14 އެޕްރީލް 2021 - 14:25

ޓޫރިޒަމް ދާއިރާގައި މި ވަގުތު މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން 90 ޕަސެންޓު މީހުންނަށް ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޯޒު ޖަހާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.
ދުނިޔޭގެ އެންމެ މަޝްހޫރު ވިޔަފާރި ޗެނަލްތަކުގެ ތެރޭގައި ހިމެނޭ ސީއެންބީސީގެ ޕްރޮގްރާމެއްގައި މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް ކުރިއެރުވުމަށް މިއަހަރު ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން، ވެކްސިން ޑެސްޓިނޭޝަނެއްގެ ގޮތުގައި ރާއްޖެ ހެދުމަށް މިހާތަނަށް ޓޫރިޒަމް ދާއިރާގެ ގިނަ ބަޔަކަށް ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މައުސޫމް "މިހާރު" އަށް ވިދާޅުވީ މީގެ ތެރެއިން ބައެއް މުވައްޒަފުންނަށް ދެ ވަނަ ޑޯޒު ޖެހުން އަންނަ ހަފުތާއިން ފެށިގެން ކުރިއަށްދާނެ ކަމަށެވެ.
"މިހާތަނަށް 90 ޕަސެންޓު މުވައްޒަފުން ފުރަތަމަ ޑޯޒު ޖަހައިފި. ކުރިއަށް އޮތް ހަފުތާގެ ތެރޭގައި ދެ ވަނަ ޑޯޒް ވެސް ޖެހޭނެ. އުއްމީދުކުރަނީ ވަރަށް އަވަހަށް މި ދާއިރާގެ އެންމެނަށް ވެކްސިން ޖަހައި ނިމޭނެ ކަމަށް،" މައުސޫމް ވިދާޅުވި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުގައި އިއްޔެގެ ނިޔަލަށް 32،000 އަށްވުރެ ގިނަ ރިސޯޓު މުވައްޒަފުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހައިފަ އެެވެ. އަދި ގިނަ ލިވަބޯޑާއި ގެސްޓުހައުސްތަކުގެ އިތުރުން ވެލާނާ އިންޓަނޭޝަން އެއާޕޯޓުގައި ރިސޯޓު ރެޕުންގެ ގޮތުގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ މުވައްޒަފުން ވެސް ވެކްސިން ޖަހާފައިވާ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.
ރާއްޖެ އަކީ ވެކްސިން މަންޒިލެއްގެ ގޮތުގައި ޕްރޮމޯޓު ކުރުމަށް "ވިޒިޓް، ވެކްސިނޭޓެޑް، ވެކޭޝަން"ގެ ނަމުގައި ޕްރޮޖެކްޓެއް ފަށަން ޓޫރިޒަމް މިނިސްޓްރީން އަންނަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް މި ޕްރޮގްރާމް ފަށާނީ ރައްޔިތުންނަށް ވެކްސިންގެ ދެ ޑޯޒު ދީ ނިމުމުން ކަމަށް މައުސޫމް ވިދާޅުވި އެވެ.