15 އެޕްރީލް 2021 - 11:39

އިސްލާމްގެ މާނަ އަކީ ﷲ އަށް ބޯލަނބައި ކިޔަމަންގަތުމެވެ. އަދި މުޅި ނަފްސު އެފަރާތަށް އިސްތިސްލާމް ކުރުމެވެ. އެބަހީ "އަޑުއަހައި ކިޔަމަންވެއްޖައީމޭ" ބުނާ ބަހުގެ މައްޗަށް ﷲ އާ އިންސާނާއާ ދެމެދު ވަރުގަދަ ގުޅުމެއް އުފެއްދުމެވެ. މިފަދަ ގުޅުމެއްގެ ތެރެއިން ﷲ އަށް ކިޔަމަން ނުވާ ބައެއް މީހުންގެ ނަޒަރުގައި އެމީހުންގެ މައްޗަށް ބަސް ކިޔާނެ އެއްވެސް ފަރާތެއް ނުވެ އެވެ. އެހެންކަމުން ބޭނުން ކޮންމެ ގޮތަކަށް ވެސް އުޅެވެން ޖެހޭނެ އެވެ. މި ފިކުރަކީ އިންސާނަކާ އެހެން އިންސާނަކާ ދެމެދު އޮންނަ ގުޅުންތަކުގައި ބަލައިގަނެވިދާނެ ފިކުރެއް ކަމަށް ވިއަސް އިންސާނާއާ ﷲ އާ ދެމެދު އޮންނަ ގުޅުމުގައި މި ބޮޑާކަމާއި އުރެދުމުގެ ފިކުރަކަށް ޖާގައެއް ނެތެވެ. އެހެނީ އެކަލާނގެއީ އެކަލާނގެ ކުޅަދުންވަންތަ ކަމުން އެ ނިކަމެތި އިންސާނާ އުފައްދަވައި ގެންގުޅުއްވައި އެންމެހާ ނިޢުމަތްތަކުން ނިޢުމަތް ދެއްވައި ހެޔޮނުބައި އުނގަންނައިދެއްވައި ސީދާވެގެންވާ މަގުން ހިނގުމަށް އަމުރު ކުރެއްވި ރަސްކަލާނގެ ކަމަށް ވާތީ އެވެ. އަދި އިޙުސާންތެރިވެ ހުންނަ ހާލު، ﷲ އަށް ކުރިމަތިލާ މީހާ އަކީ އެންމެ ވަރުގަދަ ޢަޤީދާގައި ހިފަހައްޓާ މީހާ ކަމަށް ވާތީ އެވެ. (ލުޤްމާން 22).
ދިރިއުޅުމުގެ މި ހަޔާތުގައި ހައެއްކަ ދޮޅަސް އަހަރު ދިރިއުޅެލާފައި އިންސާނާ އޭނާ ހެއްދެވި ފަރާތަށް އެނބުރި ރުޖޫޢަވާ އިރު އިންސާނާއާ އެފަރާތާ ދެމެދު އޮންނަންވީ ޖަހާލަތުގެ ގުޅުމެއް ހެއްޔެވެ؟ ނޫންނަމަ މަޢުރިފާގެ ގުޅުމެއް ހެއްޔެވެ؟ ދެކޮޅުހެދުމާއި އުރެދުމުގެ ގުޅުމެއް ހެއްޔެވެ؟ ނުވަތަ ބޯލަނބައި ކިޔަމަންވުމުގެ ގުޅުމެއް ހެއްޔެވެ؟ އިންސާނީ ޠަބީޢަތު އޭގެ އަސްލީ ގޮތުގައި ދެމިއޮންނަހާ ހިނދަކު އިންސާނާ އަށް ﷲ ދެނެގަތުމަކީ އެއްވެސް ދަތިކަމެއް ނޫނެވެ. އަދި އެފަރާތުގެ އަމުރުފުޅުތަކަށް ކިޔަމަންވެ ނަހީތަކުން ދުރުހެލިވުމަކީ ވެސް ނުކުރެވޭނެ ކަމެއް ނޫނެވެ.
އިންސާނާ ﷲ އަށް ކިޔަމަންވާކަން އިޢުލާނުކޮށް އެ އިލާހުގެ އަމުރުފުޅުތަކަށް އިޙުތިރާމުކޮށް އެކަލާނގެ ދެއްކެވި މަގުން ހިނގުމަށް ކަނޑައަޅާ ހިނދު އޭނާ އެވަނީ މުޅި ކައުނު ވެސް އެމަގަކުން ހިނގާ މަގަށް ތަބާވެފަ އެވެ. ﷲ ބަޔާންކުރައްވަނީ އުޑުތަކާއި ބިމުގައިވާހާ އެއްޗެއް ރުހުމާއި ނުރުހުމުގައި ވެސް އެކަލާނގެ އަށް "އިސްލާމް" ވާ ކަމަށެވެ. (އާލްޢީމްރާން 83). އަދި އެހުރިހާ ތަކެތި އެކަލާނގެއަށް ސަޖިދަ ޖަހާ ކަމަށެވެ.
މިކަންކަން މިހެން އޮތް އިރު، އިސްލާމް ދީނަކީ ހަމައެކަނި މީގެ ފަނަރަވަރަކަށް ޤަރުނު ކުރިން އަހަރެމެންގެ މާތް ނަބިއްޔާ މުޙައްމަދު ﷺ ގެނެސްދެއްވި ދީނެއް ކަމަށް ގަބޫލު ކުރުމަކީ ކުށެކެވެ. ހަގީގަތަކީ އިސްލާމް ދީނަކީ އެންމެ ފުރަތަމަ މަޚްލޫޤާ ހަމައިން ފެށިގެން އައިސްފައިވާ، ﷲ ގެ ޙަޟްރަތުގައި ބަލައިގަނެވޭ ހަމައެކަނި ދީނެވެ. (އާލްޢިމްރާން 19). މި ދީން މީސްތަކުންނާ ހަމައަށް ވާސިލުވުމުގައި ފުރިހަމަވެގެން ދިޔައީ އެންމެ ފަހުގެ ނަބިއްޔާ ﷺ އާ ހަމައިންނެވެ. ނަމަވެސް މި ނަމަކީ ﷲ ފޮނުއްވި ހުރިހާ ރަސޫލުންގެ ރިސާލަތާ އެކުގައި ވެސް ބޭނުން ކުރެވިފައިވާ ނަމެވެ. ސަލާމްލެއްވި ޔަޢުޤޫބުގެފާނު އެކަލޭގެފާނުގެ ދަރިދަރިކަލުންނަށް (ބަނީ އިސްރާއީލުންނަށް) ވަސިއްޔަތް ކުރެއްވީ އިސްލާމްކަން މަތީ ތިބުމަށެވެ. (އަލްބަޤަރާ 133). ސަލާމްލެއްވި ޢީސާގެފާނު އެކަލޭގެފާނުގެ ތާބިޢީންނަށް އުނގަންނައިދެއްވީ ﷲ އަށް ބޯލަނބައި އިސްތިސްލާމް ވުމަށެވެ. (އަލްމާއިދާ 111). ބާވާލެއްވުނު އެންމެހާ ޙުކުމްތައް ތަންފީޒު ކުރެއްވެވި އެންމެހާ ނަބީ ބޭކަލުންވެސް ސިފަ ކުރެވިފައިވަނީ މުސްލިމުންގެ ގޮތުގަ އެވެ. (އަލްމާއިދަތު 44).
އިސްލާމްކަން ފުރިހަމަ ވަނީ ވަރަށް މުހިންމު ދެކަމެއް ހާސިލުވެގެންނެވެ. އެއްކަމަކީ ސައްހަގޮތުގައި ﷲ މަޢުރިފާ ކުރުމެވެ. އެބަހީ ﷲ ގެ ރުބޫބިއްޔަތާއި އުލޫހިއްޔަތާއި ސިފަފުޅުތައް ރަނގަޅަށް އެނގުމެވެ. މިއިން އެއްވެސް ހައިސިއްޔަތަކުން ﷲ އަށް ބައިވެރިޔަކުވާ ކަމަށް ގަބޫލުކޮށްފިނަމަ ނުވަތަ އެކަން ގަބޫލުކުރާކަމުގެ ޢަމަލެއް ކޮށްފިނަމަ އިސްލާމްވުން ބާތިލުވީ އެވެ. އިސްލާމްކަން ފުރިހަމަ ވުމަށް ބޭނުންވާ ދެވަނަ ކަމަކީ ﷲ ގެ އަމުރުފުޅުތަކަށް ބޯލަނބައި ކިޔަމަންގަތުމާއި ނަހީތަކުން ދުރުހެލިވުމެވެ.
ކީރިތި ޤުރްއާނަށް ނަޒަރު ހިންގާލާއިރު އެތައް އާޔަތްތަކަކުން ކަށަވަރުކޮށްދެނީ ﷲ އަކީ ކައުނުގައިވާ ހުރިހާ ތަކެއްޗެއް އުފައްދަވައި އެތަކެތީގެ ހުރިހާ ކަންކަން ތަދުބީރު ކުރެއްވި ފަރާތް ކަމެވެ. އައްސަވާވޮޑިގެންވާ އަދި ބައްލަވާ ވޮޑިގެންވާ ރަސްކަލާނގެ ކަމެވެ. ރޭދުވާ ބަދަލު ކުރައްވައި ވަޔާއި ވާރޭ ލެއްވެވި ކަލާނގެ ކަމެވެ. މީސްތަކުންނަށް ހިދާޔަތާއި އަލިކަން ދެއްވެވި ކަލާނގެ ކަމެވެ. މިހެންގޮސް ކައުނުގައިވާ ހަމަ ހުރިހާ ކަމެއް ތަދުބީރު ކުރައްވަވާ ކަލާނގެ ކަމެވެ. ވީއިރު މި ފަރާތަށް ބޯލަނބައި ކިޔަމަން ނުވާންވީ ހަމަ އެންމެ ސަބަބެއް ވެސް ނެތެވެ. ﷲ އަށް ޝަރީކު ކުރަން ޖެހޭ ބުއްދީގެ ހަމަ އެއްވެސް ހަމައެއް ނެތެވެ. އަދިކިއެއްތަ، މިފަދަ ޝަރީކެއް ކުރާ ބަޔަކީ ކަނޑައެޅިގެންވާ ބޮޑު ދޮގެއް އެކަލާނގެ އަށް ނިސްބަތް ކުރާ ބައެއް ކަމުގައި ނޫނީ ނުވާނެ އެވެ. މިފަދަ ބަޔަކަށް ކާމިޔާބެއް ނުލިބޭނެ އެވެ. (ޔޫނުސް 68-69).
ﷲ އަށް އިސްތިސްލާމް ވުން ކަމުގައި ބެލެވޭނީ މިފަދައިން ﷲ މަޢުރިފާ ކޮށްގެންނެވެ. ހަމައެއާ އެކު އެ ގަބޫލުކުރުމަށް ޢަމަލީ ސިފަ ގެނެވިގެންނެވެ. އެހެން ނޫންނަމަ ބޯލެނބުން ފުރިހަމައެއް ނުވާނެ އެވެ. ބޯލެނބުމާއި އުރެދުމާ ދެކަން އެކެއް ނުވާނެ އެވެ. ކިޔަމަންވުމާއި އިދިކޮޅުވުމާ ދެކަންވެސް އެކެއް ނުވާނެ އެވެ. ނަމަވެސް މީގެ މާނައަކީ ﷲ އަށް އީމާންވާ މީހަކު ކުށެއް ނުކުރާނެއެކޭ ނޫނެވެ. އަދިކިއެއްތަ، އިންސާނީ ޠަބީޢަތު ނިޔާކުރަނީ އަދި އިންސާނާ ދިރިއުޅެން ޖެހިފައި މިވާ މާހައުލު ނިޔާކުރަނީ އިންސާނާ އަށް ޣާފިލުކަން އަތުވެދާނެ އެތައް ދަނޑިވަޅު ތަކަކާ ދިމާވެދާނެ ކަމެވެ. ނަމަވެސް މުސްލިމަކު އެފަދަ ކަންކަން ކުރާނީ އެކަންކަމަށް ރުހިގެންވާ ހާލުގައެއް ނޫނެވެ. އެހެންވެ ޝައިޠާނުންގެ ފަރާތުން ބީހުމެއް އަޔަސް ތަޤުވާވެރިކަމުގެ އަސަރު ދެމިހުންނަހާ ހިނދަކު ﷲ ގެ މަތިން ހަނދުމަވެ ސީދާމަގަށް ރުޖޫޢަވާނެ އެވެ. (އަލްއަޢުރާފް 201).
މިފަދަ މީހުންނާ މުޢާމަލާތު ކުރެއްވުމުގައި ކީރިތި ނަބިއްޔާ ﷺ ހަމްދަރުދީވެ ވަޑައިގަންނަވަނީ ވެސް އެހެންވެ އެވެ. މިގޮތުން ރާބޮއެ އެއަށް ދެވި ހިފާފައިވާ ޒުވާނަކަށް ލަޢުނަތްލެއްވުން ދޫކޮށްލެއްވި އެވެ. ސަބަބަކީ މިފަދަ މީހަކީ ހަމައެކަނި ކުށެއްގެ ތެރެއަށް ވަގުތީ ގޮތުން ވަދެވިފައިވާ މީހަކަށް ވާތީ އެވެ. އަދި މިފަދަ މީހަކަށް ބޭނުންވާނީ ބަލިމީހަކަށް ފަރުވާދޭ ފަދައިން ފަރުވާދީ ހަމްދަރުދީ ވުން ކަމަށް ވާތީ އެވެ. އެކަމަކު މިއާ ޚިލާފަށް ރާ ހަދަން މޭވާ ހައްދައި، އެ ފެލައި، އެ ވިއްކާނެ ތަންތަން ހަދައި، އޭގެ ވިޔަފާރި ކުރާ މީހަކީ ﷲ އަށް އެއްވެސް ބިރެއް ގަންނަ މީހެއް ނޫނެވެ. އަދި އޭނާ އެކުރާ ކަމަކީ ގޯސްކަމެއް ކަމަށް ގަބޫލުވެސް ނުކުރާ މީހެކެވެ. މިފަދަ މީހަކީ މުޖުރިމެކެވެ. މިފަދަ މީހަކު އިސްލާހު ކުރުމުގައި ޢަމަލުކުރަންޖެހޭ ގޮތް ތަފާތުވާނެ އެވެ.
ވީމާ އިސްލާމް ކަމަކީ އެމީހެއްގެ އަޅުކަމާއި ގުރުބާންވުމާއި ދިރިހުރުމާއި މަރުވުން ޢާލަމްތަކުގެ ވެރި ރަސްކަލާނގެ އަށް ޚާލިޞް ކުރާ މީހާ އެވެ. (އަލްއަންޢާމް 162-163). މާތް ނަބިއްޔާ ﷺ އެކަލޭގެފާނުގެ އުންމަތް ތަރުބިޔަތު ކުރެއްވީ މިގޮތުގެ މަތީގަ އެވެ. ފަތިހުން ފެށިގެން ރޭގަނޑުގެ އަނދިރިކަމާ ޖެހެންދެން ނަމާދު ގާއިމުކުރާ ބައެއްގެ ގޮތުގަ އެވެ. ދިރިއުޅުމުގެ ކޮންމެ މައިދާނެއްގައި ވެސް ﷲ ގެ ރުހިވޮޑިގަތުން ލިބެނިވި ގޮތަށް މެނުވީ މުޢާމަލާތުތައް ނުކުރަން އާދަކުރާ ބައެއްގެ ގޮތުގަ އެވެ. އެމީހުންގެ މެދުގައި ދެބަސްވުމެއް ހިނގައިފިނަމަ އެމާތް ނަބިއްޔާގެ އަރިހުން ހުކުމަކަށް އެދޭ، އަދި އެކަލޭގެފާނު ނިންމަވާ ގޮތަށް ފުރިހަމައަށް އިސްތިސްލާމް ވާ ބައެއްގެ ގޮތުގަ އެވެ. މިފަދައިން އިސްތިސްލާމްވުން ނުވާނަމަ އީމާންނުވާނެ ކަން އެކަލޭގެފާނު ވަނީ ﷲ ގަންދެއްވައި ވިދާޅުވެފަ އެވެ. (އައްނިސާއު 65). މަތިވެރި އިލާހަށް މިފަދައިން އިސްތިސްލާމް ވުމަކީ ޝަރަފެކެވެ. ތެދު ގަބޫލު ކުރުމެވެ. ހައްގަށް ތަބާވުމެވެ. އިސްލާމް ކަމަކީ މި އެވެ.