15 އެޕްރީލް 2021 - 12:33

ޖެނީވާ (އެޕްރީލް 15) - މެދުއިރުމައްޗާއި އުތުރު އެފްރިކާގައި ރޯދަ މަހު ކޮވިޑް ކޭސްތައް އިތުރުވެދާނެތީ ކަންބޮޑުވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ބުނެފި އެވެ.

ޑަބްލިއުއެޗްއޯގެ އީސްޓަން މެޑިޓެރޭނިއަންގެ ވެރިޔާ އަހުމަދު އަލް މަންދާރީ ވިދާޅުވީ އެ ސަރަހައްދުގައި ވޭތުވެދިޔަ ހަފުތާގައި ކޮވިޑް ކޭސްތައް 17 ޕަސެންޓް އިތުރުވި ކަމަށެވެ.
"މިހާރުގެ ހާލަތު ރޯދަ މަހު އިތުރަށް ގޯސްވެދާނެތީ ކަންބޮޑުވޭ. ކޮވިޑުން ރައްކާތެރިވުމުގެ ފިޔަވަޅުތަކަށް މި ދުވަސްވަރު އެހާ ބޮޑަށް މީހުންނަށް ސަމާލު ކަމެއް ނުދެވޭ،" އޮންލައިން ނިއުސް ކޮންފަރެންސެއްގައި އޭނާ ވިދާޅުވި އެވެ.
ދުނިޔޭގެ ގިނަ ގައުމުތަކުގައި ރޯދަ މަސް ފަށާފައި ވަނީ އަންގާރަ ދުވަހު އެވެ. ރޯދަ ވީއްލާ ވަގުތަކީ އާއިލާ އާއި ރަހުމަތްތެރިން އެއްތަންވެ ގައިގޯޅިކޮށް އުޅޭ ވަގުތެކެވެ.
ޑަބްލިއުއެޗްއޯގެ އިމަޖެންސީ ޕްރިޕެއާޑްނެސްގެ ރީޖަނަލް ވެރިޔާ ދާލިއާ ސަމްހޫރީ ވިދާޅުވީ ރޯދަ މަހު މިސްކިތްތަކުގައި ވެސް ގައިދުރު ކަމާއި ރަނގަޅަށް ވެންޓިލޭޓް ކުރެވޭނެ ގޮތާއި ގަވާއިދުން ޑިސްއިންފެކްޓް ކުރެވޭނެ އިންތިޒާމް ހަމަޖެހިފައި ހުރުން މުހިންމު ކަމަށެވެ. ބަލި މީހުންނާއި އުމުރުން ދުވަސްވީ މީހުން ރޯދަ މަހު މިސްކިތްތަކަށް ނުދިއުމަށް އޭނާ އިލްތިމާސް ކުރެއްވި އެވެ.