15 އެޕްރީލް 2021 - 13:30

މީގެ އަހަރެއް ކުރިން މިއަދަކީ މިއިން ދުވަހަކު ވެސް މާލޭ ސަރަހައްދުން ނުފެންނަ އެތައް ކަމެއް ތަޖުރިބާ ކުރަން މަޖުބޫރުވި ދުވަހެކެވެ. މާލެއިން ބަލި ފެނިދާނެ ހާލަތަކަށް އޮތީ ތައްޔާރަށް ކަމަށް ކުރިން ބުނަމުން އަޔަސް، އެކަމަށް ތައްޔާރު ނޫންކަން މުޅި މާލެއަށް ނަޒަރު ހިންގާލިޔަސް ފެނިގެންދިޔަ އެވެ. އައި ކުއްލި ޝޮކާ އެކު މުޅި މާލެ "ބަންދުކޮށްލުމާ އެކު" ކަންކަން ބޮއްސުންލައިގެން ދިޔަ އެވެ.

މާލެއިން ފުރަތަމަ މީހާ ޕޮޒިޓިވްވި ހަބަރު އިވުމާ އެކު އެންމެން ތިބީ ދެން ވާނެ ގޮތެއް ބަލަން ޓީވީތައް ދޮށުގަ އެވެ. މާ ގިނައިރުތަކެއް ނުވެ، މުޅި މާލެ ބަންދުކުރަން ނިންމައި، އެކަމަށް ތައްޔާރުވުމަށް އެންމެން ވެސް ވަގުތުކޮޅެއް ދިނެވެ. ދެ ލައްކައެއްހާ މީހުން ދިރިއުޅޭ މި މާލޭގެ މީހުން ދުއްވައިގަތީ އަވަހަށް ޒަރޫރީ ސާމާނު ގަތުމަށް ފިހާރަތަކަށެވެ.

ގޭގައި ބަންދުވެފައި އިންނަން ޖެހޭނީ ކިތައް ދުވަހުކަން ވެސް އޭރު ނޭނގެ އެވެ. އެހެންވެ ބޭނުންވާ ސާމާނު ގަތުމަށް ފިހާރަތަކުގެ ބޭރުގައި އެތައް ބަޔަކު ކިއުގައި ޖެހުނެވެ. ގެއަށް ބޭނުންވާ ސާމާނު ގަނެ ނުނިމި އުޅެނިކޮށް، ދިން ވަގުތު ހަމަވެ، އެ ދުވަހުގެ ހަވީރު ފުލުހުން ވަނީ އެންމެން ވެސް ގެއަށް ވަނުމަށް އަޑުގަދަ ކުރާ ބޭނުންކޮށްގެން ގޮވަން ފަށައިފަ އެވެ.

ކޮންމެއަކަސް، ބޭނުންވާ ސާމާނު ނުލިބި އުޅެނިކޮށް، ގެއަށް ވަންނަން ޖެހުމުގެ މާޔޫސްކަމުގައި ތިބި މީހުންނަށް ދެން ވެސް ކަންކަން ވަމުންދިޔައީ ހަމަ މާޔޫސްކަން އިތުރުވާ ގޮތް ގޮތަށެވެ. ހޯމް ޑެލިވަރީގެ ހިދުމަތަށް ތައްޔާރަށް އޮތް ކަމަށް ލޮކްޑައުންގެ ކުރިން ބުނަމުން އަޔަސް، އެ ކަމެއް އެ ދުވަހު ނުފެނުނެވެ.
އެ ދުވަހުގެ ހަނދާންތައް އާކުރަމުން މީހަކު ބުނީ، ގެއަށް ބޭނުންވާ ސާމާނަށް ހެނދުނު އޯޑަރު ކުރުމުން އެ ލިބެނީ ހަވީރުވި ފަހުން ކަމަށެވެ. އަދި ފިހާރަތަކަށް އޯޑަރުދޭން ގުޅުމުން ފޯނު ނުނަގައި މައްސަލަ އާއި، ފޯނު ނެގިޔަސް އޯޑަރު ނަގަން ދެކޮޅު ހަދައި މައްސަލަތައް ދިމާވި ކަމަށް ބުންޏެވެ. އޭނާ ސިފަ ކުރީ އެއީ އުނދަގޫ ދަތި ދުވަސްތަކެއްގެ ގޮތުގަ އެވެ.
ގޭގައި ރައްޔިތުން ބަންދުކޮށް، ގެއަށް ބޭނުންވާ ކާނެބޯނެ ސާމާނުކޮޅު ނުލިބުމުން ރައްޔިތުނަށް ކެތްވީ ވަކި ވަރަކަށެވެ. ރުޅިގަނޑު ފަޅަައިގެން ގޮސް އެކަމުގެ ޝަކުވާތައް އެތައް ބަޔަކު ކުރަން ފެށި އެވެ.
މި ލޮކްޑައުންގެ އުފާވެރިކަން ލިބުނީ މަދު ބަޔަކަށެވެ. އެއީ ޗުއްޓީއެއް ނުނަގައި، އަނބިދަރިންނާއި އާއިލާއާއެކު ޗުއްޓީއެއް ހޭދަކުރަން ކެތްމަދުވެފައި ތިބި މީހުންނެވެ. ބިޒީ ދިރިއުޅުމެއްގައި އުޅެން ޖެހުމުން އެ ފުރުސަތު ނުލިބުނު މީހުންނަށް ލޮކްޑައުން ވެގެން ދިޔައީ އީދަކަށެވެ.
ރިސޯޓެއްގައި މަސައްކަތް ކުރަމުން އައި ޒުވާނަކު ބުނި ގޮތުގައި ކޮވިޑާއެކު އޭނާ މަސައްކަތް ކުރަމުން އައި ރިސޯޓު ބަންދުކުރުމުން އާމްދަނީ ލިބޭނެ މަގު ބަންދުވި އެވެ. އެކަމަކު ހިތްހަމަޖެހުމެއް ލިބުނު އަނެއް ކަމަކީ ރަށުގައި އާއިލާއާ އެކު ވަގުތުކޮޅެއް ހޭދަކޮށްލަން ފުރުސަތު ލިބުމެވެ. އެހެންވެ، މިއީ ހިތި ތަޖުރިބާއެއްގެ ގޮތުގައި ސިފަ ކުރަން އޭނާ ބޭނުމެއް ނުވެ އެވެ.
އެކަމަކު މާލޭގައި ތޮއްޖެހިގެން ދިރިއުޅުނު މީހުންނަށް މިއީ ހަމަ އިތުރު ތަކުލީފާކާއި ވޭނެކެވެ. އެއް ކޮޓަރިއެއްގެ ތެރޭގައި ކައި ބޮއެ ހަދައި އެތައް އާއިލާއެއް މިތަނުގައި ދަނީ ދިރިއުޅެމުންނެވެ. ސްކޫލުތަކާއި އޮފީސްތައް ބަންދުވުމުގެ ނަތީޖާއަކީ އެ ތަންކޮޅުގެ ތެރޭގައި ތާށިވެފައި ތިބެން އެ އެންމެނަށް މަޖުބޫރުވުމެވެ. އާއިލީ މައްސަލަތައް އިތުރުވެ، ދެމަފިރިން ވަރި ފަށަށް އަރާއި ހިސާބަށް ބައެއް އާއިލާތަކުގެ ކަންތައް ދިޔަ އެވެ. ލޯބިވެރިންނާއި އާއިލާ މީހުންނާ ބައްދަލުނުވެ، ގޭތެރޭގެ މައްސަލަތަކުގައި ތާށިވެފައި ތިބެގެން، އޮންލައިންކޮށް މަސައްކަތް ކުރަން ޖެހުން ވެސް ވީ ގޭތެރޭގައި ތިބި މީހުންނަށް ހަމަ ވޭނަކަށެވެ.
ދިހަ ބާރަ ބުރިއަށް ނަގާފައިވާ ކުދިކުދި އެޕާޓްމަންޓްތަކުގައި ގިނަ ބަޔަކު ދިރިއުޅެމުން އަންނައިރު، ގިނަ ގޭގެއަކީ ގޯޅިތަކުގެ ތެރެއަށް ހުންނަ ގެތަކެއް ކަމުން، ކުޑަަ ދޮރަކުން ބޭރަށް ބަލައިލައި ބޯހަމަ ޖައްސާލަން ވެސް ފުރުސަތެއް ނުލިބުނެވެ. މިކަމުގެ ތެރެއިން މީހާ ނަފްސާނީ ބައްޔަށް ހުށަހެޅޭ މިންވަރު އިތުރުވިކަން ޖެންޑާ މިނިސްޓަރު ވެސް ކުރިން ވިދާޅުވެފައިވެ އެވެ.
އެންމެ ފަހުން މިވޭނުގައި ކެތްނުވެގެން، ބައެއް މީހުން، ގޯޅިތަކަށް ނިކުމެ، މީހުންނާ ވާހަކަ ދައްކާލަން ތިބޭ މަންޒަރު ވެސް ފެންނަން ފެށި އެވެ.
"ފުރަތަމަ ދުވަސްކޮޅު ގޭގަ އޮންނަން ވެސް ހަމަ އޯކޭވި، އެކަމަކު ދުވަސްވާ ވަަރަކަށް ގެއިން ބޭރަށް ނިކުންނަންވީ. އަސްލު މާލެ ކަހަލަ ތަނެއްގަ ކުޑަ ތަންކޮޅެއްގެ ތެރޭގަ އެހާ ގިނަ ބަޔަކު މިއުޅެނީ. ދެބަސްވާ ކަންކަން ހިނގީމަ ބޭރަށް ޖައްސާލަން ބޭނުންވިޔަސް ދެން ގޮތެއް ނެތީމަ ގޭގަ ހަމަ ތިބެނީ. ވަރަށް ބޯގޮވި ދުވަސްކޮޅެއް އެއީ."
އަނެއް ބަޔަކު، ގޭގައި ބަންދުވެފައި ތިބެން ޖެހުމުން، ތަފާތު އެކި މަސައްކަތްތައް ކުރަން ފެށި އެވެ. ކުރެހުމާއި ފެހުމާއި ގަސް އިންދުމާއި ކެއްކުން ފަދަ ތަފާތު މަސައްކަތްތައް ގޭތެރޭގައި ފަށައި ހަމަޖެހުން ހޯދަން މަސައްކަތް ފެށި އެވެ.
ޖުމްލަ 43 ދުވަސް މިފަދަ ގޮތަކަށް މާލޭގައި ހޭދަކުރަން ޖެހުމުން، ގިނަ ބަޔަކު މި ހަނދާންތައް ސިފަކުރަނީ ހިތި ހަނދާންތަކެއްގެ ގޮތުގަ އެވެ. ވޭނާއި މާޔޫސްކަމުން ފުރިފައިވާ ދުވަސްތަކެއްގެ ގޮތުގަ އެވެ. އަލުން އަނބުރާ ލޮކްޑައުނަށް ދާން ވެސް ބޭނުން ނުވަނީ އެވެ.