އީގަލްސްއާ ދެކޮޅަށް ނުކުންނައިރު ގްރީން ސްޓްރީޓަށް އަނިޔާގެ މައްސަލަތައް
އީގަލްސްއާ ދެކޮޅަށް ނުކުންނައިރު ގްރީން ސްޓްރީޓަށް އަނިޔާގެ މައްސަލަތައް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކްލަބު އީގަލްސްއާ ދެކޮޅަށް ނުކުންނައިރު، ގްރީން ސްޓްރީޓަށް އަނިޔާގެ ގިނަ މައްސަލަތަކެއް ކުރިމަތިވެފައިވާ ކަމަށް ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ނިޝްތާރު މުހައްމަދު ބުނެފި އެވެ.

ނިޝްތާރު ބުނީ ލީގުގައި އެންމެ ފަހުން ޓީސީ ސްޕޯޓްސްއާ ދެކޮޅަށް ކުޅެ، ލަނޑެއް ނުޖެހި އެއްވަރުވި މެޗަށް ފަހު، ގްރީން ސްޓްރީޓްގެ ބައެއް ކުޅުންތެރިންނަށް އަނިޔާގެ މައްސަލަތައް ކުރިމަތިވެފައިވާ ކަމަށެވެ.

މެޗުގެ ކުރިން އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން އެންމެ ފަހުން ޓީސީއާ ދެކޮޅަށް ގްރީން ސްޓްރީޓްސް ކުޅުނު މެޗު ނިޝްތާރު ސިފަކުރީ "ރަގްބީ" މެޗެއްގެ ގޮތުގަ އެވެ.

"އެންމެ ފަހުން މި ކުޅުނު ރަގްބީ މެޗަށް ފަހު ވަރަށް އިންޖަރީތައް މައްސަލަތައް ގިނަ. އެކަމަކު އިންޝާﷲ ރަނގަޅުވާނެ ކަމަށް މި ބަލަނީ،" ނިޝްތާރު ބުންޏެވެ. "ވަރަށް ކީ (މުހިންމު) ޕްލޭޔަރުން މިސާލަކަށް ހަލީލް (ޖަމާލް) އެ ދަނީ ޓްރީޓްމަންޓެއް ނަގަމުން. އަދިވެސް ވަރަށް ގިނަ ޕްލޭޔަރުން އެބަތިބި. މި ވަގުތު ތަފްސީލަކަށް ދާކަށް ބޭނުމެއް ނޫން."

އީގަލްސް އާއި ގްރީން ސްޓްރީޓްސް ބައްދަލުކުރާ މެޗު މިރޭ ކުޅޭ ގޮތަށް ހަމަޖެއްސީ ކުރިން އިއްޔެ ކުޅެން ހަމަޖެހިފައި އޮތް އޭއެފްސީ ކަޕްގެ ޕްރިލިމަރީ ބުރުގައި އީގަލްސް އާއި އަބަހާނީ ބައްދަލުކުރާ މެޗު ފަސްކުރުމުންނެވެ. އީގަލްސް އާއި ގްރީން ސްޓްރީޓްސް ކުރިން ކުޅެން އޮތީ އަންނަ މަހުގެ ފަސް ވަނަ ދުވަހެވެ.

ނިޝްތާރު ބުނީ މެޗަށް ތައްޔާރުވާން ލިބުނު ވަގުތު ކޮޅު ކުޑަވިޔަސް، ޝަކުވާއެއް ނެތް ކަމަށެވެ.

"އޭއެފްސީ ކަޕާހެދި މި މެޗު މި އަވަސްކުރީ. މި ކަހަލަ ބަދަލުތައް އަންނާނެ. އަޅުގަނޑުމެންނަށް ނެތް މި (ބަދަލުތަކަށް) އެގްރީ (އެއްބަސް)ނުވެ ތިބެވޭކަށް އެންމެ ރަނގަޅު ގޮތަކީ މެޗުތައް ކުޅުން،" ނިޝްތާރު ބުންޏެވެ.

މި މެޗަށް ނުކުންނައިރު، ގްރީން ސްޓްރީޓްސް ތާވަލްގެ ތިން ވަނައިގައި އޮތީ 18 ޕޮއިންޓާއެކު އެވެ.

އީގަލްސްގެ ކޯޗު މުހައްމަދު ޝާޒްލީ ބުނީ އޭއެފްސީ ކަޕްގައި ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާ ދެކޮޅަށް އަންނަ ހަފުތާ ކުޅޭ މެޗުގެ ކުރިން، ލީގު މެޗެއް ކުޅުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

"އޭއެފްސީ ކަޕް މެޗުގެ ކުރިން (ލީގު) މެޗެއް ކުޅެން ލިބުން ވަރަށް މުހިންމު. މެޗެއް ލިބުމަކީ ލިބޭ އެޑްވާންޓޭޖެއް. އެކަމަކު މީގައި އަތުވެދާނެ އިންޖަރީ މައްސަލަތައް ވެސް،" ޝާޒްލީ ބުންޏެވެ.

ޝާޒްލީ ބުނީ ޝެޑިއުލް ބަދަލުވުމުން މާ ބޮޑު އުނދަގުލެއް ކުރިމަތިނުވާ ކަމަށެވެ. އޭގެ އެންމެ ބޮޑު ސަބަބކީ ބަދަލުތަކެއް އަތުވެދާނެ ކަމަށް ބަލައި، އެކަމަށް ތައްޔާރުވެގެން ހުރުން ކަމަށެވެ.

ލީގުގައި އީގަލްސް އާއި ގްރީން ސްޓްރީޓްސް ބައްދަލުކުރާ މެޗު ފަށާނީ މިރޭ 22:00ގަ އެވެ.