާލިބާނުން ވަނީ އަފްޣާނިސްތާނުގައި ތިބޭ ބައިނަލްއަގުވާމީ ސިފައިންނަށް ހަމަލާ ދިނުން ހުއްޓާލައިފަ އެވެ. ނަމަވެސް އަފްޣާނިސްތާން ސަރުކާރަށް ހަމަލާތައް އަމާޒުކުރާ ކަމަށް ބުންޏެވެ.

ހިކުމަތު ބުނީ ތާލިބާނުންގެ ބޭނުމަކީ އަފްޣާނިސްތާނުގައި އިސްލާމީ ޝަރީއާއާ އެއްގޮތަށް ހިންގާ ސަރުކާރެއް ގާއިމްކުރުން ކަމަށާއި އެކަން ކާމިޔާބުވަންދެން "ޖިހާދު" ކުރިއަށްދާނެ ކަމަށެވެ.

ތާލިބާނުންނަކީ ހަނގުރާމަވެރި ޖަމާއަތެއް ކަމަށް އެ މީހުން ގަބޫލް ނުކުރާ ކަމަށާއި ނަމަވެސް އެއީ ސަރުކާރާ ހަވާލާން އިންތިޒާރުގައި ތިބި ގްރޫޕެއް ކަމަށް ހިކުމަތު ބުންޏެވެ. ތާލިބާނުން އެ މީހުންނަށް މުޚާތަބް ކުރަނީ އިސްލާމިކް އެމިރޭޓް އޮފް އަފްޣާނިސްތާނުންގެ ގޮތުގަ އެވެ. ތާލިބާނުންގެ 1996 ވަނަ އަހަރުގެ ވެރިކަމުގައި ވެސް ބޭނުން ކުރީ އެ ނަމެވެ.

އަފްޣާނިސްތާނުގައި ތިބޭ އެމެރިކާ ސިފައިން ބޭލުމަށް މިހާރު ނިންމާފައި ވަނީ މި އަހަރުގެ ސެޕްޓެމްބަރު 11 ގަ އެވެ. އެއީ ސެޕްޓެމްބަރު 11 ގެ ހަމަލާ އަށް 20 އަހަރު ފުރޭ ދުވަހެވެ.