15 އެޕްރީލް 2021 - 12:19

ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މަދުވަމުންދާ ސީދާ ސަބަބެއް އަދި ބުނަން ނޭނގޭ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖަންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
މި މަސް ފެށުނު ދުވާލަކު ކޮވިޑް ޖެހޭ މީހުންގެ އަދަދު ހުރީ 300 ގައެވެ. އަދި އޭގެ ފަހުން ކޮވިޑް ކޭސްތައް ހުރީ 100 އާއި 150 އާ ދެމެދުގައި ހިފެހެއްޓިފަ އެވެ. އެ ދުވަސްވަރު ދުވާލަކު 3،000 އަށް ވުރެ ގިނަ މީހުން ޓެސްޓް ކުރެ އެވެ.
އޭގެ ފަހުން ކޮވިޑްއާ ގުޅިގެން އަޅާފައިވާ ބޮޑެތި ފިޔަވަޅުތައް ލޯކަލް ކައުންސިލް އިންތިހާބަށް ދޫކޮށްލުމާ ގުޅިގެން ކޭސްތައް ވަރަށް ބޮޑަށް އިތުރުވާނެ ކަމަށް ލަފާ ކުރެވުނު ނަމަވެސް މިހާރު ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އަންނަނީ ދަށްވަމުންނެވެ.
އެގޮތުން ވޭތުވެދިޔަ ހަފްތާއެއްހާ ދުވަސް ތެރޭ ކޮވިޑް ޖެހުނު މީހުންގެ އަދަދު ހުރީ 90 އާއި 50 އާ ދެމެދުގަ އެވެ. އެޗްޕީއޭ އިން މިހާރު އާންމު ކުރާ ހިސާބުތަކުން ދައްކާ ގޮތުން ދުވާލަކަށް ޓެސްޓް ކުރާ މީހުންގެ އަދަދު އުޅެނީ 3،000 ދަށުގަ އެވެ.
އެކަމާ ގުޅޭ ގޮތުން "މިހާރު" އިން ސުވާލު ކުރުމުން ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލް ތަސްލީމާ އުސްމާން ވިދާޅުވީ ކޮވިޑް ކޭސްތައް މަދުވާ ސަބަބު އަދި ސާފުކޮށް ބުނަން ނޭނގޭ ކަމަށާއި މާލެއިންނާއި ރަށްރަށުން ވެސް ކޭސްތައް މަދުވަމުންދާ ކަމަށެވެ.
އިންތިހާބުން ކުރި އަސަރެއް ފެންނަން އަދި ދެ ހަފްތާ ވަރު ނަގާނެ ކަމަށާއި އިންތިހާބާ ގުޅިގެން އެޗްޕީއޭއިން ނެރެފައިވާ ގައިޑްލައިންތަކަށް ރަނގަޅަށް އަމަލުކޮށްފައިވާ ނަމަ އިތުރު ރާޅެއް އައުމުގެ ފުރުސަތު ކުޑަ ކަމަށް ވެސް ތަސްލީމާ ވިދާޅުވި އެވެ.
ނަމަވެސް ރޯދަ މަހުގައި ގެތަކުގައި މީހުން އެއްވެ އުޅޭ މިންވަރާ ގުޅިގެން ވެސް ޕޮޒިޓިވްވާ ރޭޓަށް ބަދަލުތަކެއް އައިސްފާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އިންތިހާބަށް އެޗްޕީއޭ އިން ވަނީ ކަރަންޓީން ނުވެ، ވޯޓު ލާން ރަށްރަށަށް ދަތުރު ކުރުމުގެ ހުއްދަ ދީފަ އެވެ. އެ ފުރުސަތުގެ ބޭނުން ހިފައިގެން ގިނަ އަދަދެއްގެ މީހުން މިދިޔަ ހޮނިހިރު ދުވަހު ރަށްރަށަށް ދަތުރު ކުރި އެވެ.
އޭގެ އިތުރުން ކެމްޕެއިނަށް ގިނަ ބަޔަކު އެއްވެ އުޅުމާއި މާލެ އާއި ރާއްޖޭގެ ރަށްރަށުގައި ރެލީތައް ވެސް ބާއްވަން އޮތީ ދޫކޮށްލައިފަ އެވެ.