ވެކްސިން ޖެހި މުސްލިމުންނާ އެކު ރޯދަ މަހު ހަރަމްފުޅު "ފަޅުފިލައިފި"
ވެކްސިން ޖެހި މުސްލިމުންނާ އެކު ރޯދަ މަހު ހަރަމްފުޅު "ފަޅުފިލައިފި"

މައްކާ (އެޕްރީލް 14) - ކޮރޯނާވައިރަސް ފެތުރޭތީ މިދިޔަ އަހަރުގެ ރޯދަ މަހު މައްކާގެ ހަރަމްފުޅު އުމްރާވެރިންނަށް ބަންދުކޮށްފައިވީ ނަމަވެސް މި އަހަރު ފެންނަނީ ތަފާތު މަންޒަރެކެވެ. ވެކްސިން ޖަހާފައިވާ މުސްލިމުންނާ އެކު ހަރަމްފުޅުގައި މި އަހަރު ރޯދަ މަހު ގިނަ އަދަދެއްގެ މުސްލިމުންނަށް އަޅުކަން ކުރެވޭނެ އިންތިޒާމް ވަނީ ހަމަޖައްސައިފަ އެވެ.

ސައުދީ އަރަބިޔާ އިން ހަމަޖައްސާފައި ވަނީ ވެކްސިން ޖަހާފައިވާ މީހުންނަށް އެކަނި ހަރަމްފުޅުގައި އަޅުކަން ކުރެވޭ ގޮތަށެވެ.

ސައުދީގެ ހައްޖާއި އުމްރާއާ ބެހޭ މިނިސްޓްރީން ބުނީ ވެކްސިން ޖަހާފައިވާ ކަމަށް ކަނޑައަޅާނީ ތިން ކެޓަގަރީއަކަށް ފެތޭ މީހުން ކަމަށެވެ؛ އެއީ ކޮރޯނާވައިރަހުގެ ދެ ޑޯޒް ޖަހާފައިވާ މީހުންނާއި އެއް ޑޯޒް ޖެހުމަށް ފަހު 14 ދުވަސްވެފައިވާ މީހުންން އަދި ކޮވިޑް ޖެހި ރަނގަޅުވެފައިވާ މީހުންނެވެ. މިނިސްޓްރީން ބުނީ އުމްރާ ކުރުމާއި މައްކާގެ ހަރަމްފުޅުގައި ނަމާދު ކުރުމުގެ ފުރުސަތު ދޭނީ މި ކެޓަރީތަކަށް ފެތޭ މީހުންނަށް އެކަނި ކަމަށެވެ. މަދީނާގައި ހުންނަ ކީރިތި ރަސޫލާގެ މިސްކިތަށް ވެސް މި އުސޫލު ހިނގާނެ ކަމަށް ބުނެފައިވެ އެވެ.

އުމްރާގެ އަޅުކަމަށް ގެނައި ބަދަލާ އެކު ހަރަމްފުޅުގައި ރޯދަ މަހު އުމްރާ ކުރާ މީހުންގެ އަދަދު ވަނީ ދުވާލަކު 50،000 އަށް އިތުރުކޮށްފަ އެވެ. އަދި ހަރަމްފުޅުގައި 100،0000 މީހުންނަށް ނަމާދު ކުރެވޭނެ ގޮތް ވެސް ވަނީ ހަމަޖައްސައިފަ އެވެ. ނަމަވެސް ހައްޖުގެ އަޅުކަމުގައި އޮންނަ އުސޫލް އަދި ހާމަކޮށްފައެއް ނުވެ އެވެ.

ކޮރޯނާވައިރަސް ފެތުރޭތީ ސައުދީން މިދިޔަ އަހަރު ހައްޖުގެ އަޅުކަން އަދާކޮށްފައި ވަނީ ވަރަށް މަދު ބަޔަކާ އެކު އެވެ. ރަސްގެފާން ސަލްމާން މިދިޔަ މަހު ވަނީ ހައްޖު މިނިސްޓަރު މުހައްމަދު ބަންތަންގެ ބަދަލުގައި އީސަމް ބިން ސައިދަށް ހައްޖު މިނިސްޓްރީ ހަވާލު ކުރައްވައިފަ އެވެ.

ސައުދީން މިހާތަނަށް ވަނީ 400،000 މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ 6،700 މީހުން މަރުވެފަ އެވެ.