އެމެރިކާގައި ރައީސް ހޮވާ ގޮތް ވަރަށް ބޭއިންސާފު: ޓްރަމްޕް
އެމެރިކާގައި ރައީސް ހޮވާ ގޮތް ވަރަށް ބޭއިންސާފު: ޓްރަމްޕް

ވޮޝިންޓަން (ނޮވެމްބަރު 16) - އެމެރިކާގައި ރައީސް ހޮވާ ގޮތް ވަރަށް ބޭ އިންސާފު ކަމަށާއި އޭނާ ވެސް ތާއީދު ކުރަނީ މުޅި ރައްޔިތުންގެ އެންމެ ގިނަ ވޯޓު ލިބޭ ކެންޑިޑޭޓަކު ވެރިކަމަށް ގެންނަން ކަމަށް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

އެމެރިކާގައި ރައީސް ހޮވާ ގޮތް ވަރަށް ބޭއިންސާފު: ޓްރަމްޕް
އެމެރިކާގައި ރައީސް ހޮވާ ގޮތް ވަރަށް ބޭއިންސާފު: ޓްރަމްޕް

އެމެރިކާގެ އިންތިޚާބުގައި މިފަހަރު ވޯޓުލީ މީހުންގެ 47.9 ޕަސެންޓް ނުވަތަ 61،329،657 ވޯޓު ލިބިވަޑައިގެންނެވީ ހިލަރީ ކްލިންޓަނަށެވެ. ޓްރަމްޕަށް ލިބިވަޑައިގެންނެވީ 47.2 ޕަސެންޓް ނުވަތަ 60،530،867 ވޯޓެވެ. ހިލަރީ އަށް ގާތްގަނޑަކަށް އަށް ލައްކައެއްހާ ވޯޓު އިތުރަށް ލިބިވަޑައިގެންނެވި ނަމަވެސް ޓްރަމްޕަށް ވެރިކަމަށް ވަޑައިގެންނެވުނީ އެމެރިކާގެ ނިޒާމް އޮންނަ ގޮތުން އިލެކްޓޯރަލް ކޮލެޖް ވޯޓު ކާމިޔާބު ކުރައްވައިގެންނެވެ. ޓްރަމްޕަށް ވަނީ 538 އިލެކްޓޯރަލް ކޮލެޖް ވޯޓުގެ ތެރޭން 290 އިލެކްޓޯރަލް ވޯޓު ލިބިވަޑައިގެންފަ އެވެ. ހިލަރީ އަށް ލިބިވަޑައިގެންނެވީ 232 އިލެކްޓޯރަލް ވޯޓެވެ.

އެމެރިކާގައި ރައީސް ހޮވާ ގޮތް ވަރަށް ބޭއިންސާފު: ޓްރަމްޕް
އެމެރިކާގައި ރައީސް ހޮވާ ގޮތް ވަރަށް ބޭއިންސާފު: ޓްރަމްޕް

އެމެރިކާގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ 231.5 މިލިއަން މީހުންގެ ތެރޭން 134.5 މިލިއަން މީހުން ނުވަތަ 58.1 ޕަސެންޓް މި ފަހަރު ވަނީ ވޯޓުދީފަ އެވެ. ވޯޓުލީ ދުވަހުގެ ކުރިން ވޯޓުލުން ނުވަތަ އާލީ ވޯޓިންގައި ވަނީ ގާތްގަނޑަކަށް 46 މިލިއަން މީހުން ވޯޓުދީފަ އެވެ.

އެމެރިކާގައި ރައީސް ހޮވާ ގޮތް ވަރަށް ބޭއިންސާފު: ޓްރަމްޕް
އެމެރިކާގައި ރައީސް ހޮވާ ގޮތް ވަރަށް ބޭއިންސާފު: ޓްރަމްޕް

ޓްރަމްޕް ވިދާޅުވީ މުޅި ރައްޔިތުންގެ އެންމެ ގިނަ ވޯޓު ނުވަތަ ޕޮޕިއުލާ ވޯޓު ކާމިޔާބު ކުރަން އޭނާ ކެމްޕޭން ކުރި އެ ވޯޓު ވެސް ހޯދީސް ކަމަށެވެ. އެއީ ހިލަރީ އަށް ކާމިޔާބު ލިބުނު ބޮޑެތި ސްޓޭޓްތަކުގައި އިތުރަށް ކެމްޕޭންކޮށްގެން ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. މިސާލެއްގެ ގޮތުން ޓްރަމްޕް ވަނީ ނިއު ޔޯކާއި ފްލޮރިޑާ އަދި ކެލިފޯނިއާގައި ވަރުގަދަ އަށް ކެމްޕޭންކޮށްގެން އެ ސްޓޭޓުތަކުގެ ވޯޓު ކާމިޔާބުކުރީސް ކަމަށް ވިދާޅުވެފަ އެވެ. ނިއު ޔޯކާއި ކެލިފޯނިއާގެ ވޯޓު ކާމިޔާބު ކުރެއްވީ ހިލަރީ އެވެ.

ސީބީއެސް ނިއުސް އަށް ޓްރަމްޕް ދެއްވި އިންޓަވިއުގައި ވަނީ އެމެރިކާގައި ރައީސަކު ހޮވާ އިލެކްޓޯރަލް ކޮލެޖް ސިސްޓަމް ކަމުނުދާ ކަމަށް ވިދާޅުވެފަ އެވެ. އޭގެ ބަދަލުގައި އޭނާ ތާއީދު ކުރަނީ ރައްޔިތުންގެ އެންމެ ގިނަ ވޯޓު ލިބޭ ކެންޑިޑޭޓަކު ވެރިކަމަށް ގެންނަން ކަމަށް ވިދާޅުވި އެވެ. ކޮލެޖް ސިސްޓަމް ކަމުނުދިޔަ ނަމަވެސް އެ ނިޒާމަށް ވެސް "އިހުތިރާމް" ކުރާ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

ޓްރަމްޕް ވަނީ މީގެ ކުރިން ވެސް އެމެރިކާގައި ރައީސަކު ހޮވާ ގޮތަށް ފާޑު ވިދާޅުވެފަ އެވެ. އެމެރިކާގައި 2012 ވަނަ އަހަރު ބޭއްވި އިންތިޚާބާ ގުޅިގެން ޓްރަމްޕް ވަނީ އެ ފަހަރު ވާދަކުރި މިޓް ރޮމްނީ އަށް އޮބާމާ އަށް ވުރެ ގިނަ ވޯޓު ލިބުނު ކަމަށް ވިދާޅުވެ މައުލޫމާތުގެ ނުބައި ޓްވީޓެއް ކުރައްވައިފަ އެވެ.

"އޮބާމާ އަށް ވަނީ ރައްޔިތުންގެ ވޯޓު އެތައް ތަނެއް މަދުން ލިބިފައި، އެކަމަކު އޭނާ އިންތިޚާބު ކާމިޔާބުކޮށްފި. މި ނިޒާމަށް އެބަޖެހޭ އިންގިލާބީ ބަދަލެއް ގެންނަން،" ޓްރަމްޕް ވިދާޅުވެފައިވެ އެވެ.

އެފަހަރުގެ ނަތީޖާ އިއުލާންކުރި ރޭ ޓްރަމްޕް ކުރެއްވި އެހެން ޓްވީޓެއްގައި ވަނީ "އިލެކްޓޯރަލް ކޮލެޖް ވޯޓަކީ ޑިމޮކްރެސީ އަށް ހުރި ބޮޑު މުސީބާތެއް ކަމަށް" ވިދާޅުވެފަ އެެވެ.

ޑިމޮކްރެޓިކް ޕްރައިމަރީގައި ހިލަރީއާ ވާދަކުރެއްވި ސެނޭޓާ ބާނީ ސެންޑާސް ވެސް ވަނީ އިލެކްޓޯރަލް ކޮލެޖް ސިސްޓަމާ މެދު ސުވާލު އުފައްދަވައިފަ އެވެ. ޔޫއެސްއޭ ޓުޑޭ އަށް ދެއްވި އިންޓަވިއުއެއްގައި ސެންޑާސް ވަނީ އިލެކްޓޯރަލް ކޮލެޖް ވޯޓާ މެދު އަލުން ވިސްނާ އެ ނިޒާމް ބަދަލު ކުރަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

އެމެރިކާގައި މިހާރު އޮންނަ ނިޒާމަކީ އެ ގައުމުގެ ބައެއް މީހުން ވެސް ހިތްހަމަ ޖެހޭ ނިޒާމެއް ނޫނެވެ. ކޮލަމްބިއާ ޔުނިވާސިޓީގެ ޕޮލިޓިކަލް ސައެންސް ޕްރޮފެސާ ރޮބާޓް ޝަޕިރޯ ވިދާޅުވީ ގިނަ މީހުންނަށް އޮޅުންގަނޑެއްގެ ތެރޭގައި އޮންނަ ނިޒާމް އުވާލުމަށް ގޮވާލާ އަޑުތައް މިހާރު އިތުރު ކަމަށެވެ.

އޭނާ ވިދާޅުވީ އިލެކްޓޯރަލް ކޮލެޖް ވޯޓު އުވާލުމަށް އެމެރިކާގެ ގާނޫނު އަސާސީ އަށް ބަދަލު ގެންނަން ޖެހޭނެ ކަމަށެވެ. މިއީ ކުރަން ފަސޭހަ ކަމަކަށް ނުވާނެ އެވެ. އަނެއް ބަޔަކު ބުނަނީ ރައްޔިތުންގެ ގިނަ ވޯޓު ލިބޭ ކެންޑިޑޭޓަކަށް ވެރިކަން ނުލިބުމުން އާއްމުވާ ނަމަ އެމެރިކާގައި އޮތް ޑިމޮކްރެޓިކް ނިޒާމާ މެދު މީހުން ސުވާލު އުފައްދާނެ ކަމަށެވެ.

ޑިމޮކްރެސީގެ އަސާސަކީ އެކަކަށް އެއް ވޯޓް ނަމަވެސް އެމެރިކާގެ ގާނޫނު އަސާސީ ބުނާ ގޮތުން ރައްޔިތުންގެ ސީދާ ވޯޓުން ވެރި މީހާ އިންތިޚާބެއް ނުކުރެވެ އެވެ. ރައްޔިތުން ވޯޓުލާ އިރު ވޯޓު ކަރުދާހުގައި ނަން ނެތް ނަމަވެސް ކޮންމެ ސްޓޭޓަކުން ވެސް "އިލެކްޓާސް" ހޮވާނެ އެވެ. ސްޓޭޓުގެ ޕޮޕިއުލާ ވޯޓު ލިބޭ ކެންޑިޑޭޓަކަށް އެ ސްޓޭޓުގެ ކޮލެޖް ވޯޓު ވެސް ލިބޭނެ އެވެ. ސްޓޭޓްތަކުގެ އިލެކްޓާސް ބިނާވެފައި ވަނީ ކޮންގްރެސްގައި މެންބަރުން ހިމެނޭ އަދަދަށެވެ. މިސާލަކަށް ދެ ވަނަ އަށް އެންމެ ބައިބޯ ޓެކްސަސްގައި 38 އިލެކްޓޯރަލް ވޯޓް ހިމެނެ އެވެ. އެ ސްޓޭޓުގެ ވޯޓު ކާމިޔާބު ކުރާ ފަރާތަކަށް ހުރިހާ އިލެކްޓޯރަލް ވޯޓެއް ލިބެ އެވެ. ޓެކްސަސްގެ ވޯޓު 53-43 ޕަސެންޓުން ޓްރަމްޕް ކާމިޔާބު ކުރެއްވުމުން އެ ސްޓޭޓުގެ 38 އިލެކްޓޯރަލް ވޯޓު ވަނީ ޓްރަމްޕަށް ލިބިވަޑައިގެންފަ އެވެ. އިލެކްޓާސް އަކީ ޕާޓީތަކަށް ވަރަށް ވަފާތެރި ބަޔަކަށް ވާތީ އެ މީހުންގެ ވޯޓު ޕާޓީގެ ކެންޑިޑޭޓަށް ނޫން މީހަކަށް ލިބުމަކީ ނާދިރު ކަމެކެވެ.

ރައްޔިތުންގެ އެންމެ ގިނަ މީހުންގެ ވޯޓު ލިބިވަޑައިގެންނެވި ނަމަވެސް ޑިމޮކްރެޓިކް ކެންޑިޑޭޓް އަލް ގޯ އަށް ވަނީ 2000 ވަނަ އަހަރު ވެރިކަމަށް އާދެވޭ ގޮތް ނުވެފަ އެވެ. އެކަމަކު މައްސަލަ ޖެހުނު ފްލޮރިޑާގެ ވޯޓު އަލުން ގުނާ އެ ސްޓޭޓުގެ އިލެކްޓޯރަލް ވޯޓު ލިބުމާ އެކު ވެރިކަމަށް ވަޑައިގެންނެވީ ޖޯޖް ޑަބްލިއު. ބުޝް އެވެ. އަލް ގޯ އެ ފަހަރު ވަނީ ރައްޔިތުންގެ ވޯޓުގެ 48.4 ޕަސެންޓް ހޯއްދަވައިފަ އެވެ. ބުޝް އަށް ލިބިވަޑައިގެންނެވީ 47.9 ޕަސެންޓް ވޯޓެވެ.