14 އެޕްރީލް 2021 - 17:28

ގައުމީ އެއާލައިން މޯލްޑިވިއަން އިން އެ ކުންފުނީގެ އަހަރީ ދުވަސް ފާހަގަ ކުރުމަށް ކުޑަކުދިންގެ ހިޔާގެ ކުދިންނަށް އިއްޔެ ރޯދަ ވީއްލުމެއް ދީފި އެވެ.
އައިލެންޑް އޭވިއޭޝަންގެ ޕީއާރު މެނޭޖަރު މޫސާ ވަސީމް ވިދާޅުވީ ކޮންމެ އަހަރަކު ވެސް އެ ކުންފުނީގެ އަހަރީ ދުވަސް ވަރަށް ކުލަގަދަކޮށް ފާހަގަކުރަމުން އައިސް ކޮވިޑް-19ގެ ސަބަބުން މިދިޔަ އަހަރާއި މި އަހަރު އެގޮތަށް ފަހާގަ ކުރެވެން ނެތް ނަމަވެސް ތަފާތު ގޮތަކަށް އެ ދުވަސް ފާހަގަ ކުރަން ނިންމީ ކަމަށެވެ.
"އަހަރީ ދުވަހާއި ރޯދަމަހާ ދިމާވީމަ އަޅުގަނޑުމެން ނިންމީ މިގޮތަށް ރޯދަ ވީއްލުމެއް ދޭން. މިދިޔަ އަހަރު ލޮކްޑައުން ތެރެ ވީމަ އެއްވެސް ކަމެއް ނުކުރެވުނު،" މޫސަ ވިދާޅުވި އެވެ.
މޯލްޑިވިއަންގެ 21 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގައި ކުޑަކުދިންގެ ހިޔާގެ ކުދިން ބައިވެރިކުރުމުން ހިޔާގެ ސީއީއޯ މޫމިނާ އާދަމް ވަނީ އެ ކުންފުންޏަށް ޝުކުރު އަދާކުރައްވައިފަ އެވެ.
މޫސަ ވިދާޅުވިގޮތުގައި އެ ކުންފުނީގެ އަހަރީ ދުވަސް ފާހަގަ ކުރުމަށް މި އަހަރު އިތުރު ތަފާތު ހަރަކާތްތައް ކުރިއަށް ގެންދާނެ އެވެ. މީގެ ތެރޭގައި ކުންފުނީގެ މުވައްޒަފުންނާއި ކަސްޓަމަރުންނަށް ހާއްސަ ކަންކަން ހިމެނޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.